Roadha Mihaaru
ޖުމްހޫރީ ޕާޓީގެ ގްރޫޕްތަކުން އަލީ ވަހީދު ބޭރުވެއްޖެ

ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނޭ ގްރޫޕްތަކުން އަލީ ވަހީދު ބޭރުވެއްޖެ

08 އެޕްރީލް 2019

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕްތަކުން ބޭރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕްތަކުން ބޭރުވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަލީ ވަހީދު އެ ގްރޫޕްތަކުން ބޭރުވީ ޖޭޕީގެ ލީޑަޝިޕާއި ކައުންސިލް ބައެއް މެމްބަރުންނާ ހިޔާލު ތަފާތުވެ، ބަހުގެ ހަމަލާތައް އޭނާ އަށް އަމާޒުވާން ފެށުމުންނެވެ.

އެގޮތުން، ޖޭޕީގެ ކެންޑިޑޭޓުން އިންތިޚާބުގައި ކުރިމަތިލައްވާފައި ވަނިކޮށް އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް އަލީ ވަހީދު ކެމްޕެއިން ނުކުރެއްވުމަކީ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިގަތް ކަމެއް ނޫނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އަލީ ވަހީދު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުން ކަމަށް ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު މިހުރީ ކުރި ހުވާގެ މަތީގައި، ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުން ނިންމި ނިންމުން ދިފާއު ކުރަން. އަޅުގަނޑު ގާނޫނީ ގޮތުން ޖޭޕީގެ ސްޓޭންޑެއް މުގުރާލާފައި ނޯންނާނެ. ޖޭޕީގެ ނިންމުމަށް އިހްތިރާމް ނުކުރިޔަސް، ޖޭޕީގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އިހްތިރާމް ކުރަން،" ---އަލީ ވަހީދު

އެހެންވެ، އެ ބޭފުޅުން އެންމެ ގިނައިން ފާޑު ވިދާޅުވަނީ އަލީ ވަހީދުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދަށެވެ. ފައިސަލް އާއި ހުސެއިން ވެސް ކެމްޕެއިން ތެރޭގައި ބޮޑަށް އުޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖޭޕީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވި ސަބަބަކީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުންނެވެ. މިއީ، ފައިސަލް އާއި އަލީ ވަހީދާއި ހުސެއިނަށް ގަބޫލު ކުރެއްވުނު ކަމެއް ނޫން ކަން އެނގިފައިވެ އެވެ.

އަލީ ވަހީދު މިއަދު "މިހާރު" އަށް ވިދާޅުވީ ގާސިމާ ގުޅޭ ގޮތުން މި ދަނޑިވަޅު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތީ ޔާމީނާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ބޭނުން ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާސިމާއި އޭނާއާ ދޭތެރޭގައި މިހާތަނަށް އައިއިރު އެއްވެސް މައްސަލައެއް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ކުރި ހުވާގެ މަތީގައި، ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުން ނިންމި ނިންމުން ދިފާއު ކުރަން. އަޅުގަނޑު ގާނޫނީ ގޮތުން ޖޭޕީގެ ސްޓޭންޑެއް މުގުރާލާފައި ނޯންނާނެ. ޖޭޕީގެ ނިންމުމަށް އިހްތިރާމް ނުކުރިޔަސް، ޖޭޕީގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އިހްތިރާމް ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ޖޭޕީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައި ވަނިކޮށް، އެ މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް އަލީ ވަހީދު އިސްވެ ކުރައްވާފައި ނުވާ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

އެކަމަކު، އެކަމަށް ރައްދު ދެއްވައި އަލީ ވަހީދު ވިދާޅުވީ ޔާމީންގެ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރައްވަން އުޅުއްވާ ކަމުގެ "ވަސް" ދުވި ހިސާބުން އޭނާގެ ވިސްނުން ދިޔައީ ހާމަކުރައްވަމުން ކަމަށެވެ. އެގޮތުން، ތަފާތު އެކިއެކި މަޝްވަރާތައް އެކަމުގައި ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޖޭޕީގެ ސްޓޭންޑުން ބޭރަށް ނުކުތީ ސަރުކާރު ދިފާއު ކުރަން. ރައްޔިތުންގެ ނިންމުން ދިފާއު ކުރަން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދަތިވާނެ ކަންކަމުން ދުރުކުރަން. ސަރުކާރުން ވި ވައުދުތައް ފުއްދަން އެހީތެރިވާން،" އަލީ ވަހީދު ވިދާޅުވި އެވެ.