Roadha Mihaaru
މުއިއްޒުގެ މެނިފެސްޓޯއިން އަންހެނުންނަށް ކޮން ކަމެއް؟

މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް އޮތީ ކޮން ކަމެއް؟

05 ސެޕްޓެމްބަރ 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއްބަޔަކީ އަންހެން ކަނބަލުންނެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެންނަން އެކަނބަލުން ނަގަމުންދާ ފޯރި އާއި ހިތްވަރު ފެނިފައި ގަބޫލު ކުރެވެނީ ވެސް އެ މީހުންގެ އުންމީދުތަކެއް މި އިންތިހާބުގައިވާ ކަމެވެ. ކަނބަލުންނަށް ދިމާވެފައިވާ މައްސަލަތަކާއި ކަނބަލުންގެ ކުރިއެރުމަށް ޑރ. މުއިއްޒު ކުރައްވާނެ ކަންތައްތަކުގެ ތަސައްވަރު ވަނީ ހުށައަޅުއްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްރަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއްބަޔަކީ އަންހެން ކަނބަލުންނެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެންނަން އެކަނބަލުން ނަގަމުންދާ ފޯރި އާއި ހިތްވަރު ފެނިފައި ގަބޫލު ކުރެވެނީ ވެސް އެ މީހުންގެ އުންމީދުތަކެއް މި އިންތިހާބުގައިވާ ކަމެވެ. ކަނބަލުންނަށް ދިމާވެފައިވާ މައްސަލަތަކާއި ކަނބަލުންގެ ކުރިއެރުމަށް ޑރ. މުއިއްޒު ކުރައްވާނެ ކަންތައްތަކުގެ ތަސައްވަރު ވަނީ ހުށައަޅުއްވައިފަ އެވެ.

ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ކަނބަލުންނަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. ކަނބަލުންނަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އަލިއަޅުވާލާފައިވާ އެ މެނިފެސްޓޯގައި ކަނބަލުން ބާރުވެރި ކުރުވުމަށް ކުރަންޖެހޭ މުހިންމު ކަންކަމަށް ނަޒަރު ހިންގާފައި ވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކެމްޕެއިނަށް ދ. މާއެނބޫދު އަށް ވަޑައިގެން އެ ރަށުގެ މީހަކާ އެކު، ކެންޑިޑޭޓް ނަމްބަރު 4 އިނގިލިން ދައްކާލަން ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކެމްޕެއިނަށް ދ. މާއެނބޫދު އަށް ވަޑައިގެން އެ ރަށުގެ މީހަކާ އެކު، ކެންޑިޑޭޓް ނަމްބަރު 4 އިނގިލިން ދައްކާލަން ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އަންހެން ވިޔަފާރިވެރިޔާ

ވަޒީފާ އަށް ނުދިޔަޔަސް ގިނަ އަންހެނުންނަކީ ގޭގައި ތިބެގެން ވަރަށް ގިނަ މަސައްކަތް ކުރާ ބައެކެވެ. އާމްދަނީ ލިބޭނެ އެތައް ކަމެއް ކުރާ ހީވާގި އަންހެނުން ރާއްޖޭގައި މަދެކޭ ނުބުނެވޭނެ އެވެ. އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ގޮތްތަކެއް ކަނޑައަޅައިފަ އެވެ. ހުޅުމާލެ އިން ހާއްސަ ސަރަހައްދެއް އެކަމަށް ކަނޑައަޅައި، އެ ތަނުގައި އަންހެން އުފެއްދުންތެރިން ވިޔަފާރި ކުރުމަށް ކުޑަ ކުލިތަކެއް އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ވަނީ ހިމަނައިފަ އެވެ. މީގެ ސަބަބުން ގޭގައި ތިބެގެން އަންހެނުންނަށް ނަފާ ހޯދޭނެ ގޮތް މަގުފަހިވާނެ އެވެ.

އަންހެނުން ބާރުވެރި ކުރުމުގައި ވިޔަފާރީގެ ދާއިރާ އަށް ވީހާ ވެސް ގިނަ އަންހެނުން ނެރުމަކީ ޑރ. މުއިއްޒުގެ ވިސްނުމެކެވެ. އަންހެނުން ވިޔަފާރީގެ ދާއިރާ އަށް ނުކުތުމަށް ހިތްވަރު ދިނުމަށްޓަކައި ލުއި ލޯނު ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ހާއްސަ ސްކީމެއް ތައާރަފު ކުރުމަށް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ލީސިން ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދެވޭނެ އެވެ.

އަންހެން ވިޔަފާރިވެރިއަކު އުފެއްދުމުގައި ދިމާވާ ހުރަސްތަކުން ގިރާކުރުމަށް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މުހިންމު ބައެއްގެ ގޮތުގައި ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ހާއްސަ ކޮށްގެން ގައުމީ ނިޒާމެއް ގާއިމުކުރާނެ އެވެ. ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި ގާއިމުކުރާނެ އެވެ.

ދެ ޖިންސުގެ ތަފާތުކުރުން ނައްތާލުން

އެއްވަރުގެ މަސައްކަތްތަކަށް އެއް ވަރެއްގެ ފުރުސަތުތަކަކާ އެއްހަމައެއްގެ އުޖޫރައެއް، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތި ލިބުމަކީ ގާނޫނީ ހައްގަކަށް ވުމުގެ އިތުރުން ހުރިހާ ދާއިރާއެއްގައި ވެސް ތަންފީޒު ކުރާ އުސޫލެއްކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ހުޅުވައިލާ، ވަކި މިންގަނޑުތަކެއް ފުރިހަމަ ކުރުމުން ދެވޭ ގައުމީ ފެންވަރުގެ 'ހަމަހަމަކަން ކަށަވަރު' ސިއްކަ ތައާރަފު ކުރާނެ އެވެ. ގައުމީ އެތުލީޓުންނަށް ދޭ މުސާރަ އާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކުރުމުގައި ދެ ޖިންސުގެ ހުރިހާ ގައުމީ އެތުލީޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކުރާނެ އެވެ.

ޑރ. މުއިއްޒު ކެމްޕެއިނަށް ނ. ހޮޅުދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ މީހަކު އުރާލައިގެން ހުރި ކުޑަކުއްޖަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޑރ. މުއިއްޒު ކެމްޕެއިނަށް ނ. ހޮޅުދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ މީހަކު އުރާލައިގެން ހުރި ކުޑަކުއްޖަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގެދޮރުވެރިކަން އަންހެނުންނަށް

ގެދޮރުވެރިކަން ހޯދުމުގައި އަންހެނުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެ އެވެ. އެކަނިވެރި މައިންނަށް މިކަމުގައި އުފުލަންޖެހޭ ތަކުލީފުތަކަކީ ވަޒަންކުރަން އުދަގޫ ކަމެކެވެ. ޑރ. މުއިއްޒު ވަނީ އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމްތަކުގައި، އެކަނިވެރި މައިން އަދި ބަފައިންނަށް ހާއްސަ ކޮށްގެން 2 އަދި 3 ކޮޓަރީގެ 1,000 އެޕާޓްމެންޓް ހިމަނައިފަ އެވެ. އެ ސްކީމްގެ ސަބަބުން އެކަނިވެރި މައިން ބާރުވެރި ކުރުވައި، މުޖުތަމައުގައި އެކަނިވެރި މައިން އުފުލަމުންދާ ގެދޮރުވެރިކަމުގެ ތަކުލީފަށް ނިމުން ގެނެވޭނެ އެވެ.

އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމްތަކުގައި، ޒުވާން އާއިލާތަކަށް ހާއްސަ ކޮށްގެން ދެ ކޮޓަރީގެ 3,000 އެޕާޓްމަންޓް ހިމަނާފައި ވެ އެވެ. އަލަށް ގެދޮރު ބޭނުންވާނެ މީހުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެ ގޮތް ޑރ. މުއިއްޒުގެ ވެރިކަމެއްގައި ހަމަޖައްސައިދޭނެ އެވެ.

އެކަނިވެރި މައިންނަށް ދިމާވާ މައްސަލަތަކަށް ހައްލު

ކައިވެނި ރޫޅުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ޝިކާރައަކަށް ވަނީ ދަރިންނެވެ. އެހެންކަމުން އެ ދަރިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުމުގެ ގޮތުން ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހާއްސަ ކަމެއް ދީފައިވެ އެވެ. އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހަރަދު ދިނުމަށް ކުރާ ހުކުމްތައް ތަންފީޒު ވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ހަރަދު ދިނުމުގައި ހުކުމާ އެއްގޮތަށް ކަން ނުކުރާ މީހުން ބޮޑެތި ޖަލު ހުކުމާ ހަމައަށް އަދަބު އިތުރުކޮށް، ހަރަދު ހޯދަން ބައެއް މީހުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ހައްލެއް ޑރ. މުއިއްޒު ހޯއްދަވައި ދެއްވާނެ އެވެ. އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު، ޖުމްލަ 12،000 ރުފިޔާއާ ހަމައަށް، ކޮންމެ ދަރިއަކަށް މަހަކު 3،000 ރުފިޔާ އަށް އިތުރު ކޮށްދޭނެ އެވެ.

ދެ ނަރުހަކު ހިދުމަތުގައި: ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޮޑެތި ކަންތައްތަކެއް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވޭ.

ދެ ނަރުހަކު ހިދުމަތުގައި: ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ބޮޑެތި ކަންތައްތަކެއް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ވޭ.

ސިއްހީ ދާއިރާ އިން އަންހެނުންނަށް ލިބިދޭ އަހަންމިއްޔަތު

ސިއްހީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުން ނައްތާލުމުގައި މެނިފެސްޓޯ އިން ހާއްސަ ފަރުވާތަކެއް ދޭނެ އެވެ. އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ އެހީތެރިކަމާއި އޯގާތެރިކަމާއި ރައްކާތެރިކަމާއި އިންސާފު ކަށަވަރު ކުރުމަށްޓަކައި އާ ގައުމީ މަރުކަޒީ އިދާރާއެއް ގާއިމުކުރުމަށް ޑރ. މުއިއްޒު ހުށަހެޅުއްވި އެވެ. މެމޮގްރަފީ އާއި ޕެޕްސްމިއާގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ގާއިމު ކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލުތަކަށް ގެނައުމުގެ އިތުރުން، އެކަމަށް ބޭނުންވާ މެޝިނަރީ ހޯދުމާއި ހިދުމަތްތެރިން ތަމްރީނު ކުރާނެ އެވެ.

މާބަނޑުއިރު ޑޮކްޓަރަށް ދެއްކުމުގެ ކަންކަމުގައި ސިއްހީ ގޮތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހެ އެވެ.

އެ ތަކުލީފަށް ނިމުން ގެނައުމަށް ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދެއްކުމަށާއި ވިހެއުމަށް ދާ މާބަނޑު މީހުން މަޑުކޮށްލާނެ 'މެޓާނިޓީ ވެއިޓިން ހޯމްސް' ހުރިހާ ހޮސްޕިޓަލެއްގައި ހަދާނެ އެވެ. އެ ކަންކަން އިތުރަށް ފަސޭހަކުރުމުގެ ގޮތުން މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތް ކުރާނެ އެވެ. ބައިގެން ދިއުމުގެ ހިތާމަވެރިކަމާ ކުރިމަތިލާންޖެހޭ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އެކަށޭނަ މުއްދަތެއްގެ އިތުރު ޗުއްޓީއެއް ލިބޭ ގޮތަށް ގާނޫނީ އުސޫލެއް ހަމަޖެއްސުމަށް މެނިފެސްޓޯގައި ކަނޑައަޅާފައި ވެ އެވެ.

މެނިފެސްޓޯގައި އަންހެނުންނަށް ހާއްސަ ބައެއް ކަންކަން:

1- ލުއި ލޯނު ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ހާއްސަ ސްކީމެއް.

2- ލީސިން ފައިނޭންސް ފަސޭހަ ކޮށްދޭނެ.

3- ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ހާއްސަ އޮންލައިން ޕްލެޓްފޯމެއް.

4- ގައުމީ ފެންވަރުގެ 'ހަމަހަމަކަން ކަށަވަރު' ސިއްކަ ތައާރަފު ކުރާނެ.

5- ގައުމީ އެތުލީޓުންނަށް ދޭ މުސާރަ އާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދޭނެ. އަދި ދެ ޖިންސުގެ ހުރިހާ ގައުމީ އެތުލީޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކުރާނެ.

6- އެކަނިވެރި މައިން އަދި ބަފައިންނަށް ހާއްސަ ކޮށްގެން 2 އަދި 3 ކޮޓަރީގެ 1,000 އެޕާޓްމެންޓް.

7- ޒުވާން އާއިލާތަކަށް ހާއްސަ ކޮށްގެން ދެ ކޮޓަރީގެ 3,000 އެޕާޓްމަންޓް.

8- އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދޭ އަދަދު، ޖުމްލަ 12،000 ރުފިޔާއާ ހަމައަށް ބޮޑުކުރާނެ. ކޮންމެ ދަރިއަކަށް މަހަކު 3،000 ރުފިޔާ އަށް އިތުރު ކޮށްދޭނެ.

9- މާބަނޑު މީހުން މަޑުކޮށްލާނެ 'މެޓާނިޓީ ވެއިޓިން ހޯމްސް' ހުރިހާ ހޮސްޕިޓަލެއްގައި ހަދާނެ.

10- މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތް ކުރާނެ.

11- ބައިގެން ދިއުމާ ކުރިމަތިލާންޖެހޭ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް އެކަށޭނަ މުއްދަތެއްގެ އިތުރު ޗުއްޓީއެއް ލިބޭ ގޮތަށް ގާނޫނީ އުސޫލެއް.

12- އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް އަވަހަށް ދެނެގަނެ، ހާއްސަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖައްސާނެ.

13- ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ގައުމީ ހަރަކާތެއް.

14- ޑޭކެއާ ސެންޓަރުތަކަށް ސަބްސިޑީއެއް.

އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތައް އަވަހަށް ދެނެގަނެ، ހާއްސަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖައްސާނެ އެވެ. އުމުރުން ދުވަސް ވަމުންދާ އަންހެނުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމަކީ ވެސް ޑރ. މުއިއްޒުގެ ތަސައްވަރެކެވެ.

ފާހަގަކުރެވޭ ސަރަހައްދުތައް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމުކުރުމާއި އަންހެނުންނަށް ހާއްސަ ކޮށްގެން އެ ތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައި ވެ އެވެ.

މަސައްކަތުގެ މައިދާނުގައި އަންހެނުން

ވަޒީފާގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމާއި އަންހެނުންގެ އިސްނެގުމުގެ ދަށުން ހަރަކާތްތެރިވާއިރު، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ބައިތަކެއް ވެ އެވެ. އިޖުތިމާއީ އަދާލާތާއި ރައްކާތެރިކަމާ ބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ހިޔާލާއި މަޝްވަރާ ފާޅުކަން ބޮޑު ގޮތެއްގައި ހިމަނައި އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ހިޔާލުތައް ސިޔާސަތުތަކެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވައިލާނެ އެވެ.

މީގެ އިތުރުން އަންހެނުންނަށް ހާއްސަ ލީޑަޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގައި، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމު ކަމަށް މުޅި މުޖުތަމައު ހޭލުންތެރިކުރުވައި، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ގައުމުގެ ކަންކަން ތަރުތީބު ކުރާނެ އެވެ.

ސިވިލް ސާވިސްގައި، ވެރިންގެ ފެންވަރުގެ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރު ކުރުމާ އެކު، އަންހެން މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރި، ގަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގާނޫނީ އޮނިގަނޑު އިސްލާހު ކުރާނެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފަކު މަސައްކަތުގައި: އެ ދާއިރާގެ މުވައްޒަފުންގެ މުސާތަ ބޮޑު ތަނުން ބޮޑުކުރަން މުއިއްޒުގެ ސަރުކާރެއްގައި ބޭނުންވޭ.---ފޮޓޯ: މިހާރު

ސިވިލް ސާވިސްގެ މުވައްޒަފަކު މަސައްކަތުގައި: އެ ދާއިރާގެ މުވައްޒަފުންގެ މުސާތަ ބޮޑު ތަނުން ބޮޑުކުރަން މުއިއްޒުގެ ސަރުކާރެއްގައި ބޭނުންވޭ.---ފޮޓޯ: މިހާރު

އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިތުރަށް އިންވެސްޓް ކުރުމާއި ތައުލީމާއި ތަމްރީނު ދިނުމާއި އެ ދާއިރާތަކުން ވިޔަފާރިތައް އިތުރު ކުރުމާއި މަތީ ސާނަވީ މަންހަޖުގައި އެ ދާއިރާތަކަށް އިތުރު ސަމާލުކަންދީ، އެ ދާއިރާތަކުން ކުރިއަށް ދާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ގައުމީ ހަރަކާތެއް ޑރ. ،މުއިއްޒުގެ ވެރިކަމެއްގައި ފަށާނެ އެވެ.

ތުއްތު ކުދިން ބަލަހައްޓަމުން، ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ދޭ ހިދުމަތެއްގެ ގޮތުގައި، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ކުޑަކުދިން ބަލަހައްޓާ ޑޭ-ކެއާ ސެންޓަރުތަކުގެ ހިދުމަތް ރަނގަޅު ކުރުމާއި ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަބްސިޑީއެއް ކަނޑައަޅާނެ އެވެ.

ދެން އޮތީ ރާއްޖޭގެ އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރާ ސިވިލް ސާވިސްގެ ދާއިރާ އެވެ. އެ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ޒުވާން އަދި ތައުލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑު ތަނުން އިތުރުކުރުމަށް ވެސް ޑރ. މުއިއްޒު މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ.