Roadha Mihaaru
ޔާމީނާއި މުއިއްޒާ ދެމެދު ފިތުނަ ނުއުފެއްދޭނެ: އަދުރޭ

ޔާމީނާއި މުއިއްޒާ ދެމެދު ފިތުނަ ނުއުފެއްދޭނެ، މިތިބީ ބަދަހިކޮށް: އަދުރޭ

01 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ފިތުނަ އުފައްދައިގެން އިދިކޮޅު ކޯލިޝަން ބައިބައިކޮށް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ފިތުނަ އުފައްދައިގެން އިދިކޮޅު ކޯލިޝަން ބައިބައިކޮށް ނުލެވޭނެ ކަމަށް ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މުއިއްޒަށް އަމާޒުކުރައްވައި ޔާމީން ވާހަކަތަކެއް އަމާޒު ކުރެއްވި ކަމަށް ބުނާ ވާހަކަތެއް ފެތުރިފައި ވަނިކޮށް، އަދުރޭ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަ ކަމަށާއި އެފަދަ އެތައް ވާހަކައެއް މި ދުވަސްވަރު ފަތުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފިތުނަ އުފައްދައި ބައިބައިކުރަން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

"ރައީސް ޔާމީނާއި މުއިއްޒުއާ ދެމެދު ފިތުނަ އުފައްދައިގެން އަޅުގަނޑުމެންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީ ބައިބައެއް ނުވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ ބައިބައެއް ނުވާނެ، އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" އަދުރޭ ވިދާޅުވި އެވެ.

"ފަސް އަހަރު އެކަން ކުރަން އުޅުނު. ވެއްޖެތޯ. މިއަށްވުރެ ބަދަހި ލަޝްކަރެއް ރާއްޖެއަކު ނޯންނާނެ."

އަދުރޭ ވިދާޅުވި ގޮތުގައި ޔާމީންގެ ފުރިހަމަ ތާއިދު އޮތީ މުއިއްޒުއާ އެކު އެވެ. މުއިއްޒުއާ ގުޅުވައި ޔާމީން ވާހަކަތަކެއް ދެއްކެވި ކަމަށް، މެސެޖްތަކެއް ދެއްވި ކަމަށް ފަތުރަނީ ސަރުކާރުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ރައީސް ޔާމީން ވިދާޅުވާ އެއްޗެއް އެނގޭނީ އިބްރާހިމް މުހައްމަދު ސޯލިހަށްތޯ؟" އަބްދުއްރަހީމް އެއްސެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން އަންގަވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ ކަމެއް ހުއްޓާނުލަށްފަހު، އެންމެން ކެމްޕެއިންގައި ބުރަކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. ކޯލިޝަންގެ މުޅި ލީޑަޝިޕް މުއިއްޒުގެ ކެމްޕެއިނަށް ނުކުމެ ތިއްބެވީ ވެސް އެ އިރުޝާދުގެ ދަށުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން އެންމެފަހުން ހައި ކޯޓުގެ އަޑުއެހުމުން ދިމާވި ދުވަހު ވެސް އެ މަނިކުފާނު، މުއިއްޒު ކުރެން އަދި ދެން ތިއްބެވި ލީޑަޝިޕްގެ ބޭފުޅުން ގާތު ވެސް އެއްސެވީ ކޯޓުގައި ކީއްކުރަނީތޯ ކަމާއި ކެމްޕެއިންނަށް ވަޑައިގެންނެވުމަށް އެންގެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ހަދައިގެން ވެސް ޑރ. މުއިއްޒު މި އިންތިހާބުގައި ހޮވުން. މިއީ ޔާމީން އެންގެވި ގޮތަކީ،" އޭނާ ވިދާޅުވި އެވެ.