Roadha Mihaaru
އިންތިހާބާ ގުޅިގެން ހުށަހެޅި 7މައްސަލަ އޭސީސީން ބަލަނީ

އިންތިހާބާ ގުޅިގެން ހުށަހެޅި ކޮރަޕްޝަންގެ ހަތް މައްސަލައެއް ތަހުގީގުކުރަނީ

13 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި 29 ޝަކުވާގެ ތެރެއިން ހަތް މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ، ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިޔާސީ އިންތިހާބުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި 29 ޝަކުވާގެ ތެރެއިން ހަތް މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ، ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

އޭސީސީން ބުނީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

- ދައުލަތުގެ މުދާލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ

- ރިޝްވަތާ ގުޅުހުން ހުރި މައްސަލަ

- ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާ ގުޅޭ މައްސަލައެއް

ރިޔާސީ އިންތިހާބުގައި އިލެކްޝަންސްގެ އޮފިޝަލަކު ވޯޓުލާ މަރުކަޒަށް ވޯޓު ފޮއްޓެއް ވައްދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި އިލެކްޝަންސްގެ އޮފިޝަލަކު ވޯޓުލާ މަރުކަޒަށް ވޯޓު ފޮއްޓެއް ވައްދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭސީސީން ބުނީ އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅަމުން އަންނަ ކަމަށެވެ. އަދި ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމަށާއި އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އިންތިހާބުގެ ދެވަނަބުރު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30ގަ އެވެ. ދެވަނަ ބުރަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަން ޕީޕީއެމުން މިހާރު ދަނީ އިންތިހާބަށް ކެމްޕެއިން ކުރަމުންނެވެ.

ކެމްޕެއިންގައި ދައުލަތުގެ މުދަލާއި ވަސީލަތް އަދި މުވައްޒަފުން އެމްޑީޕީން ބޭނުންކުރާކަަމުގެ ތުހުމަތު އިދިކޮޅާ އެހެން ބައެއް ޕާޓީތަކުން ވެސް ދަނީ ކުރަމުންނެވެ.