Roadha Mihaaru
ހުޅުދުއްފާރުގައި ރައީސްގެ ހަނދާނަށް އަބްދުﷲ ގާޒީ

ހުޅުދުއްފާރުގައި ރައީސް ހަނދާން އާ ކުރެއްވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލަ!

25 އޯގަސްޓް 2023

ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަތަކާ އެކު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހަނދާންތައް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އާ ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަތަކާ އެކު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ހަނދާންތައް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އާ ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އަބްދުﷲ ގާޒީގެ އުފަން ރަށް، ހުޅުދުއްފާރުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ހެޔޮވެރިކަމެއް ކުރާއިރު އެތައް ބައެއްގެ ޒިންމާ އޮންނަ ކަމަށެވެ.

ޝަރުއީ ދާއިރާއަކީ އޭގެ ތެރެއިން އެއްބައި ކަމަށާއި އަވަހަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހޭ ކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު ހިންގޭ ޝަރުއީ ދާއިރާއެއް ކަށައެޅުން ކަމަށެވެ.

ހުޅުދުއްފާރުގައި ހުންނަވައި، ޝަރުއީ ދާއިރާގެ ވާހަކަފުޅުތައް ދައްކަވާއިރު ހިތްޕުޅަށް އަރާވަޑައިގަންނަވަނީ 2012 ވަނަ އަހަރުގެ ކުރީގެ ހަނދާންތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތްކުރެއްވީ، ކުރީގެ ރައީސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މިހާރު ސިޔާސީ މަސައްކަތްތައް ކުރައްވާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެ، ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ޖެނުއަރީ 2012 ގައި ހައްޔަރު ކުރި ކުރުމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ އެންމެ ފަހު ރަށް، ހުޅުދުއްފާރުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ އެންމެ ފަހު ރަށް، ހުޅުދުއްފާރުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

"ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އިންނެވި ބޭފުޅަކު، ގޭގައި އަވަހާރަފުޅު ލައްވަފާއި އޮއްވައި ކުރިމަތިލާން ޖެހުނު ހާދިސާ. މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ވަނީ ސިޔާސީ ނުފޫޒެއް ނެތި އިންސާފު ގާއިމް ކުރުމަށް ދޭންޖެހޭ ހުރިހާ މިނިވަންކަމެއް އަޅުގަނޑުމެން ދީފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"މިއަދަކު ނުބުނެވޭނެ އެއްވެސް ކޯޓަކަށް، އެއްވެސް ފަނޑިޔާރަކަށް ސިޔާސީ ނުފޫޒު ހިނގައެކޭ."

ނަޝީދުގެ ވެރިކަމުގައި ސިފައިންގެ އެހީތެރިކަމާ އެކު އަބްދުﷲ ގާޒީ ބަންދުކޮށްފައި ބެހެއްޓީ ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ރަށް ކ. ގިރިފުށީގަ އެވެ. އަބްދުﷲ ގާޒީ ބަންދުން ދޫކުރީ ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ ކުށް ސާބިތުވުމުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު، ވެރިކަން ބަދަލުވުމާއެކު އެ މަނިކުފާނުގެ ހުކުމް ވެސް ކޯޓުން ބާތިލްކުރީ އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަބްދުﷲ ގާޒީ ބަންދުކޮށްގެން ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ގެންގުޅުމުން ވަރަށް ގިނަ ބަޔަކު މަގުތަކަށް ނުމެ ނަޝީދާ ދެކޮޅަށް އޭރު އަޑު އުފުލި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ޖުޑީޝަރީގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދި ވެސް އެބަހުރި ކަމަށާއި އެ ބޭފުޅުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ޖާގައާ ވަސީލަތްތައް އަދި މީހުން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އާއްމުންނަށް ފަސޭހައިން ކޯޓުތަކަށް ދެވޭނެ ގޮތް ހޯދައި، ޖަވާބުދާރީ ވެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެ ނަމަ ޝަރުއީ ދާއިރާ އަށް ގެންނާނެ އެންމެ ބޮޑު ބަދަލަކީ، ރައީސް ވިދާޅުވި ގޮތުގައި އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމެވެ. އޭގެ އިތުރުން، ރަށުން ބޭރުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.