Roadha Mihaaru
އައްޑޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި

އައްޑޫން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމުކޮށްފި

17 އޯގަސްޓް 2023

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތިދޭން ނިންމައި ވަގުތީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތިދޭން ނިންމައި ވަގުތީ ލިސްޓް މިއަދު އާންމުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ކައުންސިލްގެ ވެބްސައިޓާއި ގެޒެޓްގައި ލިސްޓް އާންމުކޮށްފަ އެވެ.

ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައި ވާއިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

އިތުރަށް ދޭން ނިންމާފައިވާ ގޯތިތަކުގެ ތެރޭގައި ކައިވެނިނުކޮށް ތިބި ޒުވާނުންނަށް ދޭ ގޯތި ހިމެނެ އެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު، ހިތަދޫން ގޯތި ދޭން ނިންމާފައިވަނީ ހިތަދޫ އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫން ވެސް ދޭން ނިންމާފައި ވަނީ ބިން ހިއްކައިގެންނެވެ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.