Roadha Mihaaru
ވަސީލަތްތައް ބޭނުންކުރާ ގޮތާ މެދު އީޔޫގެ ކަންބޮޑުވުން!

އީޔޫ އިން ބުނީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކެމްޕޭނަށް ކުރާ ހަރަދު ނުބެލޭ ކަމަށް

11 ސެޕްޓެމްބަރ 2023

ވެރިކަން ކުރާ ޕާޓީ އަށް ފައިދާވާ ގޮތަށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުބެލޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވެރިކަން ކުރާ ޕާޓީ އަށް ފައިދާވާ ގޮތަށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުބެލޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮބްޒާވަރުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮބްޒާވް ކުރަން އީޔޫގެ ޓީމުގައި ހިމެނޭ 40 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.

އީޔޫގެ އޮބްޒާވަރުންނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެކުލަވައިލި ވަގުތީ ރިޕޯޓުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، ވޯޓު ލީ ދުވަހުގެ ކަންކަން ޖުމްލަ ގޮތެއްގައި ރަނގަޅަސް ކެމްޕޭނު ކުރުމުގެ ތެރެއިން ކަންބޮޑުތަކެއް ފާހަގަކުރެވުނު ކަމަށެވެ.

ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު އިންތިހާބުގައި ވާދަކުރި 8 ކެންޑިޑޭޓުންނަށް ލިބިފައިވީ ނަމަވެސް، ދައުލަތުގެ ވަސީލަތްތައް ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓަށް ފައިދާވާ ގޮތަށް ބޭނުންކުރުމުގެ ތުހުމަތު ވަރަށް ބޮޑަށް ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

""...އިންތިހާބުގެ ކުރިން އޮތް މާހައުލަށް އޮތީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމުގެ ތުހުމަތުގެ އަސަރު ކޮށްފައި،" އަމޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކެމްޕޭނުގެ ތެރޭގައި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަކިން ހާއްސަ އިސްކަމެއް ދީ، ސަރުކާރުގެ ރަސްމީ ހަފްލާތަކާއި ކެމްޕޭނު ހަރަކާތްތަކާ ދެމެދު އޮންނަން ޖެހޭ ފަރަގެއް ނެތި ވަގުތު ދީފައި އެވެ.

،ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އީސީ އަށް ރަނގަޅަށް ނުބެލޭ އިރު، ގަވައިދުގައި ހުރި ކަންކަން ތަންފީޒު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެންޑިޑޭޓުންނަށް ލިބޭ ފައިސާ އާއި އަދި ކުރާ ހަރަދާ ބެހޭގޮތުން ދެފުށް ފެންނަ ގޮތަށް މައުލޫމާތެއް ނުހުރޭ،" އެ މައުލޫމާތުތައް އޮޑިޓު ކުރުމުގެ ޒިންމާ އީސީގެ މައްޗަށް އޮތަސް އެކަމު ގާބިލުކަން ވެސް ނެތް ކަން ފާހަގަކުރައްވައި އަމޯ ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު އެހެން ފަހަރުތަކާ އަޅާބަލާ އިރު މަދުވުމުގެ އިތުރުން ބާތިލުވީ ވޯޓުތައް އިންތިހާ އަށް މަތިވެފައިވާއިރު، ވޯޓު ލާ މީހުން ހޭލުންތެރިކުރުވުމަށް އީސީ އަށް މަސައްކަތް ކުރެވުނު ވަރު ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި އިންތިހާބެއް އޮބްޒާވްކުރަން އީޔޫގެ އެންމެ ބޮޑު ޓީމުގައި 40 އަށް ވުރެ ގިނަ އޮބްޒާވަރުން މާލެ ހިމެނޭ ގޮތަށް 52 ރަށެއްގެ 124 ވޯޓު ލާ މަރުކަޒުތަކުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.

މި މަހުގެ 30 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރުގައި ވެސް އީޔޫގެ ޓީމުން ހަރަކާތްތެރިވާ އިރު، އެ ޓީމުގެ ތަފްސީލީ ރިޕޯޓު އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގައި ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.