Roadha Mihaaru
މާލެ ސަރަހައްދުގެ ފެރީތަކުގައި ކާޑުން ފައިސާ ދެއްކޭނެ

މާލެ ސަރަހައްދުގެ ފެރީތަކުގައި ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

16 އޮކްޓޯބަރ 2023

ވިލިނގިލި، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް އާރްޓީއެލް ޓްރެވަލް ޕްލެޓްފޯމަށް ބަދަލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލިނގިލި، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް އާރްޓީއެލް ޓްރެވަލް ޕްލެޓްފޯމަށް ބަދަލުކޮށްފި އެވެ.

އެމްޓީސީސީިން ބުނީ މިއަދުން ފެށިގެން މާލެ-ވިލިމާލ،ެ މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅ، އަދި މާލެ-ހުޅުމާލެ ފެރީ ޓިކެޓް އާރްޓީއެލް ޓްރެވެލް އެޕާއި ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން އާރްޓީއެލް މޯބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓު ގަނެގެންނާއި ގްރޭޓާ މާލޭ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިއުއާރް ޓިކެޓް ގަނެގެން ފެރީގެ ހިދުމަތް ހޯދޭނެ އެވެ.

ބީއެމްއެލް އާއި އެހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންޓެކްޓްލެސް ވިސާ ކާޑު، ކްރެޑިޓް، ޑެބިޓް އަދި މާސްޓާ ކާޑުން ޓާމިނަލްތަކުގައި ހަރުކޮށްފައި ހުރި ވެލިޑޭޓަރުތަކުގައި ޓެޕްކޮށްގެން ފެރީގެ ހިދުމަތަށް ފައިސާ ދެއްކޭނެ އެވެ.

އެމްޓީސީސީން ބުނީ ޓްރެވަލް އެޕުން އެއްފަހަރާ 10 ޓިކެޓާ ހަމައަށް ޓިކެޓް ގަނެވޭނެ ކަމަށެވެ. އަދި މިގޮތަށް ގަންނަ ޓިކެޓުން ސިންގަލް ޖާނީއަށް ގަންނަ އެންމެ ދަތުރެއްގެ ޓިކެޓު ހަތް ދުވަހުގެ މުއްދަތު ހަމަވަންދެން ބޭނުން ކުރެވޭނެ ކަމަށާއި ވިލިމާލެ އާއި ތިލަފުއްޓަށް ގަންނަ މަލްޓިޕަލް ޖާނީ ޓިކެޓް 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ޓިކެޓިންގެ ނިޒާމަށް ގެނައި ބަދަލާ ގުޅިގެން، ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ. އަދި މި ކާޑުތައް ޓޮޕްއަޕް ކުރެވޭނީ ޑިސެމްބަރު 1 ގެ ނިޔަލަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ ޕްލެޓްފޯމުން ގަންނަ ކިއުއާރް ޓިކެޓު ބޭނުން ކުރެވޭނީ އެ ޓިކެޓެއް ނަގާ ރޫޓަކަށް އެކަންޏެވެ. ޓިކެޓިންގެ ނިޒާމު ބަދަލުވިޔަސް ކުރިއެކޭ އެއްގޮތަށް 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެރީގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.