Roadha Mihaaru
ލަތީފް ސަރުކާރަށް: އަތޮޅުތަކުގައި ވެސް އިންޑޯ އަޅައިދީ

ލަތީފް ސަރުކާރަށް: "އަތޮޅުތަކުގައި ވެސް އިންޑޯ އަޅައިދީ"

15 ނޮވެމްބަރ 2020

ރާއްޖޭގައި ވޮލީބޯޅަ ތަރައްގީ ކުރެވޭނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި ވެސް އިންޑޯ ކޯޓްތަކެއް އަޅައިގެންނާއި ސަރުކާރުން ކުޅުންތެރިންނަށް އެކަށޭނެ މުސާރައެއް ދީގެން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވޮލީބޯޅަ ތަރައްގީ ކުރެވޭނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި ވެސް އިންޑޯ ކޯޓްތަކެއް އަޅައިގެންނާއި ސަރުކާރުން ކުޅުންތެރިންނަށް އެކަށޭނެ މުސާރައެއް ދީގެން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އަންނަ އަހަރު މާލޭގައި ތިނެއް ނުވަތަ ހަތަރު ކޯޓުގެ އިންޑޯ ފެސިލީޓީއެއް ގާއިމްކޮށް، 21 ރަށެއްގައި އައުޓްޑޯ ކޯޓް އެޅުމުގެ ޕްލޭނެއް އޮތް ވާހަކަ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިއުލާންކުރެއްވުމުންނެވެ.

ލަތީފް ވިދާޅުވީ މާލޭގައި އިތުރު އިންޑޯ ހޯލެއް އެޅުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކު އެއާ އެކު، އަތޮޅުތަކުގައި ވެސް އިންޑޯ ހޯލް ގާއިމްކޮށްދޭން ޖެހޭ ކަމަށެވެ.

"ވޮލީބޯޅަ ތަރައްގީކުރެވޭނީ އަތޮޅުތަކުގައި ވެސް މާލެ އެކޭ އެއްގޮތަށް އިންޑޯ ހޯލް އެޅިގެން. ވޮލީބޯޅަ އަކީ އިންޑޯ ކުޅިވަރެއް. ވައިޑީޕީ ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދެވޭނީ އިންޑޯ ކޯޓްތަކެއް ހުރެގެން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރީފެބް އިންޑޯ ކޯޓްތަކެއް އެޅުމަކީ އޭގެ ޒާތުގައި މާބޮޑު ހަރަދުތަކެއް ދާނެ ކަމެއް ނޫން ކަމަށާއި ކައުންސިލްތަކާއި ޕްރައިވެޓް ސެކްޓަރުގެ އެހީއާ އެކު ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ވެސް އެކަން ކުރެވެނެ ކަމަށެވެ.

ކުޅުންތެރިންނަށް އިންވެސްޓްކުރުމާ ބެހެގޮތުން ލަތީފް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އަތޮޅުތެރޭގެ ކުޅުންތެރިން ކަމަށާއި އެންމެ މުހިއްމު އެއް ކަމަކީ އެ ކުޅުންތެރިންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.

"ބަޖެޓުގައި ހިމަނައިގެން ޕްލޭޔާސްގެ މުސާރަ 5000 ރުފިޔާ އިން 10،000 ރުފިޔާ އަށް ހައްދަވައިދެއްވުން އެދެން. ނަތީޖާ ނެރެވޭނީ ކުޅުންތެރިންނަށް އިންވެސްޓްކޮށްގެން،" އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމް ވެސް ފުރުއްވަމުން އަންނަ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލިބޭ އަދަދު ލިބިގެން ކުޅުންތެރިންގެ ޒަރޫރީ ކަންކަން ވެސް ނުފުދޭނެ ކަމަށާއި އޭގެ ސަބަބުން ކުޅުންތެރިންނަށް ކުޅިވަރަށް ދޭންވާ ސަމާލުކަން ނުދެވޭ ކަމަށެވެ. ގައުމީ ޓީމުން މަދުވެގެން 10،000ރ. ދޭނަމަ ކްލަބުން ލިބޭ މުސާރައާ އެކު ކުޅުންތެރިންނަށް ހަމަޖެހިލައިގެން އުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނޫނީ ވާ ގޮތަކީ މާލޭގައި ގައުމީ ޓީމަށް މަޑުނުކޮށް ރަށްރަށުގައި ބާއްވާ ކުދިކުދި މުބާރާތްތަކުގައި ކުޅެން އެ ކުޅުންތެރިން ދާނީ. އެ މުބާރާތްތަކުން ލިބޭ އެއްޗަކުން ދެކޮޅު ޖައްސަނީ. އޭގެ ބަދަލުގައި ރަނގަޅު އާމްދަނީއެއް ގައުމީ ޓީމުން ލިބޭ ނަމަ އެ ކުޅުންތެރިން ތިބޭނެ ހުސްވެގެން،" އޭނާ ވިދާޅުވި އެވެ.