Roadha Mihaaru
އެކަނިވެރިމައިންގެ އެލަވަންސް ބޮޑު ކުރަން ވައުދުވެއްޖެ

އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ

30 އޯގަސްޓް 2023

އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑު ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެ މެނިފެސްޓޯގައި ވަނީ، އެކަނިވެރިމައިންނަށް އެލަވަންސް ދިނުމުގައި ދަރިން ތިބޭ ނިސްބަތަކުން ކޮންމެ ކުއްޖަކަށް 3،000ރ. ގެ މަގުން އެލަވަންސް ބޮޑު ކުރާނެ ކަމަށެވެ.

އެކަނިވެރިމައިންނަށް މިހާރު އެލަވަންސް ދެނީ ކުދިންގެ ނިސްބަތުން ކޮންމެ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. ދަރިން އިތުރުވާ ވަރަކުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 10،000ރ. އާ ހަމައަށް މި އެލަވަންސް ލިބޭ ގޮތަށް 2019 ވަނަ އަހަރު ބަދަލު ގެނެސްފައިވެ އެވެ. އެކަނިވެރިމައިންނަށް 10،000ރ. ލިބޭނީ 10 ކުދިން ބަލާ ނަމަ އެވެ.

މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000ރ. އަށް ބޮޑު ކުރުމުން ހަތަރު ކުދިންނަށް ވުރެ ގިނައިން ދަރިން ތިބި މީހުންނަށް 12،000ރ. އެކަނިވެރިމައިންގެ އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ.

އެކަނިވެރިމައިންނަށް ދޭ އެލަވަންސްގެ އިތުރުން، އެކަނިވެރިމައިންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވެސް ފެށުމަށް މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ. ދެ ކޮޓަރީގެ 1،000 އެޕާޓްމެންޓް އެކަނިވެރިމައިންނަށް ހާއްސަ ކުރަން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

އަންހެނުންނަށް ހާއްސަކޮށް މުއިއްޒު ވައުދުވި ބައެއް ކަންކަން

- އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ސްޓާޓް-އަޕް ސްކީމެއް.

- ސިވިލް ސާވިސްގެ ސީނިއާ މެނޭޖްމެންޓުގައި އަންހެންނުން އިތުރު ކުރުން.

- ދެ ޖިންސުގެ ހަމަހަމަކަން އޮންނަ މަސައްކަތުގެ މާހައުލުތައް ފާހަގަކުރުމުގެ ގޮތުން އެފަދަ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތައް ސެޓިފައި ކުރުން.

- ބައިގެންދާ އަންހެނުނަށް ޕެއިޑް- ލީވް ދިނުން.

- ނެޝަނަލް މެޓާނިޓީ އެންޑް ޗަލްޑް ކެއާ ހޮސްޕިޓަލެއް ހެދުން.