Roadha Mihaaru
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް

ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް

05 އެޕްރީލް 2019

ޖުމްހޫރީ ޕާޓީ (ޖޭޕީ) ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައި ނުވާ ކަމަށާއި އެފަދަ ބަޔަކު ވަނަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައި ނުވާ ކަމަށާއި އެފަދަ ބަޔަކު ވަނަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތާއި ގާނޫނާ ހިލާފު ކަމެއް ކުރަން އެއްވެސް ބަޔަކު ޖޭޕީގެ ތެރެއަށް ވަދެފައި ނުވާ ކަމަށެވެ. އަދި ދީނާއި މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށާއި އެމަނިކުފާނު ތާއީދު ކުރެއްވި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ދަންނަވާނީ ރަނގަޅު ވާހަކައެއް ނޫނޭ. ކަނޑުފޭރޭ އެއްވެސް ބަޔަކު ވަދެފައި ނުވާނެ. ނުވެސް ވަންނާނެ. ވަނަ ނުވެސް ދޭނަން،" މާދަމާ ބާއްވާ މަޖިލިހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާ އަށް ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ތަން ދޭ ގޮތަށް ބަލާއިރު، އަޅުގަނޑަށް އިހްތިޔާރު ނެތް ކަމެއް ނުކުރަން. ގާނޫނީ، ދުސްތޫރީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު ހުރިހާ ކަމެއް މި ކުރަނީ. ފަހަރެއްގައި ބަޔަކު ހިތްހަމަނުޖެހޭ ކަމެއް އޮވެދާނެ،" --- ގާސިމް

އެމަނިކުފާނު އެގޮތަށް ވިދާޅުވި އިރު، އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ބައްދަލުވުމުގައި ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަނީމަ ހިތާމަކުރައްވާ ކަމަށެވެ.

ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެފައިވާ ކަމަށް އަލީ ވިދާޅުވި އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނުގެ އަރިހުގައި އެ ދުވަސްވަރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ގިނައީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ.

ގާސިމް ވަނީ އެމަނިކުފާނަށް ބާރު ނުލިބޭ ކަންކަން ކުރެއްވި ކަމަށް ވިދާޅުވެ، ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފަރާތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައެއް ނުވާނެ އެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ ގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެހެން ބައެއް އިސްބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ ގައި އެ ޕާޓީގެ ލީޑަރު ގާސިމާއި އެހެން ބައެއް އިސްބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގާސިމް އެ އިޝާރާތް ކުރެއްވީ، މާދަމާ ބާއްވާ މަޖިލިސް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް ގާސިމް ނިންމެވުމުންނެވެ. އެއީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް ބާއްވައިގެން ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވެ، ޖޭޕީގެ އިސް ބައެއް ބޭފުޅުން ކުރިން ވަނީ އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ތަން ދޭ ގޮތަށް ބަލާއިރު، އަޅުގަނޑަށް އިހްތިޔާރު ނެތް ކަމެއް ނުކުރަން. ގާނޫނީ، ދުސްތޫރީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު ހުރިހާ ކަމެއް މި ކުރަނީ. ފަހަރެއްގައި ބަޔަކު ހިތްހަމަނުޖެހޭ ކަމެއް އޮވެދާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މަސައްކަތްޕުޅަކީ މި މަޖިލިސް އިންތިޚާބުގައި ޖޭޕީ އަށް ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދައި ދިނުމެވެ. އޭގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމަށް މަސައްކަތްކޮށް، ޕާޓީ ވަރުގަދަ ކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ނިޒާމެއްގައި މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ސަރުކާރުގެ ޒިންމާތައް ފުރިހަމަ އަށް އަދާކުރޭތޯ ބަލަން އޮންނަ ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވައި، ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރަން ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންނަކީ އެކަމަށް ތަސައްރަފް ފުދޭ ގާބިލް ބޭފުޅުންނަށް ވާން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އިންތިޚާބު ކުރާ އަންހެން ބޭފުޅުންގެ އަދަދު ގިނަވާން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އަންހެނުންގެ އިހްސާސްތައް ބޮޑަށް އެނގޭނީ އަންހެން ބޭފުޅުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ އަމާޒެއް އޮތް ކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެ ޕާޓީގެ ބޭނުމަކީ ދިވެހިންގެ ބިން ދިވެހިންނަށް ހޯދައި ދިނުން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދިވެހިންގެ އަތްމަތީގައި ބޭއްވުމާއި، އިސްލާމް ދީން ދެމި އޮތުމަށް ޖޭޕީން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ވެސް ޖޭޕީގެ އަމާޒެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.