Roadha Mihaaru
ޑރ. ޝަހީމާއި އަނާރާގެ ތާއީދު މުއިއްޒަށް

ޑރ. ޝަހީމާއި އަނާރާގެ ތާއީދު މުއިއްޒަށް

25 އޯގަސްޓް 2023

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވަން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވަން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ނިންމަވައިފި އެވެ.

ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި އަހަރުގެ އިންތިހާބުގައި އެކުވެރި މުއިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނީ ފަހުން ކަމަށް ވިދާޅުވި އެވެ.

އޭނާއަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި، ޔާމީންގެ ރަނިންމޭޓެވެ. އެކަމަކު، އެ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ސިޔާސީ ދާއިރާއިން ދުރަށްޖެހިވަޑައިގަތެވެ.

ޝަހީމް، މުއިއްޒަަށް ތާއިދުކުރައްވަން ނިންމެވިއިރު، އޭނާ ސަރުކާރާ ގުޅިވަޑައިގަންނަވަނީ ކަމަށް ޕީޕީއެމްގެ މެންބަރުން ތުހުމަތު ވެސް ކުރި އެވެ.

ޕީޕީއެމްގެ ސެނެޓްގެ ވަޓްސްއެޕް ގްރޫޕުގައި މެންބަރުން ޝަހީމް އާ އެ ސުވާލު ކުރުމުން އޭނާ ހިތްހަމަނުޖެހުން ވެސް ފާޅުކުރެއްވި އެވެ.

"ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013-2023 ދިހަ އަހަރު ޕީޕީއެމް އަށް ކުރި ހިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

އެ ހިތްހަމަނުޖެހުންތަކާ ގުޅިގެން، ޝަހީމް ވަނީ ސިޔާސީ މުސްތަގުބަލާ މެދު އޭނާގެ ނިންމުން މާދަމާ އިއުލާނުކުރައްވާނެ ކަމަށް، އޮގަސްޓް 9 ގައި ޓްވީޓުކުރައްވައިފަ އެވެ. އެކަމަކު، ޖެހިގެން އައި ދުވަހު އިއުލާނެއް ނުކުރައްވަ އެވެ.

ސިޔާސީ ދާއިރާއިން ދުރުގައި ހުންނެވި އަނާރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހިންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމުގެ ޔަގީންކަން އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައިވާ ކަމަށެވެ.