Roadha Mihaaru
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި

އެމްޑީއޭއިން އެމްޑީޕީއާއެކު މަޝްވަރާ ފަށައިފި، ހަވީރު ޕީޕީއެމާ ބައްދަލުކުރާނެ

23 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާއެކު އެމްޑީއޭއިން މިއަދު މަޝްވަރާކޮށްފި އެވެ. އަދި އެކަމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނާ ވެސް ހަވީރު ބައްދަލުކުރަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ވަނީ ނިންމައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާއެކު އެމްޑީއޭއިން މިއަދު މަޝްވަރާކޮށްފި އެވެ. އަދި އެކަމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނާ ވެސް ހަވީރު ބައްދަލުކުރަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ވަނީ ނިންމައިފަ އެވެ.

އެމްޑީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ސިޔާމްގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެމްޑީއޭ ތަމްސީލު ކުރެއްވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އެވެ.

ޕީޕީއެމުން ބުނީ އެމްޑީއޭއާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ބާއްވާ ބައްދަލުވުން ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގްގައި އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ.

އެމްޑީއޭ އިން ވަނީ 2013 ގެ ރިޔާސީ އިންތިހާބަށް އޭރުގެ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން ހަދައިފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން ދެ ޕާޓީގެ މެދުގައި މައްސަލަ ޖެހުނަސް ވެރިކަން ނިމުމާ ހަމައަށް ވެސް ކޯލިޝަން ދެމިއޮތެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީއޭއިން ނުކުތްއިރު، އެ ޕާޓީގެ ލީޑަރު ސިޔާމް ވަނީ އެ އިންތިހާބުގައި ވާދަކުރަން ނިންމައި އެކަން އިއުލާނު ވެސް ކުރައްވައިފަ އެވެ. އެކަމަކު، ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.

މައުރޫފް "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ވާދަނުކުރަން ސިޔާމް ނިންމެވީ ސިޔާސީ އަދި އިގްތިސާދީ ގޮތުން މި ވަގުތު މާހައުލު ވަރަށް ހަލަބޮލިވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށެވެ. "ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،" މައުރޫފް ވިދާޅުވި އެވެ.