Roadha Mihaaru
އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

06 ސެޕްޓެމްބަރ 2023

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންގެ ދާއިމީ ލިސްޓް އިއްޔެ އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ 1،000 ގޯއްޗަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންގެ ދާއިމީ ލިސްޓް އިއްޔެ އާންމުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ގޯތި ދޫކުރެވޭނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި ގޯތި ދޫކުރާނީ ގޯތި ދޫކުރުމަށް ފުރުސަތު ހުޅުވާލި އިއުލާނުގައިވާ ގޮތަށް އައްޑޫގެ ހަތަރު އަވަށަކުން 1،000 ގޯތި ކަމަށް އެ އިއުލާނުގައިވެ އެވެ.

ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ގޯއްޗަށް އެދި 4،160 ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެ އެވެ. ފުރަތަމަ 1،000 މީހުން ފިޔަވައި ބާކީ ތިބި މީހުންނަށް ގޯތި ދޭނީ ދެ ވަނަ މަރުހަލާގަ އެވެ.

ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރާނީ އަވަށްތަކަށް އިތުރުކުރި ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންމެނަށް ގޯތި ދޫކޮށް ނިންމާލެވޭނެ ކަމަށެވެ.

"މަސައްކަތްކުރަމުން މި ގެންދަނީ، ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1،000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޯތިތައް ލިބެން ޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުމަށެވެ،" ސިޓީ ކައުންސިލުގެ އިއުލާނުގައިވެ އެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު، ހިތަދޫން ގޯތި ދޭން ނިންމާފައި ވަނީ ހިތަދޫ އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫން ވެސް ދޭން ނިންމާފައި ވަނީ ބިން ހިއްކައިގެންނެވެ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލައިފަ އެވެ.