Roadha Mihaaru
ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ!

ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ، އަންނަ މަހު އާ ރަންވޭ ބޭނުން ކުރާނެ

20 އޯގަސްޓް 2023

ހދ. ހަނިމާދޫ އެއާޕޯޓަށް ފޭބުމާ އެކު ވެސް ލޮލުގައި އަޅައިގަތީ އެ އެއާޕޯޓުގެ އެކި ސަރަހައްދުގައި އަވަދިނެތި އުޅުނު ލޭބަރުންނެވެ. ލޮރީތަކާއި ލޯޑަރުތަކާއި އެކްސްކެވޭޓަރުތައް އެއްކޮޅުން އަނެއް ކޮޅަށް ދުއްވާ މަންޒަރެވެ. މިއީ މީގެ 30 އަހަރު ކުރިން އެޅި ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއާޕޯޓުގެ މަންޒަރު ބަދަލުކޮށްލަން ސަރުކާރުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތެވެ.

ހދ. ހަނިމާދޫ އެއާޕޯޓަށް ފޭބުމާ އެކު ވެސް ލޮލުގައި އަޅައިގަތީ އެ އެއާޕޯޓުގެ އެކި ސަރަހައްދުގައި އަވަދިނެތި އުޅުނު ލޭބަރުންނެވެ. ލޮރީތަކާއި ލޯޑަރުތަކާއި އެކްސްކެވޭޓަރުތައް އެއްކޮޅުން އަނެއް ކޮޅަށް ދުއްވާ މަންޒަރެވެ. މިއީ މީގެ 30 އަހަރު ކުރިން އެޅި ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއާޕޯޓުގެ މަންޒަރު ބަދަލުކޮށްލަން ސަރުކާރުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތެވެ.

އެއާޕޯޓުގެ އާ ޕްރޮޖެކްޓާ އެކު 2.7 ކިލޯ މީޓަރުގެ ރަންވޭ އަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ވެސް ގާއިމް ކުރާނެ އެވެ.

އުތުރުގައި މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓު، ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެ ޕްރޮޖެކްޓްގެ މަސައްކަތުގެ ސްޕީޑު ޓައިމްލައިނަށް ވުރެ ވެސް އަވަހަށް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގައި ލޭބަރުން. އެތަނުގެ 20 ޕަސެންޓް ވަނީ ނިމިފައި-- ފޮޓޯ: މިހާރު

ހަނިމާދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގައި ލޭބަރުން. އެތަނުގެ 20 ޕަސެންޓް ވަނީ ނިމިފައި-- ފޮޓޯ: މިހާރު

މި ޕްރޮޖެކްޓް އިންޑިއާގެ ޖީއެމްސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ގަ އެވެ. އެ ޕްރޮޖެކްޓު ކުރިއަށް ގެންދާތާ 11 މަސްތެރޭ އޭގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމާލައިފަ އެވެ. އަދި ރަންވޭގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ޖޭއެމްސީގެ ފަރާތުން އެ ޕްރޮޖެކްޓްގެ ކަންކަމާ ހަވާލުވެ ހުންނެވި، ޕްރޮޖެކްޓް ޑައިރެކްޓަރު އިންދަރު ސިންގް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯ މީޓަރުގެ ރަންވޭ ހަދާ އިރު އޭގެ ތެރެއިން 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަސް ތެރޭ ނިމޭނެ ކަމަށެވެ.

ޕްރޮޖެކްޓްގެ މުހިއްމު މައުލޫމާތުތައް

- ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ

- އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ. އެ ރަންވޭގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. އަންނަ މަހު ރަންވޭގެ ބައެއް ބޭނުން ކުރަން ފަށާނެ-- ފޮޓޯ: އާރްއޭސީއެލް

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ. އެ ރަންވޭގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި. އަންނަ މަހު ރަންވޭގެ ބައެއް ބޭނުން ކުރަން ފަށާނެ-- ފޮޓޯ: އާރްއޭސީއެލް

އަންނަ މަހު އާ ރަންވޭ ބޭނުން ކުރާނެ

ހަނިމާދޫ އެއާޕޯޓުގެ އާ ޕްލޭންގެ ދަށުން ހަދާ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، މިހާރު ބޭނުން ކުރާ ރަންވޭގެ މައްޗަށް އާ ރަންވޭގެ 600 މީޓަރުވަރު އަރަ އެވެ. އެހެންވެ، އެއާޕޯޓުގެ ހިދުމަތް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އަލަށް ހަދާ ރަންވޭގެ 1.4 ކިލޯ މީޓަރު ނިމުނުހާ އަވަހަށް، އެ ބައި ބޭނުން ކުރަން ފަށައި، މިހާރު އޮތް ރަންވޭ ބަންދުކުރާނެ އެވެ.

ރީޖަނަލް އެއާޕޯޓްސް ސީއޯއޯ އަހުމަދު އިބްރާހިމް ވިދާޅުވީ، ފުރަތަމަ މަސައްކަތް ފެށި އިރު ރަންވޭ ނިންމަން އެއާޕޯޓު ބަންދު ކުރުމުގެ ވިސްނުން ހުރި ކަމަށާއި އެހެން ނަމަވެސް ކައިރި ރިސޯޓުތަކާ ވާހަކަދެއްކުމަށް ފަހު އެ އެއާޕޯޓު ބަންދުނުކޮށް، ރަންވޭގެ މަސައްކަތް ނިންމާނެ ގޮތެއް ހޯދީ ކަމަށެވެ.

ޖީއެމްސީގެ ޕްރޮޖެކްޓް ޑައިރެކްޓަރު އިންދަރު ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ނިންމަނީ އެ ރަންވޭގެ އުތުރާއި ދެކުނުގެ ސަރަހައްދު ކަމަށާއި، ރަންވޭގެ މެދަށްވާ ބައިގެ މަސައްކަތް ކުރާނީ އާ ރަންވޭގެ އެއް ބައި ބޭނުން ކުރަން ފެށުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ. ރަންވޭގެ ދެ ކޮޅުން އަންނަނީ މަސައްކަތްތައް ކުރަމުން-- ފޮޓޯ: މިހާރު

ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ. ރަންވޭގެ ދެ ކޮޅުން އަންނަނީ މަސައްކަތްތައް ކުރަމުން-- ފޮޓޯ: މިހާރު

"ރަންވޭގެ 1.2 ކިލޯ މީޓަރުގެ ސަރަހައްދަކީ، ކުރިން ޖަންގައްޔެއް ހެން އޮތް ސަރަހައްދެއް. ބޮޑެތި ގަސްތައް ހުރި ސަރަހައްދެއް. އެ ހުރިހާ ސަރަހައްދުގެ ގަސްތައް ކެނޑުމަށްފަހު، މުޅި ސަރަހައްދު ކްލިއާ ކޮށްގެން މި މަސައްކަތް ފެށީ. މި ސަރަހައްދުގެ ޑީބީއެމް ލޭޔަރާ ހަމައަށް މަސައްކަތް ނިމިއްޖެ. ދެން އޮންނާނީ ތާރުގެ އިތުރު ދެ ލޭޔަރު. މި މަސައްކަތް އެންމެ ލަސްވެގެން ސެޕްޓެމްބަރު 10 އަށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ބޭނުން ކުރާ ރަންވޭއިން އަލަށް ހަދާ ރަންވޭއަށް ނަގަނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށާއި އެ މަސައްކަތް ވެސް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ރަންވޭގެ ގްރީން ފީލްޑްގެ މަސައްކަތްތައް ފަށާނެ އެވެ.

ހަނިމާދޫ އެއާޕޯޓުގެ ބައެއް ކޮންސްޓްރަކްޝަން މަސައްކަތްތައް-- ފޮޓޯ: މިހާރު

ހަނިމާދޫ އެއާޕޯޓުގެ ބައެއް ކޮންސްޓްރަކްޝަން މަސައްކަތްތައް-- ފޮޓޯ: މިހާރު

އެ އެއާޕޯޓުގެ ހިދުމަތް ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 2:00 އަށް ބަންދު ކުރެ އެވެ. ކުރިން ދުވާލަކު ފަސް ފްލައިޓް ޖެއްސި ނަމަވެސް، މި ވަގުތު އެ އެއާޕޯޓަށް ޖައްސަނީ ދުވާލަކު ތިން ފްލައިޓެވެ. ބާކީ އަންނަ ފްލައިޓުތައް ވެސް ކުޅުދުއްފުއްޓަށް ވަނީ ޑައިވާޓްކޮށްފަ އެވެ.

"12 ގަޑިއިރު މަސައްކަތް މިކުރަނީ. އެެހެންވެ އެއީ ވެސް ޗެލެންޖެއް. އެހެން ނަމަވެސް މި ޕްރޮޖެކްޓް ނިންމާކަށް ޑެޑްލައިނަކަށް ބަދަލު ގެންނާކަށް ނުޖެހޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

އަންނަ މަހު ހުޅުވާ އާ ރަންވޭގެ 1.4 ކިލޯ މީޓަރުގެ ސަރަހައްދު ހުޅުވާނީ ނައިޓް ލޭންޑިންއާ އެކު ކަމަށާއި، އެހެންވެ، އެ އެއާޕޯޓުގެ މިހާރުގެ އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަންވޭގެ އިތުރުން އަލަށް ހަދާ އޭޕްރަން ސަރަހައްދުގައި ބޮޑު ތިން އެއާކްރާފްޓާއި ޖެނެރަލް އެއާކްރާފްޓުގެ ފަސް އެއާކްރާފްޓަށް އެއް ފަހަރާ ޕާކު ކުރެވޭނެ އެވެ.

ހއ. ހަނިމާދޫ އެއާޕޯޓުގައި ހަދާ އާރްއޯ ޕްލާންޓާއި ޕަވަ ޕްލާންޓް އިމާރާތް. އެ އިމާރާތުގެ ބޮޑު ބައެއް ވަނީ ނިމިފައި-- ފޮޓޯ:އާރްއޭސީއެމް

ހއ. ހަނިމާދޫ އެއާޕޯޓުގައި ހަދާ އާރްއޯ ޕްލާންޓާއި ޕަވަ ޕްލާންޓް އިމާރާތް. އެ އިމާރާތުގެ ބޮޑު ބައެއް ވަނީ ނިމިފައި-- ފޮޓޯ:އާރްއޭސީއެމް

ވަކި ވަކި އިމާރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ތަފްސީލު

- ރަންވޭ: 61 ޕަސެންޓް ނިމިފައި

- އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިން: 42 ޕަސެންޓް ނިމިފައި

- އެސެންޝަލް ސާވިސް (އާރްއޯ އާއި ޕަވާ ޕްލާންޓް): 63 ޕަސެންޓް

- ކާގޯ ބިލްޑިން: 30 ޕަސެންޓް ނިމިފައި

- ގްރައުންޑް ސަޕޯޓު އިކުއިޕްމެންޓް: 50 ޕަސެންޓް ނިމިފައި

- ޕެސެންޖާ ޓާމިނަލް: 21 ޕަސެންޓް ނިމިފައި

އެ ޕްރޮޖެކްޓް އެހާ ބާރު ސްޕީޑެއްގައި ކުރިއަށް ދަނީ އެ މަސައްކަތުގައި ގިނަ އަދަދެއްގެ ލޭބަރުން ބޭނުން ކުރާތީ އެވެ. އަދި އެއް ފަހަރާ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ އެވެ. އިންޑިއާގެ ޖީއެމްސީން އެ އެއާޕޯޓުގެ މަސައްކަތް ކުރަނީ 500 މުވައްޒަފުންނާ އެކު އެވެ. އަދި ޕްރޮޖެކްޓްގެ އެންމެ ޕީކަށް ދިއުމުން މަސައްކަތު މުވައްޒަފުންގެ އަދަދު 900 އަށް އަރާނެ ކަމަށް ޖޭއެމްސީން ބުންޏެވެ. މި ޕްރޮޖެކްޓް އަންނަ އަހަރުގެ އޮގަސްޓަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.