މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން، ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވައިފި އެވެ.
20 ސެޕްޓެމްބަރ 2023
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން، ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ނިންމުން އިއުލާނު ކުރެއްވުމަށް ފަހު ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބުމުގެ މާނަ އަކީ މުޅިން ފުރިހަމަ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓަކަށް ނުދެއްކުން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު ވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން،" ފުރަތަމަ ބުރުގައި އެއް ޕަސެންޓު ލިބުނު ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ، އޭނާ ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމުން، އޭނާއަށް ވޯޓު ދިން ބަޔަކު އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ފުރަތަމަ ބުރުގައި 2،979 ލިބިވަޑައިގެންނެވި ފާރިސް ވަނީ މި ނިންމުން ނިންމުމުގެ ކުރިން، ދެ ވަނަ ބުރުގައި އޭނާގެ ޓީމުން ތާއީދުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން، އެ ކެންޑިޑޭޓަކަށް ވެރިކަން ލިބިއްޖެ ނަމަ ފުރިހަމަ ކުރައްވަން ޖެހޭ ކަންކަމުގެ ލިސްޓެއް އާންމު ކުރައްވައިފަ އެވެ. އެ ލިސްޓާ މެދު ދެ ކެންޑިޑޭޓުން ގޮތެއް ނިންމުމަށް އިތުރު ވަގުތު ވެސް ދީފައިވެ އެވެ.
ފާރިސް ވިދާޅުވީ، މި މަޝްވަރާތައް ވަރަށް ދިގުލައިގެން ދިޔަ ކަމަށާއި މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްލާހުކުރުމަށް ކުރަން ޖެހޭ މުހިންމު ކަންކަން އެ މެނިފެސްޓޯއަށް އިތުރުކުރުމަށް ކަމަށެވެ. ނަމަވެސް، ގައުމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ މުޅި ސިސްޓަމަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށް ވާއިރު، ބޮޑު ދެ ޕާޓީއިން އިންތިހާބުވާ ރައީސަކަށް ގެންނަން ދަތިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހެދި ފަދަ މެނިފެސްޓޯއެއް އެފަދަ ޕާޓީއެއްގެ ތެރެއިން އައުމަކީ ނާދިރު ކަމެއް، ހަމައެއާއެކީގައި އަޅުގަނޑުމެން ގެންނަން މި ބޭނުންވާ އިސްލާހުތައް ވަކި ޕާޓީއަކުން ގެންނަން ދަތިވާނެ،" ފާރިސް ވިދާޅުވި އެވެ.
އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް 86،161 ވޯޓެވެ.
ފާރިސް ވިދާޅުވީ, ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް, މަސައްކަތް ކުރައްވާނީ އަންނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމަވައިފަ އެވެ.
ފާރިސްގެ ބޮޑެތި ހުށަހެޅުންތަކެއް ރައީސާއި މުއިއްޒަށް
ފާރިސްގެ ޓީމާއެކު ޕީޕީއެމްގެ މަޝްވަރާ އަދިވެސް ކުރިއަށް
އެމްޑީޕީން ވެސް އެމްއާރުއެމާ މަޝްވަރާކޮށްފި
ވާދަވެރި، ފޯރިގަދަ ކެމްޕެއިން ނިންމާލައިފި
ބައްޕާފުޅުގެ ވެރިކަމުގެ އަނިޔާއަށް ފާރިސް މާފަށް އެދެފި
ޔާމީނާއި ފާރިސް ބައްދަލެއް ނުކުރޭ: ޕީޕީއެމް
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
ފާރިސްގެ ކެންޑިޑެސީ ހުށަހަޅައިފި
ފާރިސްގެ ރަނިންމޭޓަކަށް ޑރ. ސައްތާރު
އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް ސޮއި ހޯދަނީ