Roadha Mihaaru
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!

ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!

11 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވައިފި އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވައިފި އެވެ.

"އިންސްޓްރަކްޝަނެއްގެ ގޮތުގައި އެންގެވި އެންގެވުމެއް އެއީ. ވިދާޅުވީ އެ މަނިކުފާނުގެ ޝައުގުވެރިކަމެއް ނެތޭ އެ ކަމުގައި،" ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް އިންތިހާބުން ލިބިޑައިގަތީ އެންމެ ދެ ޕަސެންޓް ވޯޓެވެ. އެއީ އެންމެ 5،460 ވޯޓެވެ.

ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޔާމީންގެ އެންގެވުމެއް އައިއިރު، ގާސިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަކީ ޔާމީނާ އެކު ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އަހުމަދު ނިހާނާއި އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ގެންދަވަނީ އެހެން ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވައިފަ އެވެ.

ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ވަނީ މާފުށީ ޖަލުގައި އެ މަނިކުފާނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ޔާމީން މިއަދު އެދިވަޑައިގަންނަވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، މުއިއްޒަށް އިތުރަށް ތާއީދުކޮށް، ހިތްވަރުކޮށް، އިންތިހާބުގެ ދެ ވަނަ ބުރުގައި ކާމިޔާބީ ހޯދައި ދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ކުރީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖަމީލްގެ ޓުވީޓުގައި ވެ އެވެ.