Roadha Mihaaru

ފޯޖަރީގެ ތުހުމަތު ކުރާތާ 15 އަހަރު، މިކަން ނުބަލަންވީ ކީއްވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅުގައި އޮތް އެމްޑީޕީން ކުރި އެއް ތުހުމަތަކީ ވެރިކަން ކުރާ ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުފޫޒު ފޯރުވައިގެން، އެ ޕާޓީގެ ދަފްތަރުގައި ތިބި ބައެއް މެންބަރުން ޕީޕީއެމަށް ބަދަލު ކުރާ ކަމެވެ. އެ ތުހުމަތުތަކަށް ނުބަލައި ޕީޕީއެމުން ބޭއްވި މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީ ވަނީ އެއީ "ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ" ކަމަށް އިއުލާން ކޮށްފަ އެވެ.

ފޯޖަރީގެ ތުހުމަތު، މިކަން ނުބަލަންވީ ކީއްވެ؟
މޫސާ ރަޝީދު
މޫސާ ރަޝީދު

07 ޖެނުއަރީ 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅުގައި އޮތް އެމްޑީޕީން ކުރި އެއް ތުހުމަތަކީ ވެރިކަން ކުރާ ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުފޫޒު ފޯރުވައިގެން، އެ ޕާޓީގެ ދަފްތަރުގައި ތިބި ބައެއް މެންބަރުން ޕީޕީއެމަށް ބަދަލު ކުރާ ކަމެވެ. އެ ތުހުމަތުތަކަށް ނުބަލައި ޕީޕީއެމުން ބޭއްވި މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީ ވަނީ އެއީ "ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ" ކަމަށް އިއުލާން ކޮށްފަ އެވެ.

އޭގެ ފަހުން ދެން ވެރިކަން ކުރި އެމްޑީޕީ ސަރުކާރަށް ވެސް އޮތީ އެ ތުހުމަތެވެ. އިދިކޮޅުގައި އޮތް ޕީޕީއެމްގެ ގިނަ އާންމު މެންބަރުންތަކަކަށް ނޭނގި އެމްޑީޕީ އަށް ބަދަލުވެފައި އޮންނަ މައްސަލަ ވަރަށް ބޮޑުވި އެވެ. އެކަމާ ގުޅިގެން ޕީޕީއެމުން ޕްރެސް ކޮންފަރެންސްތައް ބާއްވައި އީސީއާ ބައްދަލުކޮށް، އެ ޕާޓީ އަށް ކުރި ތުހުމަތުތައް އެމްޑީޕީ އަށް ވެސް ކުރި އެވެ. މާ ގިނަ ދުވަހެއް ނުނެގި އެވެ. އޭރު ވެރިކަން ކުރަމުން އައި އެމްޑީޕީން ހެދި ގޮތަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު 50,000 އަށް ވުރެ މައްޗަށް ޖައްސާލައި "ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ" ކަމަށް އިއުލާން ކުރީ އެވެ.

މިހާރު އަނެއްކާވެސް މިއޮތީ އެ މޫސުން ލައިގެންފަ އެވެ. ޕީއެންސީ ވެރިކަމަށް އައިއިރު އެ ޕާޓީގައި ތިބީ 3،022 މީހުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. އެހެން ނަމަވެސް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ފެށިތާ އެންމެ ތިން މަސް ތެރޭގައި އެ ޕާޓީން ވަނީ 60,000 އަށް ވުރެ ގިނަ މެންބަރުން އިތުރު ވެއްޖެ ކަމަށް އިއުލާން ކޮށްފަ އެވެ. މިހާރު އެއީ "ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ" ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

އައްޑޫގައި ޕީއެންސީން ބާއްވާ ޖަލްސާއެއް

އައްޑޫގައި ޕީއެންސީން ބާއްވާ ޖަލްސާއެއް

ކޮންމެ ފަހަރަކު ވެރިކަން ކުރާ ޕާޓީއެއް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް މި ބަދަލުވާ ގޮތާ މެދު އެހާ ގިނަ ބަޔަކު ސުވާލެއް ނުއުފައްދަ އެވެ. އެކަން އޮންނަނީ އާދައިގެ ކަމަކަށް ވެފަ އެވެ.

އެކަމަކު އޭގެ ފަހަތުން އެއްބަޔަކު ކުރަނީ ރިޝަވަތާއި ފޯޖަރީގެ ތުހުމަތެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ބޭނުން ކޮށްގެން އެ އިން މާލީ މަންފާ ހޯދަމުން ދިޔަ ނަމަވެސް ދުވަހަކު ވެސް މިއިން މައްސަލައެއް ތަހުގީގެއް ނުކުރެ އެވެ.

"ހުރިހާ ކަމެއް ގުޅިފަ މި އޮތީ ފައިސާ އާ"

މި މައްސަލާގައި އެއްވެސް ސިޔާސީ ޕާޓީއެއް ސަލާމަތް ނުވާތީ ނަން ނުޖަހާ ގޮތަށް "މިހާރު" އާ ވާހަކަ ދެއްކެވި މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގައިގެން އެކަން ކުރަނީ ހަމައެކަނި "އެންމެ ބޮޑު ސިޔާސީ ޕާޓީއެކޭ" ބުނުމުގެ ބޭނުމުގައެއް ނޫނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މިދިޔަ އަހަރު ވެސް ހަ ސިޔާސީ ޕާޓީއަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެއީ؛

އެމްޑީޕީ - 15.1 މިލިއަން ރުފިޔާ

ޕީޕީއެމް - 10.4 މިލިއަން ރުފިޔާ

ޕީއެންސީ - 8 މިލިއަން ރުފިޔާ

ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ

އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

އެމްޑީއޭ: 2.4 މިލިއަން ރުފިޔާ

"އަބަދުވެސް ކެމްޕެއިން ކުރަން އެންމެ ގިނަ ފައިސާ އާއި ވަސީލަތްތައް މި އޮންނަނީ އެ އިރެއްގެ ވެރިކަން ކުރާ ޕާޓީއެއްގެ އަތުގައި. ވެރިކަމަށް އަންނަތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކަށް ވުމުގެ ބޭނުމަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަހަރު ވެސް އަދި މީގެ ކުރިން ވެރިކަން ކުރި ޕާޓީތަކުން ވެސް މަސައްކަތް ހިންގަނީ އެ ޕާޓީއެއްގެ ތެރޭގައި އެތައް ފައިސާތަކެއް ދައުރު ކޮށްގެނެވެ.

އީސީން ބޭއްވި އިންތިހާބެއް ތެރެއިން

އީސީން ބޭއްވި އިންތިހާބެއް ތެރެއިން

ފުރައިގެން ގެންނަ ކޮންމެ ފޯމް ސެޓަކަށް ވަކި އަދަދަކަށް ފައިސާ ދޭ ކަމުގެ ތުހުމަތުތައް އޮވެ އެވެ. އެ މަސައްކަތުގައި އުޅޭ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ޕާޓީގެ އެކްޓިވިސްޓުންނަށް އެލަވަންސްތަކެއް ދޭ ކަމުގެ ތުހުމަތު ކުރެ އެވެ. ބަޔަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ވިޔަސް ނުވަތަ ސަރުކާރުގެ ތެރެއިން ކަންކަން ކޮށްދީގެން ވިޔަސް ވަރަށް ފުޅާ ދާއިރާއެއްގައި ޕާޓީ އަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރެ އެވެ.

"މި ހުރިހާ ކަމެއް އެންމެ ފަހުސް ގޮސް މި ޖެހެނީ ފައިސާ އާ. ފޯމް ސެޓަކަށް ހާހުން އެބަ ދޭ. އެކަމަކު އެއަށް ހަރަދު ކުރާ ވަރަށް ވުރެ ގިނައިން ފަސް އަހަރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކަށް ލިބޭ ފައިސާ ދައުލަތުން ލިބޭނެ. ހަމަ ފައިދާގަ ކުރާ ވިޔަފާރިއެކޭ ބުންޏަސް ދޮގަކަށް ނުވޭނެ." އޭނާ ވިދާޅުވި އެވެ.

ފޯޖަރީގެ ކުށް، އެކަމަކު ކުރަނީ ކުޑަ ޖޫރިމަނާއެއް!

މި މައްސަލަ އާންމުވެފައި އޮތް ވަރުން މިކަން އާދައިގެ ކަމަކަށްވި ނަމަވެސް މި ދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. ފޯމް ފުރަނީ މީހެއްގެ ޒާތީ މައުލޫމާތު އޭނާގެ ހުއްދަ ނެތި ބޭނުން ކޮށްގެންނެވެ. ސޮއި ފޯޖު ކުރެ އެވެ. ނުބައި ފިންގަ ޕްރިންޓެއް ޖަހަ އެވެ.

ފޯޖަރީއަކީ ރާއްޖޭގައި ވެސް ޖިނާއީ ބޮޑު ކުށަކަށް ވާއިރު، އެ ކުށް ކުރި ކަމަށް ބެލެވޭ މީހާގެ ނަމާއި އައިޑީ ކާޑު ނަމްބަރާއި ގުޅޭނެ ފޯނު ނަމްބަރު ވެސް އެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ލިޔެފައި އޮވެ އެވެ. އަދި އެ ފޯމްތައް އީސީގައި ރައްކާކޮށްފައި ހުންނަ އިރު އެކަމަށް އެދޭ ކޮންމެ މީހަކަށް ފޯމުގެ ކޮޕީއެއް ވެސް އީސީން ދޫކުރެ އެވެ.

މީހުން އަމިއްލަ އަށް އެ ފޯމްތައް ހޯދައިގެން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅި ނަމަވެސް ދުވަހަކު ވެސް ތަހުގީގަށް ވާ ގޮތެއް ނޭނގެ އެވެ. ދެން ވެސް ފެންނަނީ ސަރުކާރު ބަދަލުވުމުން އެހެން ޕާޓީއަކަށް ނަން ބަދަލުކޮށްފައި އޮންނަ ތަނެވެ.

ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ވެސް އެމްޑީޕީން ވަކިވެފައި އޮތް ކަން އެނގިވަޑައިގަތީ އެ ޕާޓީން ވަކިވި މީހުންގެ ލިސްޓެއް އީސީން އެމްޑީޕީ އަށް ފޮނުވުމުންނެވެ.

އޭގެ ހަގީގަތް ބެއްލެވުމަށް ފޯމް ހޯދި އިރު ފޯމުގައި ޖަހާފައި އިނީ އެހެން މީހެއްގެ ފޮޓޯއެކެވެ. އެޑްރެސްގައި ދަފްތަރު ނަމްބަރު ޖަހާފައިވާ އިރު އޭނާ އާއި އޭނާގެ މަންމަގެ މައުލޫމާތުގައި ވެސް އޮތީ އެއް ދަފްތަރު ނަމްބަރެކެވެ. ކޮށްފައި އޮތް ސޮއި އައިޑީކާޑުގައި އޮންނަ ސޮޔާ އެއްގޮތަކަށް ވެސް ދިމައެއް ނުވެ އެވެ. އިނގިލީގެ ނިޝާން ޖެހި ގޮތެއް ވެސް ނޭނގެ އެވެ.

މި މައްސަލަ އަޅުގަނޑު ދުލެއް ނުކުރާނަން. މިއީ އެމްޑީޕީ ވެގެން ކުރާކަމެއް ނޫން. އަޅުގަނޑުގެ ޒާތީ މައުލޫމާތު ނަގައިގެން މިވަރު ކުރާއިރު އީސީ އަށް އެނގެން ވާނެ -- މަނަދޫ ތޯރިގު

"މި މައްސަލަ އަޅުގަނޑު ދުލެއް ނުކުރާނަން. މިއީ އެމްޑީޕީ ވެގެން ކުރާކަމެއް ނޫން. އަޅުގަނޑުގެ ޒާތީ މައުލޫމާތު ނަގައިގެން މިވަރު ކުރާއިރު އީސީ އަށް އެނގެން ވާނެ،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މިޑިއާގައި މި މައްސަލަ ފާހަގަ ކުރި އެހެން މީހަކު ވެސް ބުނި ގޮތުގައި އޭނާ ދުވަހަކު ވެސް ޕީއެންސީއާ ގުޅިފައި ނުވާ އިރު 2017 ވަނަ އަހަރު ޑީއެންއާރަށް ދިން ފޮޓޯއެއް ބޭނުން ކޮށްގެން ޕާޓީ އަށް ވައްދާފައިވާ ކަމަށެވެ.

މިފަދަ އެތައް މައްސަލައެއް ކޮންމެ އަހަރަކު ފެންމަތިވާ އިރު އެ މައްސަލަތަކަށް ވަނީ ކީއްތޯ ސުވާލު ކުރުމުން އީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެހެން މީހުންގެ މައުލޫމާތު ބޭނުން ކޮށްގެން ފޯމް ހުށަހަޅާފައިވާ ކަމުގެ އެތައް މައްސަލައެއް މިދިޔަ އަހަރުތަކު ތެރޭގައި އީސީ އަށް އަދި ފުލުހަށް ވެސް ހުށަހަޅާފައިވެ އެވެ.

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީން މާލޭގައި ދަމާފައިވާ ދިދަތަކުން ޝަހީދު އަލީ ހިނގުން ހިޔާވެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީން މާލޭގައި ދަމާފައިވާ ދިދަތަކުން ޝަހީދު އަލީ ހިނގުން ހިޔާވެފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު، ފުލުހުން ގިނަ ފަހަރަށް ކުރާ ތަހުގީގަކީ ޖަހާފައިވާ ފިންގަ ޕްރިންޓް ދިމާވޭތޯ ބެލުމެވެ. ބައެއް ފަހަރު ހެކިވެރިއަކަށް ހުންނަ މީހާ ހާޒިރުކޮށްގެން ސުވާލު ކުރެ އެވެ. އެހާ ހިސާބުން މައްސަލަ ނިންމައި އެއީ ސައްހަ ފޯމެއް ނޫން ކަން ކޮމިޝަނަށް އަންގަ އެވެ.

ފުލުހުން އެގޮތަށް އެންގުމުން އީސީން ކުރާ ކަމަކީ ޕާޓީގެ ރަޖިސްޓްރާ އާއި ހެކިވެރިންގެ ގޮތުގައި ޖަހާފައިވާ މީހުން ޖޫރިމަނާ ކުރުމެވެ. އެހާ ހިސާބުން މައްސަލަ ނިންމާލަ އެވެ.

"ގާތްގަނޑަކަށް 5،000ރ. ގެ ޖޫރިމަނާއެއް ކުރަނީ. ތަކުރާރު ވާ ނަމަ ޖޫރިމަނާ ބޮޑުވާ ގޮތަށް ގާނޫނުގައި އޮންނަނީ." އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއް ކުރާ ކަމެކެވެ. އަދި ފޯޖު ކޮށްގެން ހަދާ ފޯމެއް ހުށަހަޅާ ކޮންމެ ފަހަރަކު ޖިނާއީ ތަހުގީގެއް ކުރާ ނަމަ ނުބެދޭނެ އެއްވެސް ޕާޓީއެއް ނޯންނާނެ އެވެ. އަދި އެ މައްސަލަ ކޮންމެވެސް ވަރަކަށް މަދު ވެސް ވާނެ އެވެ.

ނަމަވެސް ފޯޖަރީގެ ބޮޑު ކުށެއް ކޮށްގެން އަދި އޭގެން މާލީ މަންފާ ހޯދައި، ދައުލަތުން ވެސް އެތައް މިލިއަނުން ފައިސާ ހޯދަމުން ދާއިރު މިއިން އެއްވެސް ކަމެއްގައި ޖިނާއީ ތަހުގީގެއް ނުކުރެ އެވެ. ބޮޑު ކުށެއް ކުރާކަމާއި އެކަން ކުރާ ފަރާތްތައް އެނގިތިބެ ނުބެލުމަކީ ފުލުހުންނާއި އީސީގެ ބޮޑު އިހުމާލެކެވެ.

15 އަހަރުން ހައްލެއް ނުވި، ފިޒިކަލް ފޯމަކުން ދެން ވެސް ނުވާނެ!

އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި ނުބައި މައުލޫމާތުތައް ހިމަނައިގެން ފޯމް ހުށަހެޅުމުގެ މައްސަލައަކީ މިދިޔަ 15 އަހަރުގެ ތެރޭގައި އެ ކޮމިޝަން ކުރިމަތިލާން ޖެހޭ އެންމެ ބޮޑު މައްސަލައެވެ.

އެކަން ހައްލު ކުރަން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވި އެއް ކަމަކީ ޕާޓީ އަށް ބަދަލުވުމުން އެ މީހެއްގެ ފޯނަށް ވެރިފިކޭޝަން މެސެޖެއް ކުރުމެވެ. ދެވަނަ ކަމަކީ ޕާޓީ ބަދަލު ކުރާ މީހުންގެ ލިސްޓެއް ކޮންމެ ފަހަރަކު އިއުލާން ކުރުމެވެ.

އެކަމަކު، އެ ލިސްޓު އިއުލާން ކޮށްގެން "އެއްވެސް މީހަކު ނުބަލާ" ކަމަށް ބުނެ އެކަން ކުރުން މިފަހުން ވަނީ ހުއްޓާލައިފަ އެވެ.

ޕާޓީ އަށް ބަދަލު ކުރާ މީހުންގެ ފޯނަށް މެސެޖު ކުރިޔަސް މި ފަހުން ދިމާވި މައްސަލަތަކުގައި މީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައި އޮތީ ފޯމުގައި ނުބައި ނަމްބަރެއް ޖަހާފައި އޮތުމުންނެވެ.

"އެއްވެސް އޮޕަރޭޓަރަކުން އަޅުގަނޑުމެންނަށް ކޮންފާމެއް ނުކޮށްދޭ މިއީ އަސްލު ނަމްބަރުތަކެއް ކަމެއް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯމްތަކުގައި ފިންގަޕްރިންޓް ޖެހި ނަމަވެސް އެ ވެރިފައި ކުރެވޭނެ ގޮތެއް ވެސް އީސީ އަކަށް ނޯވެ އެވެ. ފިންގަޕްރިންޓް ވެރިފައި ކުރެވޭނެ ނިޒާމް ގައިމް ކުރުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ހިމެނި ނަމަވެސް އެ ފައިސާ ދޫނުކުރާ ކަމަށް ހަސަން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަލަށް އައްޔަން ކުރެއްވި ހަސަން ޒަކަރިއްޔާ -- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަލަށް އައްޔަން ކުރެއްވި ހަސަން ޒަކަރިއްޔާ -- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ އަށް އޮތް ހައްލަކީ އީ ފާސް އަށް ބަދަލު ކުރުމެވެ.

"މިއަށް އޮތް ހައްލަކީ އީ ފާސް އަށް ބަދަލުކުރުން. މި އަހަރު ފަހުކޮޅަށް ދާއިރު އީ ފާސް އަށް ބަދަލު ކުރުމުގެ މަސައްކަތް އެބަ ކުރަން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އީ ފާސް ނިޒާމަށް ބަދަލު ކުރުމުން ސިޔާސީ ޕާޓީއަކަށް ވަދެވޭނީ އެ މީހެއްގެ އަމިއްލަ އީ ފާސް އެކައުންޓުން ވެރިފައި ވެގެންނެވެ. އޭރުން އެ މީހަކަށް ނޭނގި އެކަން ނުކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީން ކަން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރަން މީގެ ކުރިން ވެސް އެތައް ކަމެއް އީސީން ހުށަހަޅައި އެކަންކަން ތަންފީޒު ވެސް ކޮށްފައިވެ އެވެ. ނަމަވެސް މި މައްސަލަ އަސްލު ހުއްޓޭނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ވެރިކަން ކުރާ ޕާޓީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް މި ވާގޮތުގެ ރަނގަޅު ތަހުގީގެއް ކުރެވިގެންނެވެ.

ފޯޖަރީ އާއި ރިޝްވަތާއި ފައިސާ ހިމެނޭ ކަމުގެ ތުހުމަތު ކުރާއިރު، ބަލައި މިކަން ކުރާ މީހުންނާ މެދު ދައުވާ ކުރެވިގެންނެވެ.