Roadha Mihaaru
1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމުގެ ވައުދު

1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް މުއިއްޒުގެ ވައުދު

18 އޯގަސްޓް 2023

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެޑައިގެންފި އެވެ.

އިފްރާޒް އަލީ މ. މުލަކުން އިފްރާޒް އަލީ

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެޑައިގެންފި އެވެ.

މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުން ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެ ކުންފުނި ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ހައްޖު ފަންޑު އިންވެސްޓްކޮށްގެން ނަފާ ހޯދައި އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ. ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަކުރެވޭނީ އޭރުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޒަކާތު ފަންޑަކީ ވެސް އާންމުންނަށް އޭގެ ފައިދާކުރާ އެއްޗަކަށް ބަދަލުކުރުމުގެ ގޮތުން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ބާރު ލިބޭ އޮފީހެއް ވެސް އުފައްދަވާނެ ކަމަށެވެ. އޭރުން އެ ފަންޑުން އެކި ދާއިރާތަކަށް އިންވެސްޓްކޮށް، ފައިދާ އިތުރުވެ، ޒަކާތު ފަންޑަށް ލިބޭ ފައިސާ ވެސް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ކުރަން ޕްލޭންކޮށްފައިވާ ވަރަށް ގިނަ ކަންކަން އާންމުންނާ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

• ޗައިނާގެ ޓޫރިސްޓުން އިތުރުކުރުމަށް މޯލްޑިވިއަން އެއާލައިންގެ ފްލީޓަށް އެކަމަށް ހާއްސަ މަތިންދާބޯޓެއް ހަމަޖެއްސުން.

• ބޮޑު ކަންނެލީގެ ކިލޯއެއްގެ އަގު 80ރ. ގައި ކޮންޓްރޯލްކުރުން.

• މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލްގެ އަގު ކުޑަކޮށްދިނުން.

• މިފްކޯގެ ހިއްސާ މަސްވެރިންނަށް ވިއްކުން.

• މުލި-ނާލާފުށި ގުޅާލާ އެއް ކިލޯމީޓަރުގެ ކޯޒްވޭ ހެދުން.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މ. މުލަކުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވަކިވަކި ރަށްރަށަށް ވެސް މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.