Roadha Mihaaru
ނިޔާޒާ: މޮޅަދޫން ދައްކައިދޭ ހިތްވަރު

ނިޔާޒާ: މޮޅަދޫން ދައްކައިދޭ ހިތްވަރު

05 ފެބުރުއަރީ 2017

އެ ހިތްވަރު، ހއ. މޮޅަދޫ، ނަލަހިޔާ، ފާތުމަތު ނިޔާޒާ 42، ނެރުނީ ކިހިނެއް ކަމެއް ނޭނގެ އެވެ؛ އުޅެން ޖެހުނު ހިތްދަތި ދިރިއުޅުން އެ ވަނީ އުފާވެރި ކަމަށް ބަދަލުކޮށްފަ އެވެ. ކުރަން ނޭނގޭ ހުރިހާ ކަމެއް ދަސްކުރީ އެވެ. މިހާރު އެއީ، މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅަދާނަ އަންހެނެކެވެ.

އެ ހިތްވަރު، ހއ. މޮޅަދޫ، ނަލަހިޔާ، ފާތުމަތު ނިޔާޒާ 42، ނެރުނީ ކިހިނެއް ކަމެއް ނޭނގެ އެވެ؛ އުޅެން ޖެހުނު ހިތްދަތި ދިރިއުޅުން އެ ވަނީ އުފާވެރި ކަމަށް ބަދަލުކޮށްފަ އެވެ. ކުރަން ނޭނގޭ ހުރިހާ ކަމެއް ދަސްކުރީ އެވެ. މިހާރު އެއީ، މަދުން ނޫނީ ނުފެންނާނެ ވަރުގެ ކުޅަދާނަ އަންހެނެކެވެ.

ކުރަން ނޭނގޭ މަސައްކަތެއް އޭނާއާ ހަވާލެއް ނުކުރެވޭނެ އެވެ. ވަޑާންކުރުމާއި ރޭނުމާއި ކަރަންޓް ވައިރު ކުރުން ނުވަތަ މަހަށް ދާން ޖެހުނަސް ފަހަތަކަށް ނުޖެހެ އެވެ. މިކަހަލަ ހުރިހާ މަސައްކަތަކީ ވެސް އޭނާ އަށް، ޒަމާނުގެ ބަހުރުވައިން ނަމަ، މެޓައެއް ފަދަ ކަމެކެވެ.

ތިން ދަރިންނާ އެކު މި ރަށުގައި، އޭނާ ދިރިއުޅޭ ގޭތެރެއަށް ބަލާލުމުން އެކަނި ވެސް އެކަން ސާފުވެ އެވެ. ދިރިއުޅެން ގެއެއް އެޅީ، އެހެން އެއްވެސް މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށެވެ. ގޭގެ ފުރަތަމަ މުޑިން ފެށިގެން ގޮސް ހިޔާކުރުމާއި ކަރަންޓް ވައިރު ކުރީ ވެސް އޭނާ އެވެ.

ސްކޫލަށް ދާ، ތިން ދަރިންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އަމިއްލަ އަށް ހޯދާ އާމްދަނީންނެވެ. ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެކަމަކު މާ ބޮޑު ޝަކުވާއެއް ނެތި، ހުރިހާ ވަގުތެއް ހޭދަކުރަނީ މަސައްކަތުގަ އެވެ.

ފަންގި ވިންނަން ނިޔާޒާ ތައްޔާރުވަނީ: އެހެން މީހެއްގެ އެހީއަކަށް ބެލުމެއް ނެތް --ފޮޓޯ: އަހްމަދު އަޝްރަފް

ފަންގި ވިންނަން ނިޔާޒާ ތައްޔާރުވަނީ: އެހެން މީހެއްގެ އެހީއަކަށް ބެލުމެއް ނެތް --ފޮޓޯ: އަހްމަދު އަޝްރަފް

ތިން ދަރިންނާ އެކު އެކަނި ދިރިއުޅޭތާ 14 އަހަރު!

އެކަނިވެރި ދިރިއުޅުމެއް އުޅެން ނިޔާޒާ އަށް މަޖުބޫރުވީ، ލޯބިން ކުރި ކައިވެނީގައި މައްސަލަ ޖެހި ދެމަފިރިން ވަކިވި ހިސާބުންނެވެ. ދެ އަންހެން ކުދިންނާއި ފިރިހެން ދަރިފުޅާ އެކު ފުރަތަމަ އޭނާ އުޅުނީ އާއިލާގެ ގެއެއްގަ އެވެ. އޭނާ އަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، ތިން ދަރިންގެ ހަރަދު ނުބެލެހެއްޓި މައްސަލަތައް ޖެހެން ފެށީ އެވެ. އެހެންވެ މާ ގިނަ ދުވަހަކު އެގޭގައި ނޫޅެވުނެވެ. އެ ގެއިން ނިކުމެގެން ދެން ބަދަލުވީ، ނިޔާޒާ ބުނި ގޮތުގައި، އެ ރަށުގައި ހުރި މީހުން ދިރިނޫޅޭ ފަޅު ގެއަކަށެވެ.

ދެ އަހަރު އެ ގޭގައި އުޅުމަށް ފަހު، ނިކުންނަން އެންގުމުން ދެން އަނެއްކާވެސް ދާން ޖެހުނީ އެހެން ގެއަކަށެވެ.

އެ ގަނަތެޅުމުގެ ބަދަލުގައި، އެ ރަށުން އޭނާ އަށް ލިބިފައި އޮތް ގޯތީގައި ގެއެއް އެޅުމުގެ ވިސްނުން އައީ އެ ހިސާބުން ކަމަށް ނިޔާޒާ ބުންޏެވެ. މާލީ ގޮތުން ތަނަވަސްކަމެއް ނެތަސް ނިޔާޒާގެ ވިސްނުން ހުރީ އޭރު ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން އަމިއްލަ އަށް ދިރިއުޅެވޭވަރުގެ ބޯހިޔާވަހި ކަމެކެވެ.

"އެހެން ހިތަށް އަރާފައި ގޭގެ ފުރަތަމަ މުޑި ވެސް އަޅުގަނޑު ޖެހީ،" އަސަރާ އެކު ނިޔާޒާ ކިޔައިދިނެވެ.

ނިޔާޒާގެ ގެ: މިއީ އެހެން އެއްވެސް މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށް އެޅި ގެއެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ނިޔާޒާގެ ގެ: މިއީ އެހެން އެއްވެސް މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށް އެޅި ގެއެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ދެ ކޮޓަރީގެ އެ ގޭގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައި ވަނީ ވަކަރާއި ޓިނެވެ. އޭގެ ތެރޭގައި ބައެއް މީހުން ހަދިޔާކޮށްފައި ހުރި ޓިނާއި ވަލަށް އުކާލުމުން ހޮވާފައި ހުރި ވަކަރު ފަދަ ތަކެތި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"ގޭގައި ބޭނުންކޮށްފައި މިހިރަ ހޮޅިތައް ބުރިކުރިއަސް، ފިލާ ކީހަން ވިއަސް ޓިނު ކަފަން ވިއަސް ކަރަންޓް ވައިރު ކުރަން ޖެހުނަސް ރޭނުމަކަސް ތަޅުން އެޅިއަސް ހުރިހާ ކަމެއް އަޅުގަނޑުގެ ދެ އަތުން ކޮށްފައި މިހިރީ،" ނިޔާޒާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ގޭގެ މަސައްކަތް ފެށިތާ ފަސް މަސް ތެރޭގައި އެއްކޮށް ނިންމައި އެ ގެއަށް ބަދަލުވެއްޖެ އެވެ. އެ ހިސާބުން ގޭގައި އާއްމުކޮށް ފިރިހެނުންކޮށް އުޅޭ ހުރިހާ މަސައްކަތެއް ކުރަނީ ވެސް އޭނާ އެވެ. ގޭގެ ދޮންނަ މެޝިނާއި ޓީވީ އަދި މޯބައިލް ފޯނެއްގައި މައްސަލަ ދިމާވިއަސް މަރާމާތުކޮށްލަ އެވެ. އެކަންކަމުގައި އޭނާގެ މާ ބޮޑު ހާސްކަމެއް ނެތެވެ.

ފަންގި ވިނުމާއި ކަނަމަދު

އާބާދީ ކުޑަ، ހަމަހިމޭން އެކަމަކު ބިން ބޮޑު މި ރަށުގެ ރައްޔިތުންގެ އާމްދަނީ ބަރޯސާވެފައި އޮތީ ފަންގި ވިނުމާއި ކަނަމަދު ވިއްކުމަށެވެ. ފަންގި ހޯދަން ރިސޯޓުތަކުގެ ޑިމާންޑް ބޮޑެވެ. އެކަމަކު އެކި ރަށްރަށާއި ރިސޯޓްތަކުގެ މީހުން ބޭނުންވާ އަދަދަށް އެ ރަށުން ފަންގި ލިބޭ ގޮތެއް ނުވެ އެވެ.

މި ދެ މަސައްކަތުގައި ވެސް ނިޔާޒާ ފަހަތަށް ޖައްސާލެވޭވަރުގެ މީހަކު މި ރަށުގައި ހުރިހެންނެއް ހިއެއް ނުވެ އެވެ. އާއިލާގެ އެންމެން ގުޅިގެން ވިންނަ ފަންގީގެ އަދަދާއި ނިޔާޒާ އެކަނި ވިންނަ އަދަދު އަޅާނުބެލޭނެ އެވެ.

ރިސޯޓަކަށް ވިއްކަން ތައްޔާރުކޮށްފައި ހުރި ފަންގި ބޮނޑިތަކެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ރިސޯޓަކަށް ވިއްކަން ތައްޔާރުކޮށްފައި ހުރި ފަންގި ބޮނޑިތަކެއް. --ފޮޓޯ: އަހްމަދު އަޝްރަފް

ވަލު ތެރޭގައި ރުއްތަކަށް ކަރު ދިއްކޮށްގެން ހުރެ ފަން ކެނޑުމަކީ ހަށިގަނޑަށް ފަސޭހަ ކަމެއް ނޫނެވެ؛ އެގޮތަށް ކޮންމެ މީހަކު ނުވެސް އުޅޭނެ އެވެ. ފަންގި ވިންނަން ބޭނުންކުރާ ފަން ކަނޑަނީ ވެސް އަމިއްލަ އަށެވެ. އޭނާ ވިންނަ ފަންގީގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާތީ އެވެ.

ނިޔާޒާ ބުނިގޮތުގައި އާއްމުކޮށް އޭނާ ފަންގި ވިންނަނީ ރޭގަނޑެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން ދެ ބޮޑި ފަންގި ވިނުމަކީ އޭނާ އަމިއްލަ އަށް ކަނޑައަޅާފައި އޮންނަ އަޒުމެކެވެ. އެގޮތަށް ވިންނަމުން ގޮސް، މަސް ނިމޭއިރު ރަނގަޅު އާމްދަނީއެއް ލިބޭވަރު ކުރެ އެވެ.

"ޑިމާންޑާ އެއްވަރަށް އަޅުގަނޑަށް ނުވެފައި އޮންނަނީ. އާއްމުކޮށް އަޅުގަނޑު ވިންނަނީ މަހެއްގެ މައްޗަށް 60 ބޮނޑި. ގިނައިން ވިންނަ ވަރަކަށް ގިނަ ފައިސާ ލިބޭ. ބައެއް ފަހަރަށް 5،000 ނޫނީ 6،000ރ. ވެސް ލިބޭ،" ނިޔާޒާ ބުންޏެވެ.

ފަންގިއާ އެއްކޮށް ކަނަމަދު ވެސް ކޮންމެ މަހަކު ރަށުން ބޭރުކުރެ އެވެ. ކަނަމަދު ލާއްސެއް ވިއްކަނީ 65ރ. އަށެވެ.

"ކަނަމަދު ބަސްތާއަކުން ފަސް ލާހި ނުވަތަ ހަ ލާހި ލިބޭ. އެއިން ވެސް ރަނގަޅު އެއްޗެއް ލިބޭ،" ނިޔާޒާ ބުންޏެވެ.

ނިޔާޒާ ކަނަމަދު ފަޅަނީ: ލާއްސެއް ވިއްކަނީ 65ރ. އަށް. --ފޮޓޯ: އަހްމަދު އަޝްރަފް

ނިޔާޒާ ކަނަމަދު ފަޅަނީ: ލާއްސެއް ވިއްކަނީ 65ރ. އަށް. --ފޮޓޯ: އަހްމަދު އަޝްރަފް

މި ދެ މަސައްކަތް މި ރަށުގައި ނުކުރާ އަންހެނަކު ވަރަށް މަދެވެ. އެހެންވެ، ކުރިން މަދު ލިބޭހާ ގިނައިން މިހާރަކު ނުލިބެ އެވެ. އެކަމަކު ބައެއް މަސްތަކުގައި އޭނާ އެކަނި 14-15 ބަސްތާ މަދު ފަޅަ އެވެ.

"މި 14 އަހަރު ތެރޭގައި އަޅުގަނޑުގެ މުޅި ދިރިއުޅުން މި ހިފަހައްޓަނީ މި ދެ މަސައްކަތުން،" ނިޔާޒާ ބުންޏެވެ.

އޭނާގެ އާމްދަނީ އަކީ ތިން ކުދިންގެ ދިރިއުޅުމުގެ ލޭ ނާރެވެ. އަސާސީ ޚަރަދުތަކުގެ އިތުރުން އަންހެން ދަރިފުޅުގެ ދެ ލޮލުގެ ބޮޑު އޮޕަރޭޝަނެއް އަވަށްޓެރި އިންޑިއާގައި ކުރީ ވެސް އެ އާމްދަނީންނެވެ. ގިނަ އަދަދެއްގެ ފައިސާ ހޭދަވި އެ އޮޕަރޭޝަން، އެހެން މީހެއްގެ އެހީއަކާ ނުލައި ކުރެވުމަކީ ނިޔާޒާގެ މުޅި ދިރިއުޅުމުގައި ވެސް ފަހުރުވެރިވާ ކަމެކެވެ.

ނިޔާޒާ ގަބޫލުކުރާ ވިސްނުމަކީ މި އެވެ؛ އެކަނި ދިރިއުޅެން ޖެހުނަސް ހިތްވަރާ އެކު މަސައްކަތް ކުރަން ކެރިއްޖެ މީހަކަށް ގެއްލުމެއް ނެތެވެ.

ނިޔާޒާ ފަންގި ވިންނަނީ: ފަންގީގެ ޑިމާންޑު ބޮޑު ކަމަށް އޭނާ ބުނޭ. --ފޮޓޯ: އަހްމަދު އަޝްރަފް

ނިޔާޒާ ފަންގި ވިންނަނީ: ފަންގީގެ ޑިމާންޑު ބޮޑު ކަމަށް އޭނާ ބުނޭ. --ފޮޓޯ: އަހްމަދު އަޝްރަފް

"މިސާލަކަށް، އެ ދުވަހު އަޅުގަނޑު ވަރިކޮށްފައި ފިރިމީހާ ދިޔައިމަ މި މަސައްކަތްތައް ނުކުރި ނަމަ އަޅުގަނޑު އުޅޭނީ ކިހިނެއް؟ ކައިރީގައި ފިރިއަކު ނެތް ކަން އެކަނި، އެ ނޫން ހުރިހާ އުފަލެއް އަޅުގަނޑަށް ލިބޭ،" ނިޔާޒާ ބުންޏެވެ.

ދަރިން ބެލުމާއި އާމްދަނީ ހޯދުމުގެ އިތުރުން ރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ނިޔާޒާ އިސްކޮށް އުޅެ އެވެ. ރަށުތެރެ ސާފުކުރުމާއި ކުޅިވަރު ކުޅުން އަދި ރަށުގެ އެކުވެރިކަން ބަދަހިކުރަން ހިންގާ އެހެން ހަރަކާތެއް ވިއަސް އޭނާގެ ބައިވެރިވުން ބޮޑެވެ.

ނިޔާޒާގެ އަމާޒަކީ މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ގެ ހެދުމެވެ. އެ ހިތްވަރު އޭނާގެ އެބަ ހުއްޓެވެ. ދިރިއުޅުމުގައި އޭނާ ހިތްހަމަޖެހުން ހޯދަނީ މިގޮތަށެވެ. އަމިއްލަ އަތުން ކުރާ މަސައްކަތުންނެވެ.