Roadha Mihaaru
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާދޭނަން: މުއިއްޒު

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން މުއިއްޒު ވެސް ވައުދުވެވަޑައިގެންފި

14 ސެޕްޓެމްބަރ 2023

މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ވައުދުވެވަޑައިގެންފި އެވެ.

އިފްރާޒް އަލީ އދ. މަހިބަދޫން އިފްރާޒް އަލީ

މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ކެމްޕެއިން ދަތުރުތައް ކަވަރުކޮށްދީ، އާންމުންނާ ހަމައަށް ހަބަރުތައް ގެނެސްދިނުމަށް ނޫސްވެރިން ވަރަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެެވެ.

މުއިއްޒު ވިދާޅުވީ ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށެވެ. އަދި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރާ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދު ނޫސްވެރިކަން އޮތީ "އަޅުވެތި ކޮށްފައި" ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ބައެއް ފަހަރު މިހާރު ވެއްޖެއްޔާ ރައީސް އޮފީހުން ފައިސާ ދޭ ވާހަކަ އިވެނީ. އެގޮތަށް އެކަން ވީމާ ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިކަމަށް ފޯރާ." މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވެސް އެންމެ ރަނގަޅަށް ފަހިވެފައި ނެތް ކަމަށެވެ. އެހެންވެ، ޒަމާނީ ތަރައްގީ އާއި ޒަމާނީ ޑިމޮކްރަސީއެއް ހާސިލުކުރަން ބޭނުންވާނަމަ ދައުލަތުގެ ހާއްސަ ނިޒާމެއްގެ ތެރެއިން މީޑިއާތަކަށް އެހީތެރިކަން ދެވޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ އެހީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ކަހަލަ މީޑިއާތަކަށް ފައިދާވާނެ ގޮތަށް ދޭން ހުށަހަޅާނަން." މުއިއްޒު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި މިނިވަންކަމާ އެކު ނޫސްވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް މިރޭ މުއިއްޒު ދެއްވި އެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސަން ޕީޕީއެމް/ޕީއެންސީއާ ވާދަކުރާ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަނައިފަ އެވެ.