Roadha Mihaaru
ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަން ޖެހޭ!

ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަން ޖެހޭ!

20 އެޕްރީލް 2018

ޓެކްނޮލޮޖީގެ ޒަރިއްޔާ އިން އެހީ ހޯދައިގެން ފުޓްބޯޅައިގެ ނިންމުންތައް ނިންމަން ރެފްރީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފް ކުރި ވީޑިއާ އެސިސްޓަންޓް ޓެކްނޮލޮޖީ (ވީއޭއާރް) އަށް ދުނިޔޭގެ ގިނަ ގައުމުތަކާއި ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ޗެމްޕިއަންސް ލީގުން ވީއޭއާރް ބޭނުން ނުކުރާތީ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ސުވާލެއް އުފައްދައިފި ނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުސަތު ލިބޭނެ އެވެ.

ވީއޭއާރް މިހާރު ވެސް އިޓާލިއަން ލީގާއި ޖަރުމަނު ލީގު އަދި އިންގްލެންޑުގެ ބައެއް މުބާރާތްތަކުގައި ވެސް ބޭނުންކުރެ އެވެ. އަންނަ ސީޒަނުގައި ސްޕެނިޝް ލީގާއި ފްރެންޗް ލީގުގައި ވެސް ބޭނުންކުރަން ނިންމާފައިވާއިރު، މި ފަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުންކުރާނެ އެވެ.

މި ފަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ޔުވެންޓަސް އާއި ރެއާލް މެޑްރިޑް ކުޅުނު މެޗާއި ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގައި މުހިއްމު ނިންމުންތަކެއް ދިޔައީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ބުނެ ގިނަ ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ދުނިޔޭގެ ލެވެލަށް ބަލާއިރު ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގައި ވީއޭއާރް ހުންނަން ޖެހޭ ކަމަށް ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީން އަންނަނީ ބުނަމުންނެވެ.

އިނގިރޭސި އެފްއޭ ކަޕްގެ މެޗެއްގެ ތެރެއިން ރެފްރީ ނިންމުމެއް ބަދަލުކުރަން ވީއޭއާރްގެ ލަފާ ހޯދަން މެޗު ހުއްޓާލައިގެން. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި އެފްއޭ ކަޕްގެ މެޗެއްގެ ތެރެއިން ރެފްރީ ނިންމުމެއް ބަދަލުކުރަން ވީއޭއާރްގެ ލަފާ ހޯދަން މެޗު ހުއްޓާލައިގެން. -- ފޮޓޯ: އޭއެފްޕީ

އެހެން ނަމަވެސް މި ހުރިހާ ކަމަކާ މެދު ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ވިސްނުން ތަފާތެވެ. ދާދި ފަހުން އިޓަލީގެ މީޑިއާ އަކަށް އޭނާ ދިން އިންޓަވިއުއެއްގައި ވިދާޅުވީ ވީއޭއާރް އޮތީ އަދި އެންމެ ފުރިހަމަ ހާލަތެއްގައި ނޫން ކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ ފެރާރީ ފަދަ ބްރޭންޑެޑް ކާރެއް. ހަމަ ހުރެފައި ގޮސް ކޮންމެ މީހަކަށް އެ ނުއެއް ދުއްވޭނެ. ރަނގަޅު ތަމްރީންތަކާ އެއްޗެހި ބޭނުންވާނެ. ހަމަ އެ ގޮތަށް ވީއޭއާރް ވެސް ޗެމްޕިއަންސް ލީގުގައި ބޭނުންކުރެވޭނީ މިހާރަށް ވުރެ އެ ފުރިހަމަ ވެގެން. މިހާރު އޭގެ އިން ދިމާވާ ކަންތައްތައް އަހަރެމެންނަށް އެބަފެނޭ. ފުޓްބޯޅަ ފަދަ ސީރިއަސް ގޭމެއްްގައި ވަރަށް މަޖާ ކަންތައްތަކެއް ވީއޭއާރްގެ ސަބަބުން އެބަ ހިނގާ،" ކެފެރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުރު ނޫން މުސްތަގުބަލެއްގައި ވީއޭއާރް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ބޭނުން ކުރާނެ ކަމަށެވެ.

"ހަގީގަތަށް ވާހަކަ ދައްކަންޏާ 2019-2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި 2020ގެ ޔޫރޯގައި ވީއޭއާރް ބޭނުން ކުރުމުގެ ފުރުސަތު ބޮޑު. އަހަރެމެން ވަރަށް ގާތުން މި އަހަރު ވޯލްޑް ކަޕްގައި އެ ބޭނުންކުރަމުން ދާ ގޮތް ބަލާނަން،" ކެފެރިން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއް ލީގު ކަަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް ވަނީ އަންނަ ސީޒަނުގައި ވީއޭއާރް ބޭނުންކުރުމާ ދެކޮޅަށް ވޯޓް ދީފަ އެވެ. ގިނަ ކްލަބްތަކުން އެ ގޮތަށް ބޭނުންވީ އޮފިޝަލުން އަދި ރެފްރީން ވީއޭއާރް ބޭނުންކުރުމަށް އެންމެ ބޮޑަށް އަހުލުވެރިވެފައިނުވާތީ ކަމަށް ބުނެ އެވެ. އަދި ބައެއް ކަަހަަލަ ކަންތައްތަކެއް ފުރިހަމަ ނުވެ އެ ތައާރަފް ކޮށްފިނަމަ އޭގެ ގޯސް އަސަރު މެޗުތަކަށް ކޮށްފާނެ ކަމަށް ކްލަބްތަކުން އެއްބަސްވެ އެވެ.