Roadha Mihaaru
ނަޝީދު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕް ނެރެފި

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

25 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީން ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެ ޕާޓީގެ ޕީޖީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ތްރީލައިން ވިޕް ނެރެން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި، ގާނޫނޫއަސާސީ އާއި މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ދެން މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރެވޭނީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ވެސް މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ.

"މި ގައުމުގެ ޑިމޮކްރެސީގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީ ޕީޖީން ވަނީ އިއްތިފާގުވެފައި،" ޝިފާއު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ވަނީ އެދިފަ އެވެ.

އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް 3 މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.

މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ތެރޭގަ އެވެ.