Roadha Mihaaru
ޕެންޝަން ފައިސާ އިތުރު ބޭނުންތަކަށް ދޭނަން: މުއިއްޒު

އިތުުރު ކަންކަމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭ ގޮތް ހަދާނަން: މުއިއްޒު

14 ސެޕްޓެމްބަރ 2023

ޕެންޝަން ފައިސާއިން އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރި ފެށުމަށާއި އަދި ތައުލީމު ހާސިލުކުރުމަށް ފައިސާ ނެގޭގޮތަށް ޕެންޝަންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އދ. މަހިބަދޫން އިފްރާޒް އަލީ

ޕެންޝަން ފައިސާއިން އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރި ފެށުމަށާއި އަދި ތައުލީމު ހާސިލުކުރުމަށް ފައިސާ ނެގޭގޮތަށް ޕެންޝަންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވަމުން އަންނަ ކަމަށާއި ނަމަވެސް އެ ފަންޑުގެ ގާނޫނު އޮންނަ ގޮތުން އާންމުންނަށް އެންމެ ރަނގަޅަށް ފައިދާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ މިހާރު ބޭނުންކުރެވެނީ ލޯނުގެ އުސޫލުން އެޕާޓްމަންޓް ގަތުމަށާއި ހައްޖުގެ އަޅުކަން އަދާކުރުމަށް އެކަންޏެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އދ. މަހިބަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އދ. މަހިބަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި 65 އަހަރުވުމުން އަދި ބައެއް ފަހަރު 55 އަހަރުވުމުން ރިޓަޔާ ކުރާއިރު އެކަށީގެންވާ އަދަދެއްގެ ފައިސާ ޕެންޝަން ފަންޑުގައި ހުރިނަމަ ކޮންމެވެސް ވަރެއް ލިބެ އެވެ. ނަމަވެސް އުމުރުގެ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ކުރި މަސައްކަތުން ޕެންޝަނަށް ޖަމާވެފައިވާ ފައިސާ އިން ފަހު ވަގުތު މާ ބޮޑު ފައިދާއެއް ނުކުރާ ކަމަށާއި ޕެންޝަން ގާނޫނަށް ބަދަލު ގެންނަން ޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ އެހީތެރިކަމާ އެކީގައި ގާނޫނަށް ބަދަލު ގެނެސްގެން މި ފަންޑުން އަމިއްލަ ގެދޮރު ބިނާކުރުމަށްޓަކާ ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރިން ކިޔަވަން ބޭރަށް ފޮނުވުމަށް ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމަށް އަދި އަމިއްލަ ވިޔަފާރި ފެށުމަށްޓަކާ އިންވެސްޓްމަންޓެއްގެ ގޮތުގައި އެ މީހާ ޖަމާކުރި ފައިސާ އިން ކޮންމެ ވެސް ވަރެއް ނެގުމުގެ ފުރުސަތު ދިނުމަށް މިފަދަ ކަންކަމަށް ފަހިވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާނަން." މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދުއަށް ވަޑައިގަތުން.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ އެ ފައިސާ ދޭނީ 30 ނުވަތަ 40 އަހަރު މަޑުކޮށްފައި ނޫން ކަމަށާއި ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ މަދުވެގެން 10 އަހަރު ވުމުން އެ ކަންކަމަށް ފައިސާ ނެގޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން ފަންޑު ދެމެހެއްޓުމުގެ އިތުރުން އިތުރު އިންވެސްޓްމަންޓްތަކަށް އެ ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.