Roadha Mihaaru
ޕީއެސްއެމުން 4މިލިއަން ދޭން ކުރި ހުކުމް އިސްތިއުނާފަށް

ޕީއެސްއެމުން 4 މިލިއަން ދައްކަން ކުރި ހުކުމެއް އިސްތިއުނާފް ކުރަނީ

14 މެއި 2021

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ ބިލްޑިންގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގެ މަސައްކަތުގެ އަގު ހޯދުމަށް އާޓިސަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުންޏަށް ހަތަރު މިލިއަނެއްހާ ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ ބިލްޑިންގައި ހަދާފައިވާ އެގްޒެކެޓިވް ބިއުރޯގެ މަސައްކަތުގެ އަގު ހޯދުމަށް އާޓިސަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކުންފުންޏަށް ހަތަރު މިލިއަނެއްހާ ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ، އެގްޒެކެޓިވް ބިއުރޯގެ މަސައްކަތަކީ އާޓިސަން ކުންފުނީގެ ފަރާތުން ކުރި މަސައްކަތެއް ކަމަށް ބުނެ އެ މަސައްކަތްތަކުގެ އަގު ހޯދުމަށް ޕީއެސްއެމަށް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ މަސައްކަތާ އެކަށީގެންނުވާ ބޮޑު އަގެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އިންވޮއިސްތަކުގައިވާ މަސައްކަތްތައް ކުރީ އެހެން ބަޔަކާ ހަވާލުކޮށްގެން ކަމަށާއި އެ ކަމަށްވާ އަގު ދައްކާ ހަލާސް ވެސް ކޮށްފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، އެ އިންވޮއިސްތައް އުނި ނުކޮށް އިންވޮއިސްތަކަށް ފައިސާ ހޯދަން ކުންފުނިން ހުށަހެޅުމުން ޕީއެސްއެމުން އެކަމަށް އިންކާރު ކުރީ އެވެ. އެ މައްސަލަ އާޓިސަންގެ ފަރާތުން ކޯޓަށް ހުށަހެޅީ، ގެއްލުމުގެ ބަދަލާ އެކު ފައިސާ ހޯދާށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓުން މިދިޔަ މަހު 29 ގައި ހުކުމްކުރީ ފައިސާ ދައްކާ ހަލާސްކުރި އިންވޮއިސްތައް އުނިނުކޮށް، އެކަމަކު ގެއްލުމުގެ ބަދަލު ނުހިމަނާ އަދި ގާނޫނީ ވަކީލު ފީގެ ގޮތުގައި ހުށަހަޅާފައިވާ ތިން ލައްކަ ރުފިޔާގެ ތެރެއިން 16،000ރ. އާ އެކު 4.52 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އާޓިސަނަށް ދެއްކުމަށެވެ.

ޕީއެސްއެމްގެ ބަޔާނުގައި ބުނީ އެގްޒެކްޓިވް ބިއުރޯ އިން ކޮށްފައިވާ މަސައްކަތަކީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފަށް، އެ މަސައްކަތް ހަވާލުކުރުމާ ގުޅޭ ސައްހަ ލިޔެކިޔުމެއް ނެތި، އުސޫލާ ހިލާފަށް ބަޔަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެއްކަން އެނގޭ ކަމަށެވެ.

އެ މަސައްކަތް ކުރީ އާޓިސަން ކިޔާ ކުންފުންޏަކުން ކަމަށް ބުނެ، އެ މަސައްކަތުގެ ފައިސާ ހޯދުމަށް ހުށަހެޅި އިންވޮއިސްތަކުގައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއްކަން ޕީއެސްއެމްގެ ފަރާތުން އެކުލަވާލި އޮޑިޓް ޓީމުގެ އޮޑިޓުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މި މަސައްކަތް އޮޑިޓްކުރިއިރު މި މަސައްކަތުގެ އަގު އާޓިޝަން ޕްރައިވެޓް ލިމިޓެޑުން ހޯދަން އެދިފައިވާ އަގުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ކުޑަކަން ވަނީ ފާހަގަކުރެވިފައި،" ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ މަސައްކަތާއި މަސައްކަތުގެ ފެންވަރަށް ބެލުމުން އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގަކަށްވާތީ މަަސައްކަތުގެ އަސްލު އަގު ހޯދަން ޝަރީއަތުން ކަނޑައަޅާ ކޮމެޓީއަކުން އަގުކުރުމަށް ހުށަހެޅި ނަމަވެސް ހުކުމް ކުރީ އެކަމަށް ވެސް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންވެ، ހުކުމް އިސްތިއުނާފްކުރަން ނިންމީ ކަމަށް ބަޔާނުގައިވެ އެވެ..

ކުރީގެ ރައީސް އަބްދުﷲ ޔާމީންްގެ ސަރުކާރު ބަދަލުވުމުން ޕީއެސްއެމްގެ މެނޭޖްމަންޓް ބަދަލުކުރުމާ އެކު އެތަނާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވި އެވެ. ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރޭ މައްސަލަތައް ބައެއް ކުންފުނިތަކުން ކޯޓަށް ހުށަހަޅާފައިވެ އެވެ.