Roadha Mihaaru
ވޮލީގެ ރައީސް ލަތީފާ ދެކޮޅަށް ޔޫތުން ނުކުމެއްޖެ

ވޮލީގެ ރައީސް ލަތީފާ ދެކޮޅަށް ޔޫތުން ނުކުމެއްޖެ

02 ފެބުރުއަރީ 2017

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން މުހައްމަދު ލަތީފް ދުރުކުރުމަށްޓަކައި ޔޫތު ސްޕޯޓްސް ކްލަބުން މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމުން މުހައްމަދު ލަތީފް ދުރުކުރުމަށްޓަކައި ޔޫތު ސްޕޯޓްސް ކްލަބުން މަސައްކަތް ފަށައިފި އެވެ.

ޔޫތުން ވަނީ، އެ ކްލަބުގެ ނަމުގައި ރައީސްގެ މަގާމަށް ވާދަކުރެއްވި ލަތީފް އެ ކްލަބުގެ މެމްބަރުކަމުން މިއަދު ވަކިކޮށްފަ އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ ހަވާލާދީ އެ ކްލަބުގެ އޮފިޝަލަކު ބުނީ ޔޫތުގެ މެމްބަރުކަމުން ލަތީފް ވަކިކުރުމާ އެކު އެސޯސިއޭޝަނުގެ ރައީސްކަމުން ވެސް އޭނާ ވަކިވާނެ ކަމަށެވެ.

އެ ކްލަބުން ރިއާޔަތްކުރަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 23 ވަނަ މާއްދާގެ ށ. ގައި ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިކުރެވޭނެ ކަމަށް ބުނެފައިވާ އެއް ހާލަތަށެވެ. އެގޮތުން ށ. ގެ ފަސް ނުކުތާގައި ބުނެފައިވަނީ ހާލަތަކީ "ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓްރީ ވެފައިވާ ކްލަބް ނުވަތަ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކުރުން ނުވަތަ އިސްތިއުފާ ދިނުން" އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ލަތީފް މިއަދު ވިދާޅުވީ އޭނާ އަކީ ހަމައެކަނި ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރެއް ނޫން ކަމަށާއި އޭނާ އަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތެރެއިން ޔޫތު ސްޕޯޓްސް ކްލަބުގެ އިތުރުން ވެސް އެހެން ކްލަބްތަކުގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް ހުރި މެމްބަރެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ މަގާމެއް، ޔޫތު ސްޕޯޓްސް ކްލަބުން ވަކިކުރިޔަސް ނުގެއްލޭނެ،" ލަތީފް ވިދާޅުވި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ކ-2) އިޔާޒް (ވ-2) އާ އެކު. -- ފޮޓޯ: މިހާރު

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ކ-2) އިޔާޒް (ވ-2) އާ އެކު. -- ފޮޓޯ: މިހާރު

އެނގިފައިވާ ގޮތުގައި ޔޫތުގެ މެމްބަރުކަމުން ލަތީފް ވަކިކުރިކަން އެ ކްލަބުން އާދީއްދަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ. ޔޫތުން މި ނިންމުން ނިންމި އިރު، އެ ކްލަބުގެ އިސް ހަރަކާތްތެރިޔާ އަލީ އިޔާޒް ވަނީ ދާދި ފަހުން އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވަކިވި ސަބަބެއް ހާމަކޮށްފައިނުވި ނަަމަވެސް އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނުގެ ހިންގާ ގޮތާ މެދު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ލަތީފް ވެސް ވަނީ އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެފަ އެވެ. ލަތީފް ވިދާޅުވީ ރައީސް ޔާމީނުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒްކުރުމަށްޓަކައި މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ އެކު އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތް ހަޖަމް ނުކުރެވިގެން އެކަން ފެއިލްކޮށްލުމަށްޓަކައި މަސައްކަތްކުރާ ބަޔަކު އެގްޒެކެޓިވް ކޮމިޓީގެ ތެރޭގައި އުޅޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ޒުވާނުންނަށްޓަކައި މި މަސައްކަތްކުރާނަން. އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީގެ މެޖޯރިޓީގެ ފުރިހަމަ ބާރާ އެކު އަޅުގަނޑު އެސޯސިއޭޝަން ހިންގަމުންދަނީ. ވޮލީ ކުޅުންތެރިންނާއި ވޮލީ އާއިލާ އަށް ގެއްލުން ވިޔަކަ ނުދޭނަން. ވޮލީގެ އާއިލާގެ ފަރާތުން ރައީސް ޔާމީން ބޭނުންފުޅުވާ ކުޅިވަރުގެ މެނިފެސްޓޯ ތަންފީޒްކުރުމުގައި އަޅުގަނޑުމެންގެ މިނިސްޓަރު އިރުތިޝާމް އާދަމްގެ ފަހަޔްޕުފުގައި އެންމެ ކުރީ ސަފުގައި ވޮލީ އެސޯސިއޭޝަން އޮންނާނެ. ވޮލީއަށް ގެއްލުން ދެވޭނެ ބަޔަކު ނޯންނާނެ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅު ލީޑަރުންނަކީ މައްސަލަތަކެއް ހުއްޓަސް ފަހަތްނުބަލާ ކުރިއަށް ހިނގާ ބަޔެއް ކަމަށައި އޭނާ ހުރީ އެސޯސިއޭޝަނުގެ ތެރޭގައި ހުރި މައްސަލަތައް ވެސް އަމިއްލަ އަށް ހައްލުކޮށްގެން ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ވ-3) ނައިބް ރައީސް އިއްޒަތު (ވ-2) އެހެން މެމްބަރުންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ލަތީފް (ވ-3) ނައިބް ރައީސް އިއްޒަތު (ވ-2) އެހެން މެމްބަރުންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެނގިފައިވާ ގޮތުގައި އެސޯސިއޭޝަނުގެ ނައިބް ރައީސް އިއްޒަތު ވަހީދާ ވެސް ހިޔާލުތަފާވުންތައް ވަނީ އުފެދިފަ އެވެ. އިއްޒަތަކީ ކުރީގެ ރައީސް މުހައްމަދު ރިޔާޒުގެ ދައުރުގައި އެސޯސިއޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މުވައްޒަފެކެވެ. ރިޔާޒާ ދެކޮޅަށް ނުކުމެ އިއްޒަތު ވަނީ އެންމެ ފަހުގެ އިންތިހާބުގައި ގިނަ ކްލަބްތަކެއް ކޮންޓްރޯލް ހޯދައިފަ އެވެ.

ލަތީފް ވިދާޅުވީ އޭނާއާ ނައިބް ރައީސާ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ނައިބް ރައީސުންނަކީ ގެންއުޅެން ވަރަށް އުނދަގޫ ބަޔެއް ކަމަަށެވެ.

"އަޅުގަނޑުމެން ގައުމުގައި އުޅޭއިރު ތަޖުރިބާއަށް ބަލާފައި އަޅުގަނޑުމެން ހަމަ ނައިބް ރައީސަށް ވަރަށް ވިސްނައިގެން އުޅެނީ. އެހެން ނަމަވެސް ނައިބް ރައީސް މަކަރެއް އަޅުގަނޑަށް ހަދާފާނެ ކަމަށް އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން. ނައިބް ރައީސަކީ އަސާސީ ގަވާއިދު ބުނާ ގޮތުގައި އަޅުގަނޑު އަންގާ އެންގުންތަކަށް އަމަލުކުރަން ހުންނަން ޖެހޭ މީހެއް،" ލަތީފް ވިދާޅުވީ އެވެ.

ލަތީފް ވިދާޅުވީ އޮފީސް ހިންގުމުގެ ހުރިހާ މަޝްވަރާއެއް ނައިބް ރައީސާ ކުރާނެ ކަމަށާއި މިއަދު އިއުލާންކުރި ވޮލީބޯޅަ ކަލަންޑާރާއި ރިޒޯޓް މުބާރާތުގެ ގަވާއިދަކީ ވެސް ސީދާ ނައިބް ރައީސް ތައްޔާރުކޮށް އޭނާއާ ހަވާލުކުރި އެއްޗެއް ކަމަށެވެ.

"ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ (ނައިބް ރައީސްގެ ފަރާތުން)،" ލަތީފް ވިދާޅުވި އެވެ.