Roadha Mihaaru
ޝާހުގެ "ޖަވާން" އަށް 300 ކްރޯޑް ރުޕީސް ލިބިއްޖެ

އެންމެ އަވަހަށް 300 ކްރޯޑް ރުޕީސް ލިބުނު ފިލްމަކަށް ޝާހުގެ "ޖަވާން" ވެއްޖެ

13 ސެޕްޓެމްބަރ 2023

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" އަށް އެންމެ ހަ ދުވަސް ތެރޭގައި 300 ކްރޯޑް ރުޕީސް ލިބި، އެންމެ އަވަހަށް އެވަރުގެ އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ.

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" އަށް އެންމެ ހަ ދުވަސް ތެރޭގައި 300 ކްރޯޑް ރުޕީސް ލިބި، އެންމެ އަވަހަށް އެވަރުގެ އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި އެ ފިލްމަށް، ހަމައެކަނި އިންޑިއާގައި ދައްކައިގެން އިއްޔެގެ ނިޔަލަށް ވަނީ 316 ކްރޯޑް ރުޕީސް (38 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ ބޮޑު ރެކޯޑެކެވެ.

މީގެ ކުރިން ވެސް އެ މަގާމުގައި އޮތީ ޝާހުގެ ފިލްމެކެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގައި ނެރުނު ޝާހުގެ "ޕަތާން" އެވެ. އެ ފިލްމަށް 300 ކްރޯޑް ރުޕީސް ލިބުނީ ހަތް ދުވަހުންނެވެ. އެ ފިލްމަށް ފަހު ލިސްޓުގެ ކުރީގައި ދެން އޮތީ މިދިޔަ މަހު ރިލީޒްކުރި ސަނީ ޑިއޯލްގެ ފިލްމު "ގަދަރު 2" އެވެ. އެ ފިލްމަށް އެވަރުގެ އާމްދަނީއެއް ލިބުނީ އަށް ދުވަހުންނެވެ.

"ޖަވާން" ވަނީ އެހެން ރެކޯޑެއް ވެސް ހަދައިފަ އެވެ. އެއީ، އިންޑިއާ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ދައްކައިގެން އެންމެ އަވަހަށް 500 ކްރޯޑް ރުޕީސް (60 މިލިއަން ޑޮލަރު) ހޯދި ފިލްމުގެ ރެކޯޑެވެ. އެވަރުގެ އާމްދަނީއެއް ލިބުނީ މި ފިލްމު ރިލީޒްކުރިތާ އެންމެ ހަތަރު ދުވަސް ތެރޭގަ އެވެ.

ދުނިޔޭގެ ބޮކްސް އޮފީހުގައި، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ފިލްމަށް ވަނީ 520 ކްރޯޑް ރުޕީސް (62 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.

ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތައް ކުޅުނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެނެ އެވެ.