Roadha Mihaaru
ނުފޫޒު ފޯރުވާ ކަމަށް ކިޔަނީ ބަލިވާނެތީ: އެމްޑީޕީ

ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ކިޔަނީ ބަލިވާނެކަން ޔަގީން ވީމަ: އެމްޑީޕީ

17 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތުކުރަނީ އިންތިހާބުގައި ބަލިވާނެ ކަން ޔަގީންވުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތުކުރަނީ އިންތިހާބުގައި ބަލިވާނެ ކަން ޔަގީންވުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް އެ ޕާޓީން ނުފޫޒު ފޯރުވާ ކަމަށް އަޑުފަތުރަނީ ރިޔާސީ އިންތިހާބުން އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބަލިވާނެ ކަން ޔަގީންވުމުން، އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

އިންތިހާބަށް ނުފޫޒު ފޯރުވަން އެމްޑީޕީން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.

އެ ބަޔާނުގައި އެމްޑީޕީން ބުނީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރުމަށް ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އިތުރު ޖޯޝަކާ އެކު އެ މަސައްކަތް މިއަދު ހަވީރު 4:00 ޖަހަން ދެން ކުރިއަށް ގެންގޮސްދިނުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތު ހަމަވަނީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ.

އެމްޑީޕީން ބުނި ގޮތުގައި، އިންތިހާބަށް ނުފޫޒު ފޯރުވަނީ އިދިކޮޅުންނެވެ. އިދިކޮޅުން އާންމުންނަށް އޮޅުވާލައި، އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މީހުން ދުރު ތަންތަނަށް ރީ-ރަޖިސްޓާކުރަމުން ދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރި އެވެ. އެހެންވެ، ވޯޓު ލާން ރަޖިސްޓްރީވެފައި ވަނީ ރަނގަޅު ތަނަށްތޯ ޗެކުކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.

ވޯޓު ލާން ރަޖިސްޓްރީވެފައިވާ ތަން އޮންލައިންކޮށް ޗެކު ކުރެވޭނީ https://pprvr.elections.gov.mv/statuscheck/vr އަށް ވަދެގެންނެވެ. އަދި VR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި އައިޑީކާޑު ނަންބަރު ޖެހުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ވޯޓު ލާން ރަޖިސްޓްރީވެފައިވާ ތަން ބެލޭނެ އެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާން ދެ ދުވަސް ތެރޭގައި 25،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅުމުން އިދިކޮޅުން ވަނީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެއީ ފޭކު ފޯމުތަކެއް ހުށަހަޅައިގެން މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.