Roadha Mihaaru

ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ބަލައިދޭން އެމްޑީޕީން ވެސް ޕޮލިހުގައި އެދިއްޖެ

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސައްހަ ނޫން މެމްބާޝިޕް ފޯމުތަކުގެ މައްސަލަ ބަލައިދޭން އެމްޑީޕީން ވެސް ޕޮލިހުގައި މިއަދު އެދިއްޖެ އެވެ.

ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޖެނުއަރީ 2025

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސައްހަ ނޫން މެމްބާޝިޕް ފޯމުތަކުގެ މައްސަލަ ބަލައިދޭން އެމްޑީޕީން ވެސް ޕޮލިހުގައި މިއަދު އެދިއްޖެ އެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީ އަށް މީހުން ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކުރުމަށް ފުލުހުންނާއި އޭސީސީއަށް އެ ޕާޓީން ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގައި ވެސް އެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އޮޅުވާލައިގެން ފޯމް ހުށަހަޅާ މައްސަލާގައި މިފަހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕީއެންސީއަށް ބަދަލުކުރުމުންނެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ބޭނުންކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕީއެންސީން ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް އެއްބަސްވެފަ އެވެ. އަދި އީސީން އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވާތީ، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.