Roadha Mihaaru
"ސިންގަމް 3"ގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު

"ސިންގަމް 3"ގެ ވިލަންގެ ރޯލަށް އަޖުރުން ކަޕޫރު

16 ސެޕްޓެމްބަރ 2023

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް"ގެ ތިންވަނަ ފިލްމުގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު ހަމަޖައްސައިފި އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް"ގެ ތިންވަނަ ފިލްމުގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު ހަމަޖައްސައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިހާރު އެ ފިލްމުގެ ޝޫޓިން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

އަޖޭ ދޭވްގަން ލީޑު ރޯލު ކުޅޭ މި ފިލްމުގައި އަޖޭގެ ކޮއްކޮއެއްގެ ރޯލުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް، އެކަން އަދި ކަށަވަރުކޮށް ނުދެ އެވެ.

ކުރިން އިއުލާންކުރި ގޮތުގައި، މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އޮގަސްޓް 15 ގަ އެވެ. ނަމަވެސް، ހަމަ އެ ދުވަހު ދެކުނު އިންޑިއާގެ ކާމިޔާބު ފިލްމު "ޕުޝްޕާ" ގެ ދެވަނަ ބައި ވެސް ޕްރިމިއާ ކުރާ ގޮތަށް އޮތުމުން، މި ފިލްމު އަޅުވާ ދުވަސް ފަސްކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް، ސީދާ ތާރިހެއް އަދި އިއުލާން ނުކުރެ އެވެ.

އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލު ކުޅުނު އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް"ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ފިލްމު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ.

ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް ފިލްމު ސީރީޒްގައި އިތުރު ދެ މައި ކެރެކްޓާ އުޅެ އެވެ. އެއީ އަކްޝޭ ކުމާރު ފުލުހެއްގެ ރޯލު ކުޅުނު "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންހު ފުލުހެއްގެ ރޯލު ކުޅޭ "ސިމްބާ" އެވެ. އެ ކެރެކްޓާތަކަށް ބިނާކޮށް ވެސް ފިލްމުތައް ވަނީ ގެނެސްދީފަ އެވެ. "ސޫރިޔަވަންޝީ"ގައި އަކްޝޭއާ އެކު ރަންވީރު އަދި އަޖޭ ވެސް ފެނުނެވެ.

ރޯހިތު ބުނި ގޮތުގައި، "ސިންގަމް 3"ގައި ވެސް އެ ތިން އެކްޓަރުން ފެންނާނެ އެވެ.