Roadha Mihaaru
އަދާލަތުގެ ފައުންޑިން މެންބަރުންތަކެއް މުއިއްޒާ އެކު

ތަފާތު މަންޒަރެއް، އަދާލަތުގެ މެންބަރުންތަކެއް މުއިއްޒަށް މަރުހަބާ ކިޔަން

26 އޯގަސްޓް 2023

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވިއިރު އެއާޕޯޓް ސަރަހައްދުގައި ކޮޅާކޮޅު ފެންނަން ދިގު ސަފެއް ދަމާލާފައި އޮތެވެ. އެ ސަފުގެ މެދެއްހާ ހިސާބުން އަދާލަތުގެ ޕާޓީގެ ފެހި ކުލައިގެ ޓީޝާޓް ލައިގެން ބަޔަކު ތިބި މަންޒަރު ފެނެ އެވެ.

ނާޒިމް ހަސަން ފުވައްމުލައް ނާޒިމް ހަސަން

އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވިއިރު އެއާޕޯޓް ސަރަހައްދުގައި ކޮޅާކޮޅު ފެންނަން ދިގު ސަފެއް ދަމާލާފައި އޮތެވެ. އެ ސަފުގެ މެދެއްހާ ހިސާބުން އަދާލަތުގެ ޕާޓީގެ ފެހި ކުލައިގެ ޓީޝާޓް ލައިގެން ބަޔަކު ތިބި މަންޒަރު ފެނެ އެވެ.

އެއީ، އަދާލަތު ޕާޓީ ވުޖޫދުވިއިރު އެ ޕާޓީއާ ގުޅުނު ފުވައްމުލަކު އިސް، ފައުންޑިން މެންބަރުންތަކެވެ. އެމީހުން މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތީ މިހާރު އޮތް އާދަލަތު ޕާޓީއަށް ތާއިދު ނުކުރާކަން ހާމަކުރާށެވެ. މުއިއްޒުގެ ސިޔާސީ ކެރިއަރު ފެއްޓެވީ ވެސް އަދާލަތު ޕާޓީންނެވެ.

ދީނާ ގުޅޭ ސިޔާސަތުތަކަށް އިސްކަންދޭ އަދާލަތު ޕާޓީން މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަނުގަ އެވެ. ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސްއާ އެކު ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.

"އަސްލު ހަގީގީ އަދާލަތެއް މިހާރަކު ނެތް. އަދާލަތު މިއޮތީ ދެ ފަޅި ވެފައި. ހަގީގަތުގައި އަދާލަތުގެ ސިޔާސަތަށް ލޯބިކުރާ ފަޅި މިހާރު ތިބީ އެއްކައިރީގައި. ލީޑަޝިޕަކު ނޫން،" މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުމެ ހުރި އަދާލަތު ޕާޓީގެ މެންބަރު މުހައްމަދު މުއްތަލިބު ބުންޏެވެ.

މުއްތަލިބު: އޭނާ ބުނާ ގޮތުން ޕާޓީ ވަނީ ދެބައިވެފައި - ފޮޓޯ: މިހާރު

މުއްތަލިބު: އޭނާ ބުނާ ގޮތުން ޕާޓީ ވަނީ ދެބައިވެފައި - ފޮޓޯ: މިހާރު

އޭނާ ބުނި ގޮތުގައި، މި ވަގުތު ތިބި ކެންޑިޑޭޓުންނަށް ބަލާއިރު އަދާލަތު ޕާޓީގެ ހަގީގީ ސިޔާސަތު ހިފައިގެން ކުރިއަށް ދެވޭނެ ކެންޑިޑޭޓަކީ މުއިއްޒެވެ. އެހެންވެ، އޭނާއާ އެކު އެހެން ވެސް އަދާލަތުގެ ފައުންޑިން މެންބަރުން އެގޮތުގައި މުއިއްޒަށް ތާއިދުކުރަނީ ކަމަށް ބުންޏެވެ.

މުއްތަލިބާ އެކު އެ ސަފުގައި އިތުރު 13 މީހަކު ތިއްބެވެ. އެ އެންމެންނަކީ ވެސް މިހާރު ވެސް އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ކަމަށް އެ މީހުން ބުނެ އެވެ.

އެމްޑީޕީއާ އެކު މަސައްކަތް ކުރުމަކީ އަދާލަތު ޕާޓީގެ އާންމު މެންބަރުން ހިތްރުހޭ ކަމެއް ނޫންކަން ފާހަގަ ކުރަމުން މުހައްމަދު އަބްދުالله ބުނީ، ހަރުދަނާ އިސްލާމީ ވަންތަ ސިޔާސަތަކާ އެކު ނުކުންނެވީ މުއިއްޒު ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކު މުއިއްޒާ އެކު،" އަދާލަތު ޕާޓީގެ ފުވައްމުލަކުގެ އިސް މުހައްމަދު ބުންޏެވެ.

މީގެ ތެރެއިން ބައެއް މީހުންގެ ނަން އަދިވެސް އަދާލަތު ޕާޓީގެ ދަފުތަރުގައި އޮތްއިރު އެހެން މީހުން ވަނީ ޕާޓީން ވަކިވެފަ އެވެ. އެމީހުން މިހާރު މަސައްކަތް ކުރަމުން ދަނީ ޕީޕީއެމްއާ އެކު އެވެ.

މުއިއްޒަށް މަރުހަބާ ދެންނެވުމަށް މިއަދު ނުކުމެ ތިބި އަދާލަތު ޕާޓީގެ މެންބަރުން: އެމީހުން ބުނާ ގޮތުން ޕާޓީ ވަނީ ދެބައިވެފައި - ފޮޓޯ: މިހާރު

މުއިއްޒަށް މަރުހަބާ ދެންނެވުމަށް މިއަދު ނުކުމެ ތިބި އަދާލަތު ޕާޓީގެ މެންބަރުން: އެމީހުން ބުނާ ގޮތުން ޕާޓީ ވަނީ ދެބައިވެފައި - ފޮޓޯ: މިހާރު

އަދާލަތު ޕާޓީގެ ފުވައްމުލަކު މެންބަރުންތަކެއް މުއިއްޒަށް މަރުހަބާކީ އިރު، އޭނާއާ އެކު އަދާލަތު ޕާޓީގެ ލީޑަޝިޕްގައި ކުރިން މަސައްކަތް ކުރެއްވި، ޑރ. މުހައްމަދު ޝަހީމް ވެސް ފުވައްމުލަކަށް މިއަދު ވަޑައިގެންނެވި އެވެ.

ޝަހީމްގެ އިތުރުން އަދާލަތު ޕާޓީ މަޖިލީހުގައި ތަމްސީލް ކުރެއްވި ހަމައެކަނި މެންބަރު ޑރ. އަނާރާ ނައީމް ވެސް ވަނީ މުއިއްޒަށް ތާއިދުކުރައްވާފަ އެވެ.

ފުވައްމުލަކަށް މިއަދު ހަވީރު މުއިއްޒު ވަޑައިގެންނެވުމުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެ އެވެ. ގިނަ އަދަދެއްގެ މީހުން ސަފު ހަދައި މުއިއްޒާ ސަލާމް ކުރުމަށް އެއްވެ ތިބިއިރު އެކަމަށް ގާތްގަނޑަކަށް 45 މިނެޓް ވަރު ހޭދަވި އެވެ.

އެތަނަށް އެއްވެ ތިބި މީހުންގެ ޝުއޫރަކީ، މި ސިޓީއަށް ކުރީގެ ރައީސް އަބްދުالله ޔާމީން ގެނެސްދެއްވަމުން ދިޔަ ތަރައްގީ އިޔާދަކޮށްދެއްވާނެ ވެރިޔަކީ މުއިއްޒެވެ.