Roadha Mihaaru
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ

މަޖިލިހަށް ނުކުންނަ އަންހެނުން ސްޕޮންސަ ކޮށްދޭން ވިޔަފާރިވެރިންގެ ކިބައިން މުއިއްޒު އެދިވަޑައިގެންފި

30 އޮކްޓޯބަރ 2023

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަންހެނުން ހޮވައި ދިނުމަށް އެހީތެރިކަން ދިނުމަށް ދިވެހި ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 20 ޕަސެންޓް ގޮނޑި އަށް ވާދަކުރުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ.

އަންނަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު އިއްޔެ ވިދާޅުވެފައި ވަނީ އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ވީހާ ވެސް ގިނަ އަންހެނުން މަޖިލިސް އިންތިހާބުގައި ހޮވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި މުއިއްޒު ރޭ ވިދާޅުވީ، ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ހޯދައި ދިނުމަށް އެ ވިޔަފާރިވެރިންގެ އެހީތެރިކަން ދީ، ސްޕޮންސަ ކޮށްދިނުމަކީ އެ މަނިކުފާނު ވަރަށް އުފާފުޅުވާނެ ކަމަކަށް ވާނެ ކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި އިންތިހާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަށް އަންހެނުން ނެރުމަށް ދިވެހި ވިޔަފާރިވެރިން ނުކުމެ، މަސައްކަތް ކޮށްދިނުން ވާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ އެކު ރޭ ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިހާބީ ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ އެކު ރޭ ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މާނަވީ ކަމެއްގައި މިހެން ކޮށްދެވޭ ކަންކަމުން އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން އަންނާނީ. ކުރިއެރުން ލިބޭނީ. އުންމީދު ހާސިލް ވެގެން ދާނީ،" ޖެން ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އަބަދު އެކައްޗެއް ކިޔައި، ކުރިއަށް އަޅާ ފިޔަވަޅުތަކަށް ވުރެ ގިނަ ފިޔަވަޅު ފަހަތަށް އަޅަން ވެއްޖެ ނަމަ ދުވަހަކު ވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް އަބަދު އިންތިހާބު ކުރަން ޖެހެނީ ފިރިހެނުން ނޫން ކަމަށާއި ގާނޫނުގައި ހަމަހަމަ ފުރުސަތެއް ދީފައި އޮތް ނަމަވެސް މަޖިލިހަށް އަންހެނުން ނެރުމަށް އިތުރު ބާރެއް ލާން ޖެހޭ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިހާބީ ރައީސް ޑރ. މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ރޭގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑުމެން އެބަޖެހޭ އެ ކަމަށް ހިތްވަރު ދޭން. އެބަހުރި ބެރިއާސް. ލިޔެކިޔުމުގައި އެބަހުރި ހަމަހަމަކަން. އެހެން ނަމަވެސް އަޅުގަނޑުމެން، އަޅުގަނޑުމެންނޭ މި ދަންނަވަނީ އަޅުގަނޑުމެން އެންމެން އެބަޖެހޭ މި ކަމުގައި ވެސް، މި ގައުމު ކުރިއަށް ގެންދަންޏާ ތެދުވާން. އެހީތެރިކަން ދޭ ބަޔަކަށް ވާން،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން އަންހެނުންގެ އަދަދަކީ އެންމެ ހަތަރެކެވެ.