Roadha Mihaaru
މެލޭޝިއާގައި ތިބި ދިވެހިންނަށް މެރަނާ ލުއިކޮށްދެނީ

މެލޭޝިއާގައި ތިބި ދިވެހިންނަށް މެރަނާ ސްކީމް ލުއިކޮށްދޭން ސޮއިކޮށްފި: އަސްލަމް

03 ސެޕްޓެމްބަރ 2023

ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މެރަނާ ސްކީމުން ބޭސްފަރުވާ ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ފަށާފައިވާ މަސައްކަތުގައި، އަމިއްލަ އަތުން ފައިސާ ދައްކަން ނުޖެހި މެލޭޝިއާގައި ތިބި ދިވެހިންނަށް ބޭސްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ސޮއިކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މެލޭޝިއާގައި ބޭއްވި ކެމްޕޭން އިވެންޓުގައި އަސްލަމް ވިދާޅުވީ އަމިއްލައަށް ވަގުތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ސްކީމް ބަދަލުކޮށް، އެކަމަށް ހައްލެއް ގާތްގަނޑަކަށް މިހާރު ވަނީ ހޯދިފައި ކަމަށެވެ. އެ ސްކީމް އޮންނަނީ ފަރުވާއަށް އަމިއްލައަށް ހަރަދުކުރަމަށް ފަހު ފަރުވާއަށް ހަރަދުވި ބިލްތައް ހުށަހެޅުމުން 60 ދުވަހުގެ ތެރޭގައި އަނބުރާ ފައިސާ ލިބޭ ގޮތަށެވެ.

އަސްލަމް ވިދާޅުވީ މެރަނާ ސްކީމްގައި، ދަތިތަކެއް ހުރުމުން، އަމިއްލަ އަށް ހަރަދުކޮށްފައި ކޭޝްލެސްކޮށް މިކަންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަަމަށެވެ. މެލޭޝިއާގެ ލޯކަލް އިންޝުއަރެންސް ނިޒާމުގެ ތެރެއިން ލިބޭ ފަދަ ހިދުމަތެއް ހޯދަން ހެލްތު ޓްރެވަލް މެނޭޖްމަންޓް ކުންފުނި (އެމްއެޗްޓީސީ)އާ އެކު ސޮއިކޮށްފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ. މެރަނާ ސްކީމުގެ ބައިވެރިންނަށް އަހަރަކު 150،000 ރުފިޔާއާ ހަމައަށް ފަރުވާ ހޯދެ އެވެ.

އަސްލަމް މެލޭޝިއާގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަނީ: އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިތަކެއް ހޯދައިދެމުން އަންނަ ކަަމަށް ވިދާޅުވި.

އަސްލަމް މެލޭޝިއާގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަނީ: އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ލުއިތަކެއް ހޯދައިދެމުން އަންނަ ކަަމަށް ވިދާޅުވި.

"ސޮއިކުރެވި އަދި އެކަން ކުރިއަށް ގެންދާނެ އެޖެންޓުން ހޯދުމުގެ މަސައްކަތް ކުރެވެނީ. އެކަން ނިމުމާ އެކު އިރާދަކުރެއްވިއްޔާ އެ މީހުން މެދުވެރިކޮށް ބޭސްފަރުވާ ކޭޝްލެސްކޮށް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ. އަދި އޭގެ އިތުރަށް މި ދެންނެވި ފަރާތް މެދުވެރިކޮށް 170 ހޮސްޕިޓަލަކުން މެލޭޝިއާގައި ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތައް ވެސް އަންނަނީ ހައްލު ކޮށްދެމުންނެވެ. އޭގެ އިތުރުން ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމާ އެކު މިހާރަށް ވުރެން ވެސް ފަސޭހަކޮށް ދިވެހިންނަށް ހިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދޭނެ ކަަމަށް ވިދާޅުވި އެވެ.

"މެލޭޝިއާގައި ކިޔަވާ ކުދިންނަށް ހަމަޖެހިފައި އޮންނަ ސްޓައިޕެންޑް 400 ޑޮލަރަކީ އެއީ އެތަކެއް ޒަމާންތަކެއްވެއްޖެ ބަދަލެއް ނުގެނެސް. އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކަން އަރުވަނީ ދާދި އަވަހަށް އެއީ 2024 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެކަށީގެންވާ ސްޓައިޕެންޑެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް. އުއްމީދުކުރަނީ މަދުވެގެން 25 ޕަސެންޓްގެ ކުރިއެރުމެއް މި ސްޓައިޕެންޑަށް ހަމަޖެހިގެންދާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

މެލޭޝިއާގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ | އެމްޑީޕީ

މެލޭޝިއާގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާ. -- ފޮޓޯ | އެމްޑީޕީ

އޭނާ ވިދާޅުވީ އެމްޑީޕީގެ ހިނގަމުން އަންނަ ސިޔާސަތުތަކާއި ކުރިއަށް ތަންފީޒުކުރަން އޮތް "އަމާން ރާއްޖެ" ސިޔާސަތުތައް ވެސް ހުރީ މުސްތަގުބަލަށް ކަމަށެވެ. އެމްޑީޕީ އުފަންވެ ވުޖޫދުވީ ސިޔާސީ އިސްލާހީ މަސައްކަތް ކުރަން ކަމަށާއި މިހާތަނަށް ދެމިއޮތީ އެ ބަދަލު ގެނައުމުގެ މަތީގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކެމްޕޭންގައި 14 އަތޮޅަށް ވަޑައިގަތް އިރު ފެނިވަޑައިގަތީ ރަށްތަަކަށް މި ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓެވެ. މި ސަރުކާރުން ފުރަތަމަ ފުރިހަމަކޮށްދޭން ޖެހުނީ އެންމެ އަސާސީ ކަންކަން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ތައުލީމަށް ބަލާއިރު ވެސް މި ވެރިކަމުގައި ހައްލު ހޯދައިދިނީ އެތައް އާއިލާއެއްގެ ކަންބޮޑުވުމަށް ކަމަށެވެ.