Roadha Mihaaru

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެއްޖެ
މޫސާ ރަޝީދު
މޫސާ ރަޝީދު

20 ސެޕްޓެމްބަރ 2023

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އަލީ ވަހީދު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ.

މިއަދުން ފެށިގެން އޭނާ ޖޭޕީން ވަކިވެފައިވާ ކަމަށާއި ނަމަވެސް ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ހުންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދަކީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖައްސާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ އިންތިހާބީ އެޖެންޓަކީ ވެސް އޭނާ އެވެ.

އަލީ ވަހީދު މީގެ ކުރިން ވަނީ ޖޭޕީގެ ރައީސްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. ޖޭޕީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާ އަށް މަގާމު ގެއްލުނީ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5460 ވޯޓު ލިބިވަޑައިގަތް ގާސިމް އާ ދުރަށް އަލީ ވަހީދު ވަޑައިގެންނެވި ނަމަވެސް އޭނާ އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަން އުޅޭ ކަމެއް އަދި ސާފެއް ނުވެ އެވެ.