Roadha Mihaaru
ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއްނެތް

ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއް ނެތް: އީޔޫ

09 ޖެނުއަރީ 2024

ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ފައިސާ ހޯދި ގޮތާއި ކެމްޕެއިނަށް ކުރި ހަރަދުތައް އެއްވެސް ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައިވާ ނުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަންގެ ފައިނަލް ރިޕޯޓުގައި ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ފައިސާ ހޯދި ގޮތާއި ކެމްޕެއިނަށް ކުރި ހަރަދުތައް އެއްވެސް ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައިވާ ނުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަންގެ ފައިނަލް ރިޕޯޓުގައި ބުނެފި އެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހާއި 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރާ ގުޅޭ ފައިނަލް ރިޕޯޓު އާންމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، އިންތިހާބުގައި ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ގާނޫނުގައި ލިޔެފައިވާއިރު، މިހާރު އޮތް ނިޒާމުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމަށް ތަންފީޒީ ނިޒާމެއް ނެތް ކަމަށެވެ.

"ވޯޓު ގަތުމާއި ޕަބްލިކް އޮފީސް އިންސްޓޫމެންޓަލައިޒޭޝަންގެ އުސޫލުތަކާއި ކެމްޕެއިނު ކުރުމުގެ ހަމަހަމަކަމާއި އިންސާފުވެރިކަމަށް އުނިކަން އަންނަ ކަންކަން ހިމެނޭ،" ސަންޗޭޒް އަމޯ ވިދާޅުވި އެވެ.

ގާނޫނުގައި މިހާރު އިންނަ ތިން ވަނަ ފަރާތަކުން ފައިސާ ހަދިޔާ ކުރެވޭ ނިޒާމު އެއްވެސް ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓޭއިރު، އިންތިހާބުގައި ކެންޑިޑޭޓުންނަށް ފައިސާ ހަރަދު ކުރެވޭ މިންވަރު ވެސް ކަނޑައަޅާފައިވަނީ މާ މަތިކޮށް ކަމަށް އީޔޫގެ ރިޕޯޓުގައިވެ އެވެ.

އީޔޫގެ އޮބްޒަވޭޝަން މިޝަންގެ ފައިނަލް ރިޕޯޓު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ މައުލޫމާތު ދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަން އެހެން އޮތް އިރު، ގާނޫނުގައި ބުނާ އަދަދަށް ވުރެ ގިނައިން ހަރަދު ކުރުމާއި މާލީ ބަޔާން އޮޅުވާލައި ނުވަތަ ހުށަހެޅުމަށް ދެކޮޅު ހެދިނަމަވެސް، އެކަމަށް ލިބޭ މާލީ އަދަބު ކުޑަވެފައި ފަސްނުޖެހޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކެމްޕެއިނުތަކުގައި މާލީ އެހީ ނޫން ގޮތުގައި ދެވޭ އެހެނިހެން އެހީތަކުގެ ހިސާބު އަދިވެސް ނުކުރެވޭ ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންކަން ރަނގަޅު ކުރުމަށް އީޔޫން ވަނީ ގާނޫނީ އޮނިގަނޑުގައި މި ކަންކަމަށް މަގުފަހިވާ ގޮތަށް ހުރި ބާގަނޑުތައް ބައްދައި، ކެމްޕެއިނުގައި ފައިސާ ހަރަދުކުރުމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ލަފާދީފަ އެވެ.

އީޔޫގެ އޮބްޒަވޭޝަން މިޝަންގެ ފައިނަލް ރިޕޯޓު ހާމަކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީޔޫގެ އޮބްޒަވޭޝަން މިޝަންގެ ފައިނަލް ރިޕޯޓު ހާމަކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަދި، މާލީ ކަންކަން ބެލުން ހަވާލުކޮށްފައިވާ އިލެކްޝަންސް ކޮމިޝަންގެ ޒިނާމަތައް ބޮޑުކަން ފާހަގަކޮށް، އެކަމާ ގުޅޭ ކަންކަން އީސީގައި ވަރުދަގަދަކުރުމަށް ވެސް ވަނީ ރިޕޯޓުގައި ބާރު އަޅައިފަ އެވެ.

އީޔޫގެ ރިޕޯޓުގައި ވަނީ އިންތިހާބުގެ ކަންކަން މައިގަނޑު ގޮތެއްގައި ރަނގަޅަށް ދިޔަ ނަމަވެސް، ރަނގަޅުކުރަން ޖެހޭ 20 ލަފައެއް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭ ކަންކަމަށް ފާހަގަކޮށްފައިވަނީ:

- ވޯޓޫ ގަތުން ހުއްޓުވުމަށް ސިވިކް އަދި ވޯޓާސް އެޑިއުކޭޝަން ހަރުދަނާ ކުރުން

- ކެމްޕެއިނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން ހުއްޓުވުން

- ކެމްޕެއިން ފައިނޭންސްގެ ގާނޫނަށް އިސްލާހު ގެނެސް، ގަވައިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރުން

- އެތިކަލް ކަވަރޭޖަކަށް ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނު ދިނުން

- ފެކްޓް ޗެކިންގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުން

- ވޯޓުލާ މީހާގެ ނިޔަތް ސާފުވާން އޮންނަ ހާލަތްތަކުގައި ވޯޓު ކަރުދާސް ބާތިލް ނުވާނެ ކަން ކަށަވަރުކުރުން