Roadha Mihaaru
އައްޑޫން ދޫކުރާ ގޯތިތަކުގެ ގުރުލުން ފަށަނީ

އައްޑޫން ދޫކުރާ ގޯތިތަކުގެ ގުރުލުން ބުދަ ދުވަހު ފަށަނީ

05 ފެބުރުއަރީ 2024

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި މީހުންގެ މެދުގައި އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ އެކި އަވަށްތަކުން ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި މީހުންގެ މެދުގައި އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ކުރިން ނިންމާފައި ވާތީ އާއި އިތުރަށް ދޫކުރާ ގޯތި ދޫކުރާނެ ތަންތަނާއި ގޯތީގެ ސައިޒު ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ މީހުންނަށް ދޭނެ ގޯތިތައް ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް ބުދަ ދުވަހު ފަށާނެ ކަމަށެވެ.

ގޯއްޗަށް ޝަރުތު ހަމަވާ އެންމެންގެ ދާއިމީ ލިސްޓެއް ވެސް އައްޑޫ ސިޓީ ކައުންސިލުން އެ އިއުލާނާ އެކު އާންމުކުރި އެވެ.

އައްޑޫން ގޯއްޗަށް އެދި 4،160 ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން 3،972 މީހެއްގެ ޝަރުތު ހަމަވެ އެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ގޯތި ދިނުމަށް ބިންތައް އެކަށައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އައްޑޫއިން އެންމެ ފަހުން ހިއްކި ސަރަހައްދު.-- ފޮޓޯ: ރިޒްނާ ޒަރީރު

އައްޑޫއިން އެންމެ ފަހުން ހިއްކި ސަރަހައްދު.-- ފޮޓޯ: ރިޒްނާ ޒަރީރު

އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތު ހަމަވެ، އެ ތަނުން ގޯތި ބޭނުންވާ އަވަށް އިހުތިޔާރު ނުކުރާ މީހުންނަށް ގޯތި ދޭން ހަމަޖެހިފައި ވަނީ އެ މީހެއް ރަށްވެހިވެފައިވާ އަވަށުން ކަމަށާއި އާއި އެގޮތަށް އެ މީހުން ލިސްޓުގައި ހިމަނައި ބާކީ ހުރި ލިސްޓުތަކުން އެ މީހުންގެ ނަންތައް އުނިކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެންމެންނަށް ގޯތި ދޫކޮށް ނިންމައިލެވޭނެ އެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެންމެ ފުރަތަމަ އިއުލާންކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.

ހިތަދޫން ގޯތި ދޭން ނިންމާފައި ވަނީ ހިތަދޫން އަލަށް ހިއްކި ސަރަހައްދުންނެވެ. ފޭދޫން ވެސް ދޭން ނިންމާފައި ވަނީ ހިއްކި ބިމުންނެވެ. ހުޅުދު އާއި މީދޫގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ އަވަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލައިފަ އެވެ.