Roadha Mihaaru
ބަރުލަމާނީގެ ހުށަހެޅުމަކީ ރައްޔިތުން ރައީސް ހޮވުން

ނަޝީދުގެ ހުށަހެޅުން: ރައީސް އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓުން، ވެރިކަން ކުރާނީ ބޮޑުވަޒީރު

24 ސެޕްޓެމްބަރ 2023

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ވެރިކަންކުރާ ގޮތަށް ހަމަޖެއްސިޔަސް، ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހެއްގެ ގޮތުގައި ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ވެރިކަންކުރާ ގޮތަށް ހަމަޖެއްސިޔަސް، ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހެއްގެ ގޮތުގައި ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

ފުރިހަމަ ބަރުލަމާނީ ނިޒާމެއް އޮންނަ ގިނަ ގައުމުތަކުގައި ރައީސަކީ މަޖިލީހުން މެމްބަރުން ވޯޓުން އިންތިހާބުކުރާ ބޭފުޅެކެވެ. އަދި އެ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި ރައީސަށް އޮންނާނީ ވެސް ބިލް ތަސްދީގު ކުރެއްވުމާއި މަގާމުތަކަށް އައްޔަންކުރާ މީހުން ފަތްކޮޅު އެރުއްވުން ފަދަ ރަމްޒީ ޒިންމާތަކެކެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ މެދު އަންނަ މަހު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި ކަރުދާސް ނަޝީދު މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާންމު ކުރެއްވިއިރު އެ ކަރުދާހުގައިވާ ގޮތުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރިޔަސް، ރައީސް އިންތިހާބު ކުރާނީ މިހާރު ވެސް އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން އިންތިހާބުކުރާ ބޮޑުވަޒީރަށް އެކަނި ކަމަށް އެ ކަރުދާހުގައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކެބިނެޓްގައި ވެސް ތިއްބަވާނީ މަޖިލިސް މެމްބަރުންގެ ތެރެއިން ބޭފުޅުންނެވެ. ނަމަވެސް ދައުލަތުގެ އެންމެ މަތީވެރިޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމު އޮންނާނީ ރައީސަށް ކަމަށާއި އަދި ބިލް ތަސްދީގު ކުރެއްވުމުގެ ބާރު ވެސް ރައީސަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސަކީ ރައްޔިތުންގެ އިންތިހާބުކުރާ ބޭފުޅަކަށް ވިޔަސް، މިހާރު ވެސް އޮންނަ ގޮތަށް ރައީސް މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އަދި ބޮޑުވަޒީރާއި ވަޒީރުން މަގާމުން ދުރުކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލިސް މެމްބަރުން މަގާމުން ދުރުކުރަން ރިކޯލް ވޯޓަށް އެހުމުގެ ބާރު އޮންނާނެ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އަދި މިހާރު ވެސް އޮންނަ ގޮތަށް ޝަރުއީ ދާއިރާއަކީ އަނެއް ދެ ބާރާ ވަކިވެފައިވާ ބާރެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް އެ ހުށަހެޅުމުގައިވެ އެވެ.

ނިޒާމީ ވޯޓުގައި ހިމަނަން ޖެހޭ މައުލޫމާތުތަކާ ބެހޭގޮތުން ގޮތެއް ނިންމުމަށްޓަކައި މަޖިލީހުގައި މާދަމާ ބަހުސް ފަށާނެ އެވެ.

ނަޝީދު ހުށަހެޅުއްވި ގޮތާ އެއް ސިފަތަކެއް ހުންނަ ނިޒާމެއް އޮންނަނީ ސްރީލަންކާގަ އެވެ. ނަމަވެސް އެ ގައުމުގައި ރައްޔިތުންގެ ވޯޓުން ރައީސަކު އިންތިހާބު ކުރާއިރު، މަޖިލިސް މެމްބަރުންގެ ތެރެއިން ބޮޑުވަޒީރަކު އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސަށެވެ.