Roadha Mihaaru
ޕީޕީއެމްގެ ކެމްޕެއިނާ މެދު ހިތްހަމަޖެހޭ: ރައީސް

ޕީޕީއެމްގެ ކެމްޕެއިނާ މެދު ހިތްހަމަޖެހޭ: ރައީސް

31 ޖުލައި 2023

ކެމްޕެއިން ކުރުމަށް ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ށ. މާއުނގޫދޫން އާސިމާ ނިޒާރު

ކެމްޕެއިން ކުރުމަށް ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގައި ށ. މާއުނގޫދު އަށް ވަޑައިގެން ރައީސް ވިދާޅުވީ މިއީ ސިޔާސީ ރަށެއްކަން މި ރަށަށް އެރުމުން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރަށުގެ ބަނދަރުމަތީގައި ދަމާފައިވާ ބެނާތަކާއި ދިދަތަކަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ ފެއްސާއި ރީނދުލާއި އޮރެންޖު އަދި މަދުން ނަމަވެސް ބައެއް ރަށްރަށުން ފެންނަ ފިޔާތޮށި ކުލަ މި ރަށުން ވެސް ފެންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ ރަނގަޅު ކަމެކެވެ. އިންތިހާބެއްގެ ކެމްޕެއިން މި ހިސާބަށް އަންނައިރު ވާދަކުރަން ގަސްތުކުރާ ސިޔާސީ ޕާޓީތަކުން ރަނގަޅަށް ކެމްޕެއިން ކުރަންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ރަށުން އަޅުގަނޑަށް އެ މަންޒަރު ފެނޭ. ހަގީގަތުގައި އަޅުގަނޑުމެންނަށް ޖޯޝާއި ފޯރި އަންނަނީ ވެސް، މީގެ ރޫހު އަންނަނީ ވެސް މި ފަދަ ވާދަވެރިކަން ދައްކައިގެން. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ޕީޕީއެމްގެ މެމްބަރުން އެ ކުރައްވާ މަސައްކަތަށް. ކުރިއަށް ވަޑައިގަންނަވާ. އަޅުގަނޑުމެން މި ތިބީ ވާދަކުރަން ނުކުމެ." މި ރަށުގެ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ޕީޕީއެމުން ކުރާ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއަސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. މާއުނގޫދޫގައި މިއަދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. މާއުނގޫދޫގައި މިއަދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވާނެ އެވެ. ނަމަވެސް، ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ނުނިމޭތީ އެ ފުރުސަތު ފަހިވާނެ ކަމަކަށް ނުބެލެވެ އެވެ.

އޭގެ އިތުރުން، ރިޔާސީ ރޭހުގައި ދެން ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ބޭފުޅުން ފޯރީގައި ކެމްޕެއިންނުކުރާތީ ވެސް އެމްޑީޕީގެ ކޯލިޝަނުން ފާޑުކިޔަ އެވެ.

ކުރީގެ އެންމެ ގާތް އެކުވެރިޔާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ ވިޔަފާރި މެނިފެސްޓޯއަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ މިހާރު ވެސް އެއްވެސް އެއްޗެއް ރަހުނު ނުކޮށް އެސްއެމްއީ ލޯނު ލިބޭ ކަމަށެވެ. މިހާރު ބޭނުންވަނީ ރަނގަޅު ޕްލޭނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުރިމަތިލާން ނިންމާފައިވާ ބައެއް ކެންޑިޑޭޓުން ވަޑައިގެން ވިދާޅުވާ ބައެއް ވާހަކަ އެބަހުރި. ކޮންމެ ވެސް އެއް ރަށަކަށް ގޮސް ވިދާޅުވި ތިމަންނަމެންގެ ވެރިކަމުގައި މި ރަށުގައި 1،200 މީޓަރުގެ އެއާޕޯޓެއް އަޅައިދޭނަމޭ. ބުނިއިރު މި ސަރުކާރުން އެ ރަށުގައި 1،500 މީޓަރު އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދޭ. އެއްޗެހި އަރުވާ ނިންމައިފި."

"...އަނެއް ބައެއްގެ މެނިފެސްޓޯ އިއުލާން ކުރިއިރު އެބަ ވިދާޅުވޭ އެސްއެމްއީ ލޯނު، މޯގޭޖެއް ނެތި ދޫކުރާނަމޭ ތިމަންނަމެން. ބުނިއިރު މި ސަރުކާރުން މިހާރު ވެސް ދޫކުރެއޭ އެސްއެމްއީ ލޯނު. ބޭނުންވަނީ ރަނގަޅު ޕްލޭނެއް، ޕްރޮޕޯޒަލެއް. ލީމަ އެސްއެމްއީ ބޭންކުން މިހާރު ވެސް އެ ލޯން ދޫކުރޭ. މާ މޮޅު ޕްލޭނަކަށް ހަދާފައި ނުކުމެ ވަޑައިގެން މި ވިދާޅުވަނީ ތިމަންމެންގެ ވެރިކަމުގައި މިކަން ކޮށްދޭނަމޭ، މޯގޭޖެއް ނެތި ދޫކުރާނަމޭ. މިއީ، މިހާރު ހިނގަހިނގާ ހުރި ކަމެއް." ޑިމޮކްރެޓްސް އަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މި ރަށުގެ މަގުތައް ހަދައި، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ ތަނުގައި އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފަށާނެ ކަމަށެވެ. އޭގެ އިތުރުން، އިތުރު ކްލާސްރޫމް އަޅައި، ޒަމާނީ މިސްކިތެއް ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.