Roadha Mihaaru
އެނގުނީ ދައުލަތުގެ މުސާރަ އޮނިގަނޑުގެ ދޯހަޅިކަން

އަސްދަނޑި: އެނގުނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑުގެ ދޯހަޅިކަން

03 ފެބުރުއަރީ 2017

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

ފުލުހުންނަށް މިދިޔަ މަހު ދޭނީ އެލަވަންސްތަކަށް ގެނައި ބޮޑު ބަދަލާ އެކު ބޮޑުކުރި މުސާރަކަން އެއީ ކުއްލިއަކަށް އެނގުނު ކަމެއް ނޫނެވެ. "މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރ" ފެބްރުއަރީ 16، 2016 ގައި ފާސްކޮށް، ޖެނުއަރީ 10، 2017 ގައި ވަނީ އަމަލުކުރަން ފަށައިފަ އެވެ. އަދި ފުލުހުންނަށް ދޭ އެލަވަންސްތަކަށް ބޮޑު ބަދަލެއް ގެނައުމާ އެކު، މުސާރަ އަށް ބަދަލު އަންނަކަން ފުލުހުން ވަނީ އެ ތާރީހުގައި މީޑިއާ އަށް އާންމުކޮށްފަ އެވެ. މީގެ އިތުރުން އެންމެ ހައިރާންވާ ކަމަކީ ފުލުހުންގެ މުސާރަ މި އަހަރުން ފެށިގެން ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވުމެވެ.

"މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރ" ފާސްކޮށް އޭގައި ސޮއިކުރައްވާފައި ވަނީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށްފައިވާ އުސޫލެކެވެ. ފުލުހުން ބުނާ ގޮތުން ނަމަ، އެއީ ވަރަށް ގިނަ ދުވަހެއްގެ ދިރާސީ މަސައްކަތްތަކެއްގެ ނަތީޖާ އެވެ.

ނަމަވެސް އެންމެ އަޖައިބުވީ ބޮޑުކުރި މުސާރައާ އެއްގޮތަށް ފުލުހުންނަށް މިދިޔަ މަހުގެ މުސާރަ ދިނުމަށްޓަކައި މުސާރަ ޝީޓް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމާ އެކު، އެ މިނިސްޓްރީގެ އިސް ވެރިންނަށް އެއީ އާ ކަމަކަށް ވުމުންނެވެ. ފުލުހުންގެ އެލަވަންސަށް މި އަހަރުން ފެށިގެން ބަދަލު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ، ފުލުހުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތަކާ ބެހޭ އޯޑަރަށް ބަލައިގެންނެވެ. ހަމަ ގައިމު ވެސް މިފަދަ ބޮޑު ކަމެއް ރައްޔިތުންގެ މަޖިލިހުން ނިންމައި ބަޖެޓަށް އަދަދެއް އިތުރުކުރާއިރު، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ބަޖެޓް ތައްޔާރުކުރި ސަރުކާރުގެ އެންމެ އިސް ވެރިންގެ ކޮމިޓީ އަށް ނޭނގިއެއް ނޯންނާނެ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: ފުލުހުންގެ އެލަވަންސާއި އިނާޔަތްތަކުގެ އާ އޮނިގަނޑަށް އަމަލުކުރެވޭނީ އެ އޮނިގަނޑު ރިވިއު ކުރުމަށް ފަހު ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: ފުލުހުންގެ އެލަވަންސާއި އިނާޔަތްތަކުގެ އާ އޮނިގަނޑަށް އަމަލުކުރެވޭނީ އެ އޮނިގަނޑު ރިވިއު ކުރުމަށް ފަހު ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ފުލުހުންގެ އެލަވަންސްތަކާއި އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަން އެބޭފުޅުންނަށް ރޭކާލީ، އާ އޮނިގަނޑާ އެއްގޮތަށް މުސާރަ ޝީޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމުން ކަމަށް ދޭހަވާ ގޮތަށް އަމަލުކުރުމަކީ ގޯހެކެވެ. ރައީސް އޮފީހުގެ މަޝްވަރާ ކުއްލިއަކަށް ބޭނުންވެ، ބަޖެޓުކޮށްފައި އޮތަސް ފުލުހުންގެ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން އެއިން އެނގެނީ މިކަމުގައި ފަރުވާކުޑަކުރެއްވި މިންވަރެވެ. ނުވަތަ ހުރިހާ ކަމެއް އެނގި ތިބެ، ބައެއްގެ ޕްރެޝަރާ ހެދި، ކުރިން ނިންމި ނިންމުން ބަދަލުކުރުމަށް ވަގުތު ހޯދަނީ އެވެ.

ކުއްލި ގޮތަށް މި މުސާރަ އާއި އިނާޔަތްތައް ރިވިއުކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ. ރައީސް އޮފީހުގެ މަޝްވަރާ އަށް ދާން ޖެހޭ ސަބަބެއް ނޭނގެ އެވެ. މީގެ އެތައް ދުވަހެއް ކުރިން އެލަވަންސްތަކާއި އިނާޔަތްތަކުގެ އާ އޮނިގަނޑު އޮތީ ފާސްކޮށްފަ އެވެ. އަދި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އެ އޮނިގަނޑަށް އަމަލުކުރަން ވެސް އޮތީ ފަށައިފަ އެވެ. މާނަ އަކީ އާ އޮނިގަނޑުގެ ދަށުން މުސާރަ ޝީޓް ފުލުހުން ހެދުމުގެ ކުރިން ނުވަތަ އެ ޝީޓްގެ ދަށުން މުސާރަ އާއި އެލަވަންސްތައް ހަމަޖައްސައި ދިނުމަށް ފިނޭންސަށް ފޮނުވުމުގެ ކުރިން، އެކަމާ މެދު ކުރާނެ މަޝްވަރާއަކަށް އެކަށީގެންވާ ވަގުތު ލިބުމެވެ. ނަމަވެސް އެ ވަގުތުގެ ބޭނުން ސަރުކާރުން ނުހިފައި، ތެޅިފޮޅިގަތީ އެންމެ ފަހު ސިކުންތުގަ އެވެ.

ސުވާލަކީ ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑު ރިވިއު ކުރަން ޖެހެނީ މި ހިސާބަށް ކަންތައް ދިޔައީމަ ހެއްޔެވެ؟ ގާތްގަނޑަކަށް އެއް އަހަރު ކުރިން އެ އޮނިގަނޑު ފާސްކޮށް، މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އޮނިގަނޑަށް އަމަލުކުރަން ފެށިއިރު ވެސް، އެ މުއްދަތުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އެ ބަލައިލަން ވަގުތު ނުލިބުނީހެވެ. މީޑިއާގެ ސުރުހީތައް ވެސް ހަމަ ނުފެނުނީ ހެއްޔެވެ؟ ސަރުކާރުގެ ހިންގުން ބޮއްސުން ލާނީ މިހާވަރަކަށެވެ.

ދައުލަތް ވިޔަސް އަދި އަމިއްލަ ތަނެއްގެ މުވައްޒަފުން ކަމަށް ވިޔަސް، މަސް ނިމޭއިރު އެ މީހުންނަށް މުސާރަ ލިބެން ޖެހޭނެ އެވެ. ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ.

ސަރުކާރުގެ ތެރޭގައި އުފެދޭ ކޯޅުމެއްގެ ތެރެއިން މަސް ނިމި، އެންމެ ދުވަހެއް ވެސް މުސާރަ ނުލިބި ތާށިވުމަކީ މައްސަލައެކެވެ. ފުލުހުންގެ މައްސަލަ އަށް ބަލާއިރު ވެސް، އާ އޮނިގަނޑަށް އަމަލު ނުކުރެވޭ ނަމަ، ކުރީގެ އޮނިގަނޑުގެ ދަށުން ނަމަވެސް މަސް ނިމެންވާއިރަށް މުސާރަ ދީ ނިންމި ނަމަ ރަނގަޅުވީހެވެ. އެކަމަކު މުސާރައިގެ އާ އޮނިގަނޑު ރިވިއު ކުރުމުގެ ނަމުގައި ބޮޑު ކަންތައްގަނޑަކަށް މިކަން ހަދައިލީ އެވެ.

ފުލުހުންގެ މުސާރައިގެ މައްސަލާގައި ހާމަވި އެއް ކަމަކީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމެވެ. ޕޭ ކޮމިޝަނެއް އުފައްދާފައިވާއިރު، އެ ކޮމިޝަންގެ ޒިންމާ ބޮޑުކޮށް، ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަ ޖެހިފައިވާ ކަމެވެ. އެކަމަކު ޕޭ ކޮމިޝަންގެ ޒިންމާ އާއި ކުރާ ކަމެއް ނޭނގެ އެވެ. ޕޭ ކޮމިޝަންގެ ޒިންމާ ނެގޭ ނަމަ، ފުލުހުންގެ މުސާރައިގެ އާ އޮނިގަނޑު ވެސް އެ ކޮމިޝަންގެ މެމްބަރުންގެ މޭޒުމައްޗަށް ކުރިން ދިޔައީހެވެ. ކޮމިޝަން ނިދާފައި އޮންނާކަށް ނުޖެހުނީހެވެ.

އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ.---މިހާރު ފައިލް ފޮޓޯ

އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ.---މިހާރު ފައިލް ފޮޓޯ

މުސާރަ އާއި އިނާޔަތްތަކުގެ މައްސަލާގައި ސިފައިންނާއި ފުލުހުންގެ މެދުގައި ވެސް ކޯޅުނުކަން މިފަހަރު ވަރަށް ބޮޑަށް ސާފުވެއްޖެ އެވެ. ފުލުހުންގެ އެލަވަންސްތަކަށް ގެންނަ ބަދަލުތަކާ މެދު ސިފައިން ހިތްހަމަނުޖެހޭކަން، މި މައްސަލައާ ގުޅޭ އެކިއެކި ޚަބަރުތަކަށް ކޮށްފައިވާ ކޮމެންޓްތަކުން އެނގެ އެވެ. އަދި ސިފައިންނަށް ދޭ އިނާޔަތްތަކާ މެދު ހިތްހަމަނުޖެހޭ ފުލުހުން ތިބިކަން ވެސް ސާފުވެއްޖެ އެވެ. ހަމައެކަނި ސިފައިންނާއި ފުލުހުންނެއް ނޫނެވެ.

މިނިވަން މުއައްސަސާތަކާއި ސިވިލް ސާވިސްއާ ދެމެދު ވެސް މުސާރަ އާއި އިނާޔަތްތަކުގެ ފަރަގު އެހާ ބޮޑެވެ. މިއީ ހައްލެއް ނުލިބުނު މައްސަލައެކެވެ. ހާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ކުޑަ އުޖޫރަ އެނގޭ މީހެއް ނަމަ ރޮވޭވަރުވާނެ އެވެ.

ސަރުކާރުން ބޭނުންވާއިރަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އިތުރު ގަޑި ކަނޑާލާނެ އެވެ. އެކަމަކު ސަރުކާރުގެ އެހެން ހަރަދުތަކާއި ސިޔާސީ މަގާމުތަކަށް މީހުން ވައްދާ ވަރު މަދެއް ނޫނެވެ. އެންމެ ކުޑަމިނުން ކޯޑިނޭޓަރުންގެ ނަމުގައި ވަޒީފާ ދޭ މީހުންގެ އަދަދު ވެސް މަދެއް ނުވެ އެވެ. އެ މީހުންގެ މުސާރަ 15،000-20،000ރ. އަށް އަރާއިރު މަހެއްގެ މައްޗަށް 5،000ރ. ވެސް ނުޖެހޭ ސިވިލް ސާވަންޓުން އެބަ ތިއްބެވެ. އެންމެ ކުޑަމިނުން ޑިގްރީ ހަދައިގެން އަންނަ މީހާ އަށް ވެސް ސިވިލް ސާވިސްގައި ލިބެނީ މަހަކު 8،000ރ. އެވެ. އެކަމަކު 60،000ރ. އާ ހަމައަށް މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުން އެބަ ތިއްބެވެ. ޑިގްރީއެއް، އެހެން ސެޓްފިކެޓަކަށް ބެލުމެއް ނެތެވެ. މިއީ ހާލަތު ހުރި ގޮތެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ: ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ، އެކަމަކު ހައްލެއް ހޯދައެއް ނުދެވޭ.---މިހާރު ފައިލް ފޮޓޯ

ސިވިލް ސާވިސްގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ: ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ، އެކަމަކު ހައްލެއް ހޯދައެއް ނުދެވޭ.---މިހާރު ފައިލް ފޮޓޯ

ރަނގަޅު ވާހަކައެކެވެ؛ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދޭން ވާނީ ބަޖެޓަށް ކުޅަދާނަ މިންވަރަކުންނެވެ. އެކަމަކު ހަޖަމް ކުރަން އުނދަގޫވަނީ ފެންނަ މަންޒަރުތަކުންނެވެ. ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރެވޭއިރު، ގުލާން ކޮށްދޭ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވުމުން ނުވަތަ އިތުރު ގަޑީގެ ފައިސާ ދޭން ޖެހުމުން އެކަން އުނދަގޫވާތީ އެވެ. ބޮޑުކަމަކަށް ވާތީ އެވެ.

މި ފަހަރު ބޮޑު މައްސަލައަކަށް މިވީ، ފުލުހުންގެ މުސާރައިގެ ކަންތައްގަނޑެވެ. މާދަމާ މިފަދަ މައްސަލައެއް ނުކުންނާނީ ދައުލަތުގެ ކޮން އިދާރާއެއްގެ ތެރެއިން ކަމެއް ނޭނގެ އެވެ. މުސާރަ އާއި އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގައި ހަރުދަނާ އުސޫލެއް ނުގެންގުޅޭ ނަމަ މިފަދަ ކިތަންމެ ހިތްހަމަނުޖެހުމެއް ކުރިމަތިވާނެ އެވެ. ފަރުވާކުޑަ ކުރުމާއި ޒިންމާ ނެގުމުން ރެކޭ ނަމަ އަދި މިއަށް ވުރެ ބޮޑެތި ކަންތަކާ ވެސް ލައިގަންނާނެ އެވެ.