Roadha Mihaaru
މުއިއްޒުގެ އިންޓަވިއު: ޔާމީންގެ އެއްވެސް ޝަރުތެއް ނެތް

ޔާމީންގެ އެއްވެސް ޝަރުތެއް ނެތް، ދައުރުގެ މެދުތެރޭގެ އިންތިހާބު މުއިއްޒު ގަބޫލެއް ވެސް ނުކުރައްވާ

25 އޯގަސްޓް 2023

ޕީިއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަކީ ގަބޫލު ކުރައްވާ ހަމައެއް ވެސް ނޫން ކަމަށް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕީިއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ޝަރުތެއް ނެތް ކަމަށާއި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަކީ ގަބޫލު ކުރައްވާ ހަމައެއް ވެސް ނޫން ކަމަށް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، "މިހާރު" އަށް ދެއްވި ހާއްސަ ވީޑިއޯ އިންޓަވިއުއެއްގަ އެވެ.

ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމަކީ ގާނޫނުއަސާސީން ލިބޭ ފުރުސަތެއް ނޫނަސް ސިޔާސީ ގޮތުން އެއްބަސްވެވޭ ގޮތެއްގެ މަތިން ރައީސާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފި ހާލަތެއްގައި އެއީ ކުރެވޭ ކަމެކެވެ. މީގެ ކުރިން ވެސް ބައެއް ކެންޑިޑޭޓުން އެ ގޮތަށް އެއްބަސްވެ، އެކަމަކު ވެރިކަން ލިބިވަޑައިގަތުމުން އެ އަށް އަމަލު ނުކުރެއްވި ކަމަށް ބުނެ ސިޔާސީ މަސްރަހު ހޫނުވެފައި ވެ އެވެ.

މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމުގައި ޔާމީންގެ ޝަރުތަކީ ވެސް އެއީ ކަމަށް ދެއްކެވޭ ވާހަަތަކާ ގުޅިގެން މިއަދުގެ އިންޓަވިއުގައި ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކޮށްގެން ނޫނިއްޔާ ކަންކަން ނުކުރެއްވޭނެ ކަމަށެވެ.

"އެހެން ނޫނީ ރައްޔިތުން ކީއްކުރަންތޯ މީހަކު އިންތިހާބު ކުރަނީ؟ ފަސް އަހަރަށް އިންތިހާބު މި ކުރަނީ. ކޮށްގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭނީ. އެހެންވީމާ އެހެން އެކަން ކުރިއަށް ދާން ޖެހޭނީ،" މުއިއްޒުގެ ގެ ދިމްޔާތުގައި ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީންގެ އިތުބާރު އޭނާ އަށް އެބައޮތެވެ ވިދާޅުވީ، ދައުރުގެ މެދުތެރެއިން އޭނާ އިންތިހާބެއް ބާއްވައި ޔާމީނާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގެއް ކަމަށެވެ.

"ރައީސް ޔާމީންގެ ކިބައިން އެއްވެސް ޝަރުތެއް އައިސްފައެއް ނެތް،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެރިކަމަށް ވަަޑައިގަންނަވަނީ އަދުލުވެރި ވެރިކަމެއް ކުރައްވަން ކަމަށާއި ހަމަޖެހުމާއި ކުރިއެރުން ގައުމަށް ގެންނަން ކަމަށެވެ.

"ރައީސް ޔާމީން ވިދާޅެއް ނުވާނެ އެހެން އެ ކަންތައް އޮއްވައި އެކަން [ދައުރުގެ މެދުތެރެއިން އިންތިހާބު ބާއްވާކަށް] އެހެން ކުރަން. އަޅުގަނޑުގެ ވިސްނުން ހުންނާނީ އެހެން ކަން ވެސް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް އިތުބާރު ކުރައްވަނީ ވެސް އެހެން ވެގެން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެން އޮއްވައެއް އެހެން ބައެއް ސިޔާސީ ވެރިން ކަންތައް ކުރެއްވި ގޮތަށް ވަކި ކަމެއް ކުރައްވާކަށެއް ވިދާޅެއް ނުވާނެ އަޅުގަނޑު ގާތަކު."

މުއިއްޒު ވިދާޅުވީ، އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ދައުރުގެ މެދުތެރެއިން އިންތިހާބު ބޭއްވުމާ މެދު އެއްވެސް ގޮތަކަށް މަޝްވަރާ ނުކުރައްވާ ކަމަށެވެ.

ވެރިކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ޔާމީން ދެއްވާނެ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބު ވެއްޖެ ނަމަ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން ޖަލުން މިނިވަންކުރުމަކީ މުއިއްޒު އެންމެ އިސްކަން ދެއްވާ ކަންތައްތަކެވެ. އެ ހާލަތުގައި ބައެއް މީހުންގެ ހިތުގައި އުފެދިފައިވާ ޝައްކަކީ ޔާމީން މިނިވަންވެ، މުއިއްޒުގެ މައްޗަށް ނުފޫޒު ފޯރުއްވައި، ވެރިކަން ކުރައްވަން ދަތި ކުރައްވާނެ ކަމަށެވެ.

ސީދާ އެ ސުވާލު "މިހާރު" އިން މުއިއްޒާ ކުރުމުން ވަރަށް ހަމަޖެހިގެން އިންނަވައިގެން ވިދާޅުވީ ކަންބޮޑުވުމެއް ނެތް ކަމަށެވެ. ވިދާޅުވީ، ޔާމީން އިސްކުރައްވާނީ ގައުމު ކަމަށާއި ވެރިކަން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު މުއިއްޒަށް އޮންނާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން: މުއިއްޒުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް ޔާމީން: މުއިއްޒުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު

"އެއްގޮތަކަށް ވެސް އެކަމަށް [މުއިއްޒުގެ ވެރިކަން] ހީނަރު ކަމެއް އަންނާނެ ކަމެއް [ޔާމީން] ނުކުރައްވާނެ. އެ އަށް ވުރެ މާ ބޮޑަށް ގައުމު ދެކެ ލޯބިވާ ބޭފުޅެއް. ދެ ޕާޓީގައި އެކުގައި މަސައްކަތްކޮށް، ލީޑަޝިޕް ވަރުގަދަކޮށް އަދި މި އިންތިހާބަށް ފަހު ދެން އަންނަ އިންތިހާބުގައި ވެސް ބޮޑު މެޖޯރިޓީއެއް ހޯދުމަށް މަސައްކަތް ކުރުން. އެ މަގުން އެ މަނިކުފާނު މަސައްކަތް ކުރައްވާނީ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީން އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުގައި ޕާޓީ ކޯޅުން ފެނިފައިވާއިރު އެފަދަ ކަމެއް ޔާމީންގެ ފަރާތްޕުޅުން މުއިއްޒަށް ކުރިމަތިވެދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒު ވިދާޅުވީ، ޔާމީންގެ ހައިސިއްޔަތާއި ޔާމީންގެ ގަދަރަށް ކުރާ އިހުތިރާމް އޭނާގެ ކިބައިން ކުޑަކޮށް ވެސް ކުޑަނުވާނެ ކަމަށެވެ.

"އަޅުގަނޑު މި ކުރިމަތިލަނީ ގައުމުގެ ކަންކަން ކުރުމަށް. އެ ކަމުގައި އަޅުގަނޑަށް ކުރިއަށް ދެވޭނެ. އެ ކަމުގައި އަޅުގަނޑު ކުރިއަށް ދިއުމުގައި އެއްވެސް ކަހަލަ ހީނަރުކަމެއް، ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތި ކުރާނެ ކަމަށް ގަބޫލު ނުކުރަން. އަދި އަމުދުން ރައީސް ޔާމީންގެ ކިބަޔަކުން އެ ކަމެއް ނުފެންނާނެ،" މުއިއްޒު ވިދާޅުވި އެވެ.