Roadha Mihaaru
ޓެކްސީ އަގުގެ އާ އުސޫލު ހުއްޓުވަން ކޯޓަށް

އަގުގެ އާ އުސޫލަށް އަމަލުކުރުން ހުއްޓުވައިދޭން އެދި ޓެކްސީ ޑްރައިވަރުން ކޯޓަށް ދަނީ

04 އޯގަސްޓް 2019

ޓެކްސީ ދަތުރުތަކަށް އަގު ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ދާން ޑްރައިވަރުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެކްސީ ދަތުރުތަކަށް އަގު ނަގަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލަށް އަމަލުކުރުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ދާން ޑްރައިވަރުން ނިންމައިފި އެވެ.

ޑްރައިވަރުންގެ ޖަމިއްޔާގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހީމް "މިހާރު" އަށް ވިދާޅުވީ އަގު ނެގުމުގެ އާ އުސޫލަށް އަމަލުކުރުން ހުއްޓުވައިދޭން އެދި މާދަމާ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެގޮތަށް ނިންމީ ގިނަ އަދަދެއްގެ ޑްރައިވަރުން ހުކުރު ވިލޭރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ކަަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ މި މައްސަލަ ކޯޓަށް ވައްދަން ވަކީލުންނާ ހަވާލުކޮށްފައި. މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ވެއްދޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. އެވެ. އަދި މާލެއިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 60ރ. އެވެ. އަނެއް ބަދަލަކީ ކުރިން މެންދަމު 12 އިން ފެށިގެން އަގު ބޮޑުކޮށް ދަތުރުކުރާ އުސޫލަށް އަމަލު ނުކުރެވޭ ގޮތަށް ހެދުމާއި ޑިކީ އަށް އެއްޗެއް އެރުވުމުން އިތުރަށް އަގު ނުނެގޭ ގޮތަށް ހެދުމެވެ.

އަބްދުﷲ ވިދާޅުވީ އުސޫލަށް އަމަލުކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދަނީ މި ބަދަލުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ އާމްދަނީ އަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ބައްދަލުކުރަން އެދި މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް މަޝްވަރާކުރަން ޑްރައިވަރުން އެދިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އަގުތަކުގެ މައްސަލައިގައި ޑްރައިވަރުން ދަނީ މުޒާހަރާއެއް ކުރަން ވެސް ތައްޔާރުވަމުންނެވެ. މުޒާހަރާ ކުރަން އެ މީހުން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އެއީ އަގު ނެގުމުގެ އާ އުސޫލަށް އަމަލުކުރަން ފަށަން ސަރުކާރުން ނިންމާފައިވާ ދުވަހެވެ.

އާ އުސޫލާ ބެހޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ވެސް ޓެކްސީ ނުލިބުމާއި ޓެކްސީގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެ ހެންވެ މަޝްވަރާތަކަށް ފަހު މި ގެނައީ އެންމެންނަށް ވެސް ފައިދާވާނެ ބަދަލެއް ކަމަށް ވިދާޅުވެފައިވެ އެވެ.

"މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހުއްދަ 1،200 ޓެކްސީއަކަށް ދީފައިވެ އެވެ.