Roadha Mihaaru
ޕީއެސްއެމްއަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް

ޕީއެސްއެމްއަށް އަނެއްކާވެސް ދަރަނީގެ ހުކުމެއް، މިފަހަރު 700،000ރ.

21 އޯގަސްޓް 2023

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އަމިއްލަ ފަރާތަކުން ސަޕްލައިކޮށްދިން މުދާތަކެއްގެ އަގަށްވާ 700،000ރ. ނުދައްކާ އޮތުމުން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އަމިއްލަ ފަރާތަކުން ސަޕްލައިކޮށްދިން މުދާތަކެއްގެ އަގަށްވާ 700،000ރ. ނުދައްކާ އޮތުމުން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ޕީއެސްއެމް އަށް ސަޕްލައިކޮށްދިން ތަކެއްޗަށްވާ ފައިސާގެ ތެރެއިން 752،816ރ. ނުދައްކާ އޮތުމުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާއަށް އެ ކުންފުނިން ޖަވާބުދާރީ ވެސް ނުވެ އެވެ.

މަދަނީ އިޖުރާއަތުގައި ބުނާ 14 ދުވަސް ތެރޭގައި ޕީއެސްއެމް އިން ޖަވާބު ހުށަހަޅާފައިނުވާތީ، ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ވަނީ ޣައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފަ އެވެ. އެއީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޮތް ފުރުސަތަކަށްވާތީ ސިވިލް ކޯޓުން ނިންމީ ޕީއެސްއެމްގެ ޣައިރު ހާޒިރުގައި ހުކުމް ކުރާށެވެ.

މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ޕީއެސްއެމް އަށް ފޯރުކޮށްދިން ތަކެއްޗަށްވާ ފައިސާގެ ތެރެއިން 752،816ރ. ނުދައްކާ އެބަ އޮތް ކަމާއި، އެއީ އެ ކުންފުންޏަށް ޕީއެސްއެމް އިން ދައްކައި ހަލާސްކުރަން ޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޕީއެސްއެމްގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޕީއެސްއެމްގެ މައްޗަށް މި ހުކުމް އައިރު، މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ދަރަންޏަކާ ގުޅިގެން ސިވިލް ކޯޓުން ޕީއެސްއެމްގެ މައްޗަށް އަމުރެއް ނެރެފަ އެވެ. އެއީ އެ ކުންފުނީގެ މައްޗަށް ސާބިތުވެފައި އޮތް ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީ، ހުކުމް ތަންފީޒު ކުރެވެންދެން ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހުއްޓާލުމަށް އަންގައި ނެރުނު އަމުރެކެވެ.

އެ މައްސަލާގައި އާޓިސަން ޕްރައިވެޓް ލިމިޑެޓަށް ޕީއެސްއެމް އިން ދައްކަން ހުކުމްކޮށްފައިވަނީ 4،516،697ރ. އެވެ.

ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ކޯޓުން ހުއްޓުވާފައިވާއިރު، ދަރަނީގެ އެހެން ބައެއް މައްސަލަތައް ވެސް އެ ކުންފުނީގެ އެބަ އޮތެވެ.