Roadha Mihaaru
ރަށުން ބޭރުގައި ތިބޭ ޕްރިންސިޕަލުންނަށް އެލަވަންސެއް

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ.ގެ އެލަވަންސެއް ތައާރަފުކޮށްފި

21 ސެޕްޓެމްބަރ 2023

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން މިއަދު ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް "ރޫރަލް ރިޓެންޝަން ޕޮލިސީ" ގެ ދަށުން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ. މި އެލަވަންސްގެ ތަފްސީލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ އިއުލާންކުރައްވައިފަ އެވެ.

އެ ބަދަލު ގެނައީ، ރައީސް ވިދާޅުވި ގޮތުގައި ޕްރިންސިޕަލުންނާ އެކު މަޝްވަރާކުރުމަށް ފަހު އެވެ.

އެ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނަށް އެ ޕޮލިސީއާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މީގެ ކުރިން ވެސް ވަކި އެލަވަންސެއް ދިނެވެ. އެކަމަކު، މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުންތައް ބައެއް ޕްރިންސިޕަލުން ވެސް އޭރު ފާޅުކުރި އެވެ.

އެހެން ރަށެއްގައި މަސައްކަތްކުރާ ޕްރިންސިޕަލަކަށް އޭރު އެލަވަންސްގެ ގޮތުގައި 9،000ރ. ދިނެވެ.

އަމިއްލަ ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ މާލެ ސަރަހައްދު އަދި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ރަށްރަށުން ހެޔޮ އަގެއްގައި ތަންތަން ކުއްޔަށް ހިފުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިނިސްޓްރީން އެކޮމޮޑޭޝަން ހަމަޖައްސައިނުދޭ ނަމަ ރަށުން ބޭރަށް މަސައްކަތް ކުރަން ދާން ގިނަ ޕްރިންސިޕަލުން ދެކޮޅު ހަދާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ. އެ ކަންބޮޑުވުންތަކާ ހެދި ޕޭ ކޮމިޝަނުން ބުނީ ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރީ އެލަވަންސްތައް ހިމަނައިގެން ކަމަށެވެ.