Roadha Mihaaru
ރަނގަޅު ވެރިކަމެއް ކުރެވޭނީ ބަރުލަމާނީގައި: ނަޝީދު

ރަނގަޅު ވެރިކަމެއް ކުރެވޭނީ ބަރުލަމާނީ ނިޒާމުގައި: ނަޝީދު

03 އޮކްޓޯބަރ 2023

ރާއްޖޭގެ ހާލަތު ބަދަލުވާން އޮތީ، ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅާ އަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެއްވޭ ގޮތަށް ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކޮށްގެން ކަމަށާއި އެ ނިޒާމަށް ވެރިކަން ބަދަލުވާންޖެހޭ ކަަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ހާލަތު ބަދަލުވާން އޮތީ، ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅާ އަށް ވެސް ރަނގަޅު ކަމެއް ނޫނީ ނުކުރެއްވޭ ގޮތަށް ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކޮށްގެން ކަމަށާއި އެ ނިޒާމަށް ވެރިކަން ބަދަލުވާންޖެހޭ ކަަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ގައުމެއްގެ ވެރިކަމަށް އެންމެ ރަނގަޅު އެންމެ އިހުލާސްތެރި ބޭފުޅަކު ރައްޔިތުން ބޭނުންވިޔަސް އެފަދަ ބޭފުޅަކު ދުވަހަކު ވެސް ނާންނަ ކަމަށެވެ. އެހެންވެ، ރައްޔިތުން ގެންނަން ޖެހޭނީ އެންމެ ގޯސް ބޭފުޅާ އަށް ރަނގަޅު ކަމެއް ނޫނީ ނުކުރެވޭ ގޮތަށް އޮންނަ ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބަޔަކު ހުދުމުހުތާރު ވެރިކަން ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރާތީ އެ ބައި މީހުންގެ ނުފޫޒުގެ ތެރެއިން ރިޔާސީ ވާހަކަ ދެކެވެމުން މި އަންނަނީ. އެއީ ހުދުމުހުތާރު ވެރިކަމެއްގެ ވާހަކަ އެއީ،" ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމެއް ނޫން. އެއީ ހަމަ ރަދުންނެއް ރަސްކަލެއް ވަކިން ބަހައްޓާފައި އެ ބޭފުޅާ އަށް ސަނާ ކިޔާފައި އެ ބޭފުޅާގެ ހައިބަތާއި އެ ބޭފުޅާގެ އިއްޒަތް އިތުރު ކުރުމުގައި. ވާހަކަ ދައްކަވަމުން ގެންދާ ބާވަތުގެ ކަމެއް. -- ނަޝީދު
ނަޝީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަޝީދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ހިފެހެއްޓިގެންނެވެ. މަޖިލީހުގައި ވަޒީރުންނާއި ހިޔަނި ވަޒީރުން ތިއްބަވައިގެން ސަރުކާރު ތެރޭގައި ހިނގާ ހުރިހާ ކަމަކަމަށް ވެސް އަބަދުވެސް އެންމެ ކައިރިން ފާރަވެރިވެވޭ ގޮތަށް ނިޒާމް ބަދަލު ކޮށްގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް މެންބަރު ނުވަތަ އެ ވަޒީރަކާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށް ވާ ނަމަ ރިކޯލް ވޯޓެއް ނަގައި އަލުން އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ އިންތިހާބުގައި 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު އެ މެންބަރަކު ހޯދަނ ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ހުށަހަޅުއްވާ ނިޒާމުގެ ބައެއް ސިފަތައް:

- ސަރުކާރުގެ އެންމެ އިސްވެރިއަކީ ބޮޑުވަޒީރު.

- ދައުލަތުގެ އެންމެ އިސްވެރިއަކީ ރައިސުލްޖުމްހޫރިއްޔާ.

- މެންބަރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ނަމަ ރިކޯލް ވޯޓެއް ނެގޭނެ.

- ޕާޓީ ބަދަލު ކުރާ ނަމަ ގޮނޑި ގެއްލޭނެ.

- މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުން.

އޭގެ ބަދަލުގައި ރިޔާސީ ނިޒާމެއްގައި ރައްޔިތުންނަށް ހަގީގަތުގައި ބަސް ބުނަން ފުރުސަތު ލިބެނީ މާ ލަހުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ހާލަތު ރަނގަޅު ކުރެވޭނީ ބަރުލަމާނީ ނިޒާމަކަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުތަކުގައި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ނާންނަނީ ވެސް ނިޒާމުގައި ހުރި މައްސަލަތަކާ ގުޅިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ދައުލަތުގެ ޓެކްސް އާމްދަނީ ހަތް ބިލިއަނަށް ނޭރި ނަމަވެސް މިހާރު 30 ބިލިއަނަށް އަރާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ގޭބިސީ އާމްދަނީ އެކަށީގެންވާ މިންވަރަށް ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރިޔާސީ ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމެއް ނޫން. އެއީ ހަމަ ރަދުންނެއް ރަސްކަލެއް ވަކިން ބަހައްޓާފައި އެ ބޭފުޅާ އަށް ސަނާ ކިޔާފައި އެ ބޭފުޅާގެ ހައިބަތާއި އެ ބޭފުޅާގެ އިއްޒަތް އިތުރު ކުރުމުގައި. ވާހަކަ ދައްކަވަމުން ގެންދާ ބާވަތުގެ ކަމެއް" ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތަކީ ރިޔާސީ ނިޒާމް ކިޔައި ޑިމޮކްރެޓިކް ނިޒާމެއް ހަގީގަތުގައި އަސްލު ނޯވޭ."

ނަޝީދު ވިދާޅުވި ގޮތުގައ ތާރީހަށް ބަލާއިރު ވެސް ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިނގާފައެއް ނެތެވެ. ރައީސް މުހައްމަދު އަމީން ޖުމްހޫރިއްޔަތެއް ތައާރަފް ކުރެއްވި ނަމަވެސް ނުވަ މަސް ތެރޭގައި އެ ގެއްލި އިބްރާހިމް ނާސިރާއި އޭގެ ފަހުން އަހުމަދު ޒަކީގެ ބޮޑުވަޒީރު ކަމެއް ވެސް ފެނުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދެން ހަގީގަތުގައި މި ދިޔައީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން. އެހެންވެ ދިވެހިންގެ ތޮބީއީ ގޮތަކީ ބޮޑުވަޒީރަކު ހުރެގެން ވަޒީރުލްއައުޒަމަކު ހުރުން" ނަޝީދު ވިދާޅުވި އެވެ.

"މާރަނގަޅަށް ރާއްޖެ ހިންގޭނެ"

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމް ބަދަލުކުރުމުގެ ވާހަކަ ދައްކަވަމުން ގެންދަވަނީ މަޖިލިސް މިހާރު އޮތް ގޮތަށް ބާއްވާކަށް ނޫނެވެ. ވަޒީރު ބޭފުޅުން ހޮވާނީ އިންތިހާބަކުން ކަން ފާހަގަކުރައްވައި ވިދާޅުވީ ވަޒީރު ބޭފުޅުންގެ ގޮތުގައި މާ ރަނގަޅަށް މަސައްކަތް ކުރެއްވޭނެ ބޭފުޅުން މިހާރު ވެސް މަޖިލީހުގައި އެބަތިއްބެވި ކަމަށެވެ.

ރައްޔިތަކު ކަމެއް ބޭނުންވުމުން މިހާރު ދާން ޖެހޭނީ މެމްބަރު ގާތަށް ކަމަށާއި އެ މެމްބަރު ހުށަހަޅުއްވަން ޖެހެނީ ވަޒީރަށް ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެ ރަށެއްގެ ނަރުދަމާ އަޅާ ހޮޅި ބަދަލުކުރަން ވިޔަސް މެމްބަރު ވަޑައިގެން ވަޒީރަށް ދެންނެވިޔަސް ޝައުގުވެރިކަމެއް އެކަން ބަދަލުކުރަން ނުގެންގުޅުއްވާ ކަަމަށް ވިދާޅުވި އެވެ.

"ވަޒީރު ހަމައެކަނި ރުއްސަން މިޖެހެނީ، ރައީސުލްޖުމްހޫރިއްޔާ. ދެން މި ހާލަތުގައި ވެގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވަޒީރުގެ ތައްޕާހަށް މިދަނީ. ދެން މެމްބަރު މި އުޅުއްވަން ޖެހެނީ ވަޒީރު ރުއްސަން. އެއާ ޚިލާފަށް އަޅުގަނޑުމެން މި ދަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އެއީ ރައްޔިތު މީހާގެ މީހާ. އޭނާ އެދޭ ކަންތައް ކުރެވޭނެއޭ އޭނާގެ އޮފީހުގައި، އޭނާއޭ އެ ކަންތައް ހިންގާނީ. އިތުރު މަރުހަލާއެއް ފައްތަރެއް މި ތަނަށް ގެންނާކަށް ނުޖެހެއޭ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ރައްޔިތުންނަށް ސާފުވާހެން، މި ނިޒާމު މިއީ އަޅުގަނޑުމެން ގެންނަން ބޭނުންވާ ނިޒާމުކަން. އަޅުގަނޑަށް ފެންނަ ގޮތުގައި 2007 ގައި ވެސް މޮޅުވީ ބަރުލަމާނީ ނިޒާމް،"

އެކަމަކު ނަތީޖާ އައީ ރިޔާސީ ނިޒާމްކޮޅަށް ކަމަށް ދެންނެވުމުން ނަޝީދު ވިދާޅުވީ ވޯޓު އޮތީ އޭރު ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. ވޯޓުލީ އަދަދާއި ވޯޓު ހައްގުވާ އަދަދު ދިމާނުވާ ކަމަށާއި ބައެއް ރަށްރަށުގައި ވޯޓު ހައްގުވާ ވަރަށް ވުރެ ވެސް އިތުރަށް ލާފައި ހުރި ކަމަށް ވިދާޅުވި އެވެ.

"ވިސްނާލައްވާ އިންތިހާބެއްގައި ވޯޓު މި ލައްވަނީ 80 ޕަސެންޓް އެންމެ ގިނަވެގެން. މި ބާވަތުގެ ބައިވަރު މައްސަލަ ނިޒާމުގެ ތެރޭގައި ޖެހުނު. އަދި ތި ބޭފުޅުން ބައްލަވާލައްވައިފިއްޔާ އޭރު ނިޒާމް އޮޅުންފިލުވައިދޭން ވެސް އޮތް ކަރުދާހުގައި ލިއެފައި އޮތީ ޕާލިމެންޓްރީ ނިޒާމާ އިދިކޮޅަށް،" ނަޝީދު ވިދާޅުވި އެވެ.

މައުމޫންގެ 30 އަހަރު ނިންމިދާނެ އެއްގޮތަކީ ބޮޑުވަޒީރަކު އައުން ކަމަށް ދެކިގެން ކުރި މަސައްކަތުގައި މަޖިލީހުން ތާއީދު ލިބުނު ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން އޮޅުވާލީ ވޯޓާ ހިސާބުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމް ގެނެވިއްޖެ ނަަމަ އެއީ ދިވެހިރާއްޖެ އަށް ހުރި ވަރަށް ބޮޑު ރަނގަޅަކަށް ވާނެ އެވެ. ނިޒާމް ފަށައިގަންނަ އިރު ބައިވެރިވެވެން އޮތް މިންވަރަށް ބައިވެރިވެވަޑައިގެން ކުރެއްވެން އޮތް މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ނުއުފެއްދޭނެ ވަކި މީހަކަށް. ތި ވިދާޅުވި ގޮތަށް އަޅުގަނޑު ގަސްތެއް ނުކުރަން ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ދެން ހުންނާކަށެއް،" ނަޝީދު ވިދާޅުވި އެވެ.