Roadha Mihaaru
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ

އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިއްޖެ

18 އޯގަސްޓް 2021

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރޭ އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އޭނާއާ ގުޅުން ހުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން އެމްޑީޕީ އަށް އަންގާފައި ވާތީ، ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން، އެމްޑީޕީގެ މާލެ ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އަކްރަމް، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭސީސީން އޭނާގެ މައްސަލައެއް ބަލަމުންދާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބުންޏަސް، ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މީހުންގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވައިދެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ އޭޕްރީލް 24 ގައި ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި، ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނީ ގެއްލުވާލާފައިވާ އަދި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ކުށެއް ކުރި ކަމަށް ނުވަތަ ކުށުގައި ބައިވެރިވެފައިވާ ކަމަށް ބުނެފައިވާ މީހުންނަށް ކަމަށް ބުނާ ކަމަށާއި އެ ދެ ކޮމިޝަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި އޭނާ ކުށެއް ކުރި ކަމަށް ނުވަތަ ކުށުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިޔާނާތުގެ ލިސްޓުން އެނގޭ ގޮތުން، އެ ކޮމިޝަނުން ވަނީ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރަން ނިންމައި މައްސަލަ ނިންމާފައި ކަމަށް އަކްރަމް ވިދާޅުވެ އެވެ.

ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވަނީ އަކްރަމްގެ މައްސަލައެއް އޭސީސީން ބަލާތީ ކަމަށް ކަމަށް އެމްޑީޕީން އަންގާފައިވީ ނަމަވެސް އޭޕްރީލް 27، 2021 ގައި ނެރުނު އިއުލާނުގައިވާ ގޮތުން ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވަނީ އޭސީސީން މައްސަލައެއް ހުށަހަޅާފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުން ދިއުމަކީ ޝަރުތު ފުރިހަމަ ނުވާނެ ސަބަބެއް ނޫން ކަމަށެވެ.

"އޭސީސީން ބަލަމުންދާ ނުވަތަ ބަލާފައިވާ މައްސަލައަކާ ގުޅިގެން ޝަރުތު ފުރިހަމަ ނުވާނީ އެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެއްވެސް މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ނަމަ އެވެ،" ހަތަރު ސަފުހާގެ ސިޓީގައި އަކްރަމް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ އެއްވެސް ރިޕޯޓެއްގައި އަޅުގަނޑުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިވާ ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެ އެވެ. އަދި އެފަދަ އެންގުމެއް އެއްވެސް އިދާރާއަކަށް އެންގި ކަމެއް އޭސީސީން ވެސް ހާމަކޮށްފައެއް ނުވެ އެވެ."

އަކްރަމް ވިދާޅުވިގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އޭސީސީން 2018 ވަނަ އަހަރު ނެރުނު ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވާތީ އެކަމާ ގުޅޭގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ އަންގައިދިނުމަށް ކުރިން އެދިވަޑައިގެންނެވި ކަމަށެވެ. އޭގެ ޖަވާބުގައި އޭސީސީން އޭރު ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވެސް އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނުވަތަ އެ ނޫން ވެސް އެއްވެސް މައްސަލައެއްގައި މިހާތަނަށް ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޕާޓީގެ އިންތިހާބުގައި ވާދަކުރާ މީހުންގެ ޝަރުތުތައް، އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރު ކުރެވޭނެ ކަމެއް ކަމަށް ވެސް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ބަދަލެއް ގެންނަން ޖެހޭނީ އަސާސީ ގަވާއިދަށް ކަމާއި އަސާސީ ގަވައިދަށް ބަދަލު ގެނެވޭނީ ވަކި އިޖުރާއަތްތަކެއްގެ މަތިން ކަމަށް ވާއިރު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅާފައި މި ވަނީ އެ އިޖުރާތްތަކާ އެއްގޮތަށް ނޫން ކަމަށް ވެސް ފާހަގަކުރަމެވެ،" ސިޓީގައި އަކްރަމް ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭނާ އަށް ވެސް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުން ވަނީ ފުރުސަތު ގެއްލުވާލައިފަ އެވެ.