Roadha Mihaaru
ތިން އަހަރަށްފަހު ލަތީފް އަލުން ވީއޭއެމްގެ ރައީސްކަމަށް

ތިން އަހަރަށްފަހު ލަތީފް އެނބުރި ވީއޭއެމްގެ ރައީސްކަމަށް

27 މާޗް 2024

ތިން އަހަރަށް ފަހު ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އަލުން ވަޑައިގެންފި އެވެ.

ތިން އަހަރަށް ފަހު ވީއޭއެމްގެ ރައީސް ކަމަށް މުހައްމަދު ލަތީފް އަލުން ވަޑައިގެންފި އެވެ.

އޭނާ ވަނީ 2019 އިން 2021 އަށް ވެސް އެ އެސޯސިއޭޝަންގެ ރައީސްކަން ކުރައްވައިފަ އެވެ.

ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތުމުން ރޭ ބޭއްވި ކޮންގްރެސް އަށް ދިއުމުގެ ކުރިން ވެސް ލަތީފަށް ވަނީ އަސާސީގަވާއިދުގައި ބުނާ ގޮތުން ރައީސްކަން ލިބިވަޑައިގެންފަ އެވެ.

އޯޓީޕީ ސޮލައިޓްގައި ރޭ ބޭއްވިި ކޮންގްރެސް އާ އެކު، ރައީސްކަމުގެ މަގާމާ ރަސްމީކޮށް ލަތީފް ވަނީ ހަވާލުވެ ވަޑައިގެންފަ އެވެ.

ކުޅިވަރުގެ އިދާރާތަކުން އޮބްޒާވް ކުރި ކޮންގްރެސްގައި ވަނީ، އިތުރު އަށް މަގާމަކަށް މީހުން ހޮވައިފަ އެވެ. އެއިން ކޮންމެ މަގާމަކަށް ވެސް އެކަކު ކުރިމަތިލުމުން ވޯޓަކާ ނުލައި އިންތިހާބު ވީ އެވެ.

ސީނިއާ ނައިބު ރައީސަކީ ގައުމީ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ވޮލީބޯލް ސެކްޝަންގެ ނައިބު ރައީސްަކީ އަލީ ލަތީފެވެ. އިދާރީ ނައިބު ރައީސަކަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްކަމަށް އާއިދާ އަބްދުލް ހަކީމެވެ. އާއިދާ އަކީ ވޮލީގެ ފުރަތަމަ އަންހެން ނައިބު ރައީސެވެ.

ވީއޭއެމްގެ އެކްސްކޯ، ރޭ ގެ ކޮންގްރެސް އަށް ފަހު ފޮޓޯ އަކަށް މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވީއޭއެމްގެ އެކްސްކޯ، ރޭ ގެ ކޮންގްރެސް އަށް ފަހު ފޮޓޯ އަކަށް މަޑުކޮށްލައިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އަށް މަގާމަކީ މިހާރު އަމަލުކުރަމުންދާ އާ ހިންގާގަވާއިދުގެ ދަށުން އުފައްދާފައިވާ މަގާމުތަކެވެ. ވީއޭއެމްގެ އެކްސްކޯގައި ޖުމުލަ 15 މެންބަރުން ތިއްބަވާނެ އެވެ. އެއީ ކުރިން ވެސް ތިއްބެވި ހަ މެންބަރުންނާ އެކު އެވެ.

ރައީސްގެ މަގާމު އިންތިހާބަށް ހުޅުވާލީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރަނޭޝް، މި މަހު އެއްވަނަ ދުވަހު މަގާމު ދޫކޮށްލުމުންނެވެ. ލަތީފަށާއި ރޭ އިންތިހާބު ކުރި އަނެއް އަށް ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނީ މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރެވެ.

ރައީސްކަމާ ހަވާލުވުމަށް ފަހު ލަތީފް ވިދާޅުވީ، ވޮލީގެ ޔޫތު ޓީމުތައް މި އަހަރު އުފެއްދާނެ ކަމަށެވެ. އަދި އަންނަ އަހަރު ވޮލީގެ އަތޮޅު މުބާރާތް ބަދަލުތަކާ އެކު އަލުން ފަށާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ މި އަހަރު ތެރޭ، ކުރިއަށް އޮތް ފަސް އަހަރަށް ވޮލީގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާނެ ކަމަށެވެ.

އަންނަ އަހަރު އޭޕްރީލް މަހު ވީއޭއެމްގެ އެކްސްކޯގެ ހުރިހާ މަގަމާކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.