Roadha Mihaaru
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު

ޕީޕީއެމުން މީހުން ވަކިނުކޮށް، ޕީއެންސީ އަށް މެމްބަރުން އިތުރު ކޮށްދޭން މުއިއްޒު އެދިވަޑައިގެންފި

01 ނޮވެމްބަރ 2023

ޕީއެންސީ އަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ވަކިނުކުރަން ސަމާލުވާން ޕީއެންސީގެ އާ ރައީސް އަދި މި މަހުގެ 17 ގައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީއެންސީ އަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ވަކިނުކުރަން ސަމާލުވާން ޕީއެންސީގެ އާ ރައީސް އަދި މި މަހުގެ 17 ގައި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު އެ ކަމަށް އެދިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ސެނެޓް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ޖެހިގެން އައި ހޯމަ ދުވަހު ލިޔުއްވި މެސެޖެއްގަ އެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން މިދިޔަ މަހުގެ 1 ގައި ގެ އަށް ބަދަލުކޮށް، އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަންސް އިން ދިން ހުއްދަައާ އެކު ވަނީ އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމްގެ މެމްބަރުންތަކަކާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ޔާމީން ވަނީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީގެ ފޯމު ފުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެކަން ނުކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

ޔާމީންގެ އެ ވާހަކަ ރިޕޯޓް ކޮށްފައިވާ ޚަބަރު ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މެމްބަރަކު ލުމުން، އެ އަށް ރައްދު ދެއްވައި މުއިއްޒު އެ ގުރޫޕްގައި ވިދާޅުވީ، ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި ކުރިން ވެސް ދެންނެވި ފަދައިން މި ކަމުގައި އެއްވެސް މެމްބަރަކު ޕީޕީއެމުން ވަކިނުކުރެއްވުމަށް ވަރަށް ސަމާލުކަން ދެއްވުން އެދެން،" ޔާމީން ވެސް އިންނަވާ ވަޓްސްއެޕް ގުރޫޕްގައި މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، މުއިއްޒުގެ އެ މެސެޖާ މެދު ޔާމީން އެ ގުރޫޕްގައި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެން ގިނަ މެމްބަރުން މުއިއްޒުގެ މެސެޖަށް ތާއީދު އޮތްކަން ހާމަކުރެއްވި އެވެ.

މުއިއްޒުގެ އަމާޒަކީ މި ތިން މަސް ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކޮށް، އެ ޕާޓީ ވަރުގަދަ ކުރުމެވެ. އެ ކަމަށްޓަކައި އެ މަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 38،704 މެމްބަރުންނެވެ. އެ މުއްދަތާ ހަމައަށް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ.

މުއިއްޒު ބޭނުންފުޅުވަނީ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާށެވެ. ޔާމީން ވެސް އިއްޔެ ރޭ ޕީޕީއެމް މެމްބަރުނާ ވާހަކަފުޅު ދައްކަވަމުން ބާރު އެޅުއްވީ، މަޖިލިސް އިންތިހާބުގައި ދެ ޕާޓީ އެއްކޮށް ވާދަކުރުމަށެވެ.