Roadha Mihaaru
އެމްޑީއޭގެ ނިންމުން ބަލައިގަންނަން: ޕީޕީއެމް

އެމްޑީއޭގެ ނިންމުން ބަލައިގަންނަން: ޕީޕީއެމް

27 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ރޭ ނިންމުމުން އެކަން ބަލައިގަންނަ ކަމަށް އެ ކޯލިޝަނުން މިރޭ ބުނެފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ރޭ ނިންމުމުން އެކަން ބަލައިގަންނަ ކަމަށް އެ ކޯލިޝަނުން މިރޭ ބުނެފި އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގެ ކައުންސިލްގެ 33 މެމްބަރުންގެ އަޣުލަބިއްޔަތުން ރޭ ފާސްކުރީ ދެ ވަނަ ބުރުގައި ރައީސް ދޫކޮށްލައިި މުއިއްޒާ އެކު ތިބުމަށެވެ.

އެއީ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ދަށް ނަތީޖާ އަށް ބަލާއިރު، ދެ ވަނަ ބުރުގައި އެ މަނިކުފާނު ބަލިވެ، މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރާނެތީ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އެމްޑީއޭގެ އެ ނިންމުމަށް މަރުހަބާ ކިޔައި ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެ ނިންމުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.

"އަދި އެމްޑީއޭއިން މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ، މި ކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި މި ކޯލިޝަންގެ ލީޑަޝިޕާއި އާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި އެމްޑީއޭގެ ލީޑަޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުހަބާ ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

މުއިއްޒާއި ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މި ވަގުތު އުޅުއްވަނީ ކެމްޕެއިނަށް އައްޑޫގަ އެވެ. މާލެ ވަޑައިގަންނަވާނީ މިރޭ ދަންވަރު އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު މިހާރު މަސައްކަތް ކުރަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އޮތީ އަދާލަތު ޕާޓީ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު އެއްލައްކަ އަށް ވުރެ ގިނަ ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ.