Roadha Mihaaru
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް

ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ: ރައީސް

27 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފާއިތުވި 15 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަތީޖާއިން ފެންނަނީ އުއްމީދީ މަންޒަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފާއިތުވި 15 ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަތީޖާއިން ފެންނަނީ އުއްމީދީ މަންޒަރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ އާއި އިމާމުންނާއި މުދިމުންނާއި އާޓިސްޓުން ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ފާއިތުވި ދުވަސްތަކުގައި ބައްދަލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އާއި އެއާޕޯޓު އަދި އާޓިސްޓުން ހިމެނެ އެވެ.

އެ މީހުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ބަލައި، މި ވަގުތަށް ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ވެލާނާ އެއާޕޯޓުގައި މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭން ނިންމުމަކީ އޭގެ އެއް ކަމެވެ.

އޭގެ އިތުރުން، އޭޕްރަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން ރިސްކް އެލަވަންސް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމާމުންނާއި މުދިމުންނަށް ރަނގަޅު ވަޒީފާގެ އޮނިގަނޑެއް ނެތުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ. ރައީސް ވަނީ އެ މުވައްޒަފުންގެ އާ އޮނިގަނޑު ފާސްކޮށްފަ އެވެ. އެއާ އެއްގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން މުސާރަ ބޮޑުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އާޓިސްޓުންނާ ބައްދަލުކުރުމުން، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި އާޓް ގެލެރީއެއް ހުޅުވައި ދިނުމަށް އެދިފައިވާތީ އެކަން ވެސް އެމްއޭސީއެލްއާ ވާހަކަދައްކައިގެން ސަރުކާރުން އަންނަނީ ހައްލުކުރަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު ފެންނާނެ އެވެ.

"މިދިޔަ 15 ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ. އަޅުގަނޑަށް ފެންނަނީ އުއްމީދީ މަންޒަރެއް. އަޅުގަނޑުމެން މި ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް 30 ސެޕްޓެމްބަރުގައި ރަނގަޅު ކާމިޔާބީއެއް، ބޮޑު ކާމިޔާބީއެއް ލިބޭނެ." އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ބުރާ ކުރިމަތިލައްވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ފާހަގަވި ކަންކަން ބަލައި ދިރާސާކޮށް އެކަންކަމަށް ހައްލުތަކެއް ހޯދުމަށް ފަހު އެވެ.