Roadha Mihaaru
އަލިފުށި އެއާޕޯޓް ނިންމައި މި އަހަރު ހުޅުވާނެ: ރައީސް

އަލިފުށި އެއާޕޯޓް ނިންމައި މި އަހަރު ހުޅުވާނެ: ރައީސް

05 ސެޕްޓެމްބަރ 2023

މި އަހަރު ނިމެންވާއިރަށް ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި، އެތަން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ރ. އަލިފުށިން އިފްރާޒް އަލީ

މި އަހަރު ނިމެންވާއިރަށް ރ. އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި، އެތަން ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އުތުރުން ވަޑައިގެންނެވި އެންމެ ފަހު ރަށަކީ އަލިފުއްޓެވެ. މި ރަށަކާ އެކު، އުތުރުގެ ހުރިހާ ރަށަކަށް ރައީސް އަށް ވަޑައިގެންނެވުނީ އެވެ.

ރައީސް އަލިފުއްޓަށް ވަޑައިގަތީ މިއަދު އިރުއޮއްސެނިކޮށެވެ. އެމަނިކުފާނު އަލިފުއްޓަށް ވަޑައިގަތުމުން މި ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އަލިފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، އަލިފުށީ އެއާޕޯޓަކީ މި ރަށު ރައްޔިތުންގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫއު ކަމަށެވެ. އެ މަސައްކަތް އަވަހަށް ނިންމުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުށީގައި. -- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަލިފުށީގައި. -- ފޮޓޯ: އެމްޑީޕީ

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަލިފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓަށް ބޭނުންވާ 50 ހެކްޓަރުގެ ބިން، މިހާރު އަންނަނީ ހިއްކަމުންނެވެ.

އަލިފުއްޓަށް ރައީސްގެ ވައުދުތައް

• އާޓިފިޝަލް ބީޗެއް ހެދުން.

• ކުނި މެނޭޖުކުރާ ސެންޓަރެއް ހަދަން އިތުރު އެއް ހެކްޓަރުގެ ބިން ހިއްކާނެ.

• ފްލެޓް ނުވަތަ ރޯހައުސް އިމާރާތްކުރުން.

• ފުޓުބޯޅަ ދަނޑު ތަރައްގީކުރުން.

• ލައިސަންސް ޓްރެކެއް ހެދުން.

• ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓެއް.

• ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސައިންސް ލެބެއް.

• ސްޕޯޓްސް ކޮމްޕްލެކްސްއެއް.